މާލެއިން ރަށަށް ދާން ބޭނުން 830 މީހަކު ކަރަންޓީނަށް

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ރަށަށް ނުދެވި މާލޭގައި ތާށިވި މީހުންގެ ތެރެއިން 830 މީހަކު ކަރަންޓީނުކޮށްފިއެވެ.

މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން ވަނީ އެދިފައެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ ޒަރޫރީ ހާލަތްތައް މެދުވެރިވެ މާލެއިން ރަށަށް ދާންޖެހޭ މީހުން، އަމިއްލަ ރަށަށް ދިއުމުގެ ކުރިން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ޓެސްޓުކުރުމަށް ފަހު ރަށަށް ފޮނުވުމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާތަނަށް ރަށްރަށަށް ދާން ބޭނުންވާ މީހުންގެ ތެރެއިން 830 މީހުން ކަރަންޓީނަށް ފޮނުވާފައިވާ ކަމަށެވެ.

އަދި މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 1800 މީހަކު ރަށަށް ފޮނުވަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)، ޖެންޑާ މިނިސްޓްރީ އަދި ކައުންސިލްތައް ގުޅިގެން ވަނީ އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ "ފުރަބަންދު ލިސްޓު" އެކުލަވާލައިފަައެވެ.

މާލެ ސަރަހައްދުގައި ގާއިމުކުރާ ފުރަބަންދު ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ޖާގަ ލިބިފައިވަނީ 500 ފަރާތަކަށް ކަމަށާއި އަދި 500 ޖާގައިގެ ތެރެއިން އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅަކަށް ވެސް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރަން އިތުރު ރިން ރިސޯޓު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެއީ ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށްޓެވެ.

ކުރިއަށް އޮތް ދެ ހަފްތާއަކީ މިބަލީގެ ސާޖަށް މާލެ ދާނެކަމަށް ކަމާބެހޭ ސިއްހީ މާހިރުން ލަފާކޮށްފައިވާތީ، މާލެ ސަރަހައްދުގައި ފުރަބަންދުވުމުގެ ސަބަބުން ރަށްރަށަށް ގެންދާ ފަރާތްތައް ރަށްރަށުގައި ކަރަންޓީނު ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމުގައި ނުވާތީ އެފަރާތްތައް ރަށްރަށުގައި ކަރަންޓީނު ކުރުމަށްޓަކައި އެ ރަށްރަށުގައި 'ފުރަބަންދު މީހުން' ކަރަންޓީނު ކުރުމުގެ މަސައްކަތް އޮތީ މަޑުޖައްސާލައިފައެވެ.

comment ކޮމެންޓް