ޕްރިމިއާ ލީގުގައި ކުޅޭ 6 ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކުލަބުތަކުން ޕްރެކްޓިސްތައް ފެށުމުގެ ކުރިން ކުޅުންތެރިން ކޮރޯނާ ވައިރަހަށް ޓެސްޓް ކުރި އިރު އެކި އެކި ޓީމުތަކުގެ ހަ ކުޅުންތެރިޔަކު ޕޮޒިޓިވް ވެއްޖެ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ލީގުގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމަށް ހުއްދަ ދީފައި ވަނީ އިންޑިވިޖުއަލް ފަރިތަކުރުންތަކަށެވެ. އެކަމަކު މި މަހުގެ ތެރޭގައި ގްރޫޕް ޓްރެއިނިންގްތަކަށް ފުރުސަތު ދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާ އިރު ދާދި ފަހުން ގައުމާ މޫހާތަބު ކުރައްވަމުން އެގައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވިދާޅުވީ އަންނަ މަހުގެ 12ގައި ޕްރިމިއާ ލީގު ފެށޭ ވަރުވާނެ ކަމަށެވެ.

އެކަމަކު ޕްރެކްޓިސްތައް ފެށުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ޖުމުލަ 748 ކުޅުންތެރިއަކާއި، އޮފިޝަލެއްގެ ސާމްޕަލް އިއްޔެއާއި މިއަދު ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން ހަ ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ އިރު އެއީ ކޮން ކުލަބެެއްގެ ކޮން ކުޅުންތެރިންނެއް ކަމަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ވުމާއެކު ޓީމުތަކުގެ ޓްރެއިނިންތައް އިތުރަށް ފަސްވާނެ ކަމަށް ބެލެވިފައިވާ އިރު ލީގު އަލުން ފަށާ ތާރީހަށް ވެސް ބަދަލެއް އައިސްދާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ލީގު މެދުކަނޑާލި އިރު ބާކީ 92 މެޗު އޮތުމާ އެކު ލީގު އަލުން ނުފެށިދާނެ ކަމަށް ބަލައި، ލީގު ކެންސަލް ކުރުމަށް ވެސް މީގެ ކުރިން ވާހަކަ ދެކެވުނެވެ. އެކަމަކު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދޭން ފެށުމުން ލީގު ނިންމާ ނުލާނެ ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ ބޮޑެތި ބައެއް ލީގުތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

comment ކޮމެންޓް