އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހިދާނެކަން އަންގައިފި

ވީއައިއޭގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓު ޖެއްސުން-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަށް މާލީ ބޮޑު ގެއްލުމެއް ލިބެމުން އަންނާތީ އަންނަ މަހުން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަތުވެދާނެކަން އަންގައިފިއެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ބޮޑު ގެއްލުން ކުޑަކުރުމަށް، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ ބައެއް މުވައްޒަފުންްގެ މުސާރައާއި އިނާޔަތް މިއަންނަ މަހުން ފެށިގެން ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މަޝްވަރާކުރަން އަންނަ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް އެމްއޭސީއެލްގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެނައުމަކީ އެ ކުންފުނިން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

"އެހެން ނަމަވެސް މިއީ މުޅި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމަކަށް ވީހިނދު، އެއާޕޯޓުގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެފައި ވުމުން، މިކަމުގެ ސަބަބުން މާލީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް ވެސް ދަނީ ކުރަމުންނެވެ." ސާކިއުލާގައި ބުނެފައިވެއެވެ.

އަދި މި ހާލަތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މިކަމުގެ އަސަރު، ކުރާވަރު ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

މަޝްވަރާތަކަށް ފަހު، ކަނޑައެޅޭ ނިންމުންތައް މީ އެންމެ އަވަސް ފުރުސަތެއްގައި މުވައްޒަފުންނާ ހިއްސާކުރާނެ ކަމަށް ސާކިއުލާގައި ވެއެވެ.

އެހެންކަމުން މިހާލަތުގައި ހަރަދުތައް ވީހާވެސް ކުޑަކުރުމަށާއި، މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވެ ތިބުމަށް ހުރިހާ މުވައްޒަފުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިިފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

https://sun.mv/136863

comment ކޮމެންޓް