އިޓާލިއަން ލީގު އެންމެ އަވަހަށް ވެސް ފެށޭނީ ޖޫން 14 ގައި

އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ސަމްޕްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލާން ބަލިވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެދުކަނޑާލައިފައިވާ އިޓާލިއަން ލީގު އެންމެ އަވަހަށް ވެސް ފެށޭވަރު ވާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާ އެފްއައިޖީސީ އިން ބުނެފި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި މި މަހު ފަހު ކޮޅު ނުވަތަ ޖޫން ފެށޭހާ ތަނުގައި ލީގު އަލުން ފެށޭވަރު ވާނެކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އެގޮތުން މެޖޯރިޓީ ކުލަބުތަކުގެ ތާއީދާއެކު އިޓާލިއަން ލީގުގެ ކުޅުން ފެށުމަށް ކުރިން ތާވަލު ކުރެވުނީ ޖޫން 13 އެވެ. އެކަމަކު ޖޫން 15ގެ ކުރިން ލީގު އަލުން ނުފެށުމަށް އިޓަލީގެ ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

އިޓަލީގެ ކުލަބުތަކުން ރަސްމީކޮށް ޕްރެކްޓިސްތައް ފެށުމުގެ ކުރިން ވަނީ ހުރިހާ ކުޅުންތެރިން ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. ޓެސްޓްކުރުމުގެ ތެރޭގައި ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އިޓަލީގައި މިހާތަނަށް 226،000 މީހުންނަށް އެބަލި ޖެހިފައިވާ އިރު ޝިކާރައަކަށްވި 3،200 މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު އެބަލި މަޑު މަޑުން އެގައުމުގައި ކޮންޓްރޯލް ކުރެވިފައިވާ އިރު މިއަދު މަރުވި 99 މީހުންނަކީ މާޗް މަހުގެ ފަހުން އެގައުމުގައި އެ ބަލި ޖެހިގެން މަރުވި އެންމެ މަދު ދުވަހެވެ.

comment ކޮމެންޓް