ރޯދަމަހު އިރުއޮއްސިއްޖެކަން އަންގަން ސަންގުފުމޭ ރަށެއް!

އިރުއޮއްސުނު ކަން އަންގައި ދިނުމަށް އޮމަދޫގައި ސަންގު ފުމެނީ --- ފޮޓޯ: ގައްސާން ހުސައިން

ކޮންމެ ގައުމެއްގައި ވެސް އެ ގައުމުގެ ސަގާފީ ކަންތައްތަކެއް ހުރެ އެވެ. ރާއްޖެއަކީ ވެސް މުއްސަނދި ސަގާފަތެއް އޮތް ގައުމެކެވެ. އިހުޒަމާނުގައި ކުރަމުން އައި ރާއްޖެއަށް ހާއްސަ އެތައް ކަމެއް މިހާރު މި ވަނީ އުވިގެން ގޮސްފަ އެވެ. އެކަންތައްތައް ފެންނަން އޮތީ ހަމަ އެކަނި ފަތް ފުއްތަކުންނެވެ.

އިހްޒަމާނުގައި ކުރަމުން އައި ކަންތައްތަކުގެ ތެރެއިން ރާއްޖެއަށް ހާއްސަ އެއް ކަމަކީ މުއާސަލާތީ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ސަންގު ފުމުމެވެ. ސަންގު ފުމުމޭ ބުނުމުން އެއީ ކިހާވަރެއްގެ ކަމެއްކަން ފަހުގެ ޒުވާނުންނަށް ނޭނގި ދާނެ އެވެ.

"ނަމަވެސް އެ ފުމުގެ ސަބަބުން ރަށްރަށުގެ މުޅި ރައްޔިތުން ސަމާލުކަމަށް ގެނުވިއެވެ. އޭގެ ސަބަބުން، އެންމެންގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ. އޭގެ ސަބަބުން ރޯދަވެރިންނަށް އުފާވެރިކަން ދިނެވެ. އޭގެ ސަބަބުން ދިވެހި ފަރުތަކަށް ޙިމާޔަތް ލިބިގެން ދިޔައެވެ. އޭގެ ސަބަބުން ބައެއް މީހުން ފަނޑިޔާރުގެޔަށް ހާޒިރުކޮށް އަދަބު ވެސް ލިބިފައި އެބަހުއްޓެވެ." މިއީ ދިވެހި ތާރީހީ ލިޔުންތެރިއެއް ސަންގު ފުމުން ސިފަކޮށްފައިވާ ގޮތެވެ.

މިހާރު އެ ކަން މި ރާއްޖެ އިން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ފޮހެވިގެން ގޮސްފަ އެވެ. ނަމަވެސް އެ އާދަ ކާދަ ދިރުވާ ރަށެއް އެބަ އޮތެވެ. އެއީ އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ތ. އޮމަދޫ އެވެ.

މެދުނުކެނޑި ސަންގު ފުމޭތާ 13 އަހަރު!

ނުވަދިހާގެ އަހަރު ތަކުގައި ރާއްޖެއަށް ލައުޑް ސްޕީކަރު ވެރިވެގަނެ ދެހާހުގެ ކުރީ ކޮޅުގައި ސަންގުގެ ބޭނުން އެކީ ކެނޑިގެން ދިޔަ އެވެ. ނަމަވެސް 2007 އިން ފެށިގެން މެދު ކެނޑުމެއްނެތި ކޮންމެ ރޯދަ މަހެއްގައި އިރު އޮއްސިއްޖެ ކަން އަންގައި ދިނުމުގެ ގޮތުން އޮމަދޫގައި ސަންގު ފުމެ އެވެ. އޮމަދޫ ރައްޔިތުންގެ ބަހުރުވައިން ނަމަ "ހައްގޮވުން" އެ ރަށުގައި އަލުން ފެށީ އެ ރަށު އަބްދުލް މަޖީދު އިބްރާހިމް (މަޖީބެ) އެވެ.

މަޖީބެ މިއަދު "ސަން"އަށް ބުނީ ސަންގުފުމުން އަލުން ފެށުނީ، ކުރީގެ ކަތީބް އަދި އޭރު ރަށު އޮފީހުގެ ޒިންމާދާރު އިސްވެރިޔާ މަރްހޫމް އަހްމަދު އަބްދުﷲގެ އެދުމުގެ މަތިން އެވެ.

"އޭރު ވާގޮތަކީ އިރު އޮއްސޭ ވަގުތައް ދެ މިސްކިތުގެ ބަންގި ގޮވުން ތަފާތުވެފައި ދެން އަނެއްކާ ޖަނަރޭޓަރު ހުއްޓިއްޖިއްޔާ ބަންގީގެ އަޑެއް ނީވޭނެ. އެހެންވެ ރޯދަ ވީއްލުން އެ ދުވަސްވަރުގައި ތަންކޮޅެއް އުނދަގޫވެދާނެތީވެ އޭރުގައި ފެށުނީ. މިހާރު އަޅުގަނޑު ގޮއްވާތާ ވެސް 13 ވަރަކަށް އަހަރު މިވީ،" މިސްކިތުގެ މަސައްކަތުގެ މީހެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޖީބެ ބުންޏެވެ.

ރަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވެސް އެކަމަށް ތަރުހީބް ލިބޭކަން ފާހަގަކޮށް މަޖީބެ ބުނީ، ކަމެއް ދިމާވެގެން އެއް ދުވަހު ވެސް އޭނާއަށް ސަންގު ނުފުމުވެއްޖެ ނަމަ އަނެއް ދުވަހު އެކަމާއި ގުޅޭ ގޮތުން ރައްޔިތުން ސުވާލު ކުރާ ކަމަށެވެ.

"މިހާރު ވެސް އެހެން ބައެއް ދުވަސް ދުވަހު ޖަނަރޭޓަރު މައްސަލަ ޖެހިގެން ބަންގީގެ އަޑު ނީވޭ ދުވަސް އެބަ އާދޭ. އެހެންވެ އެ މީހުން ވެސް ބުނަނީ ސަންގު ފުމުމޭ ރަނގަޅީ. ދެން އެ މީހުންގެ ލަފަޔާއި އެކު ސަންގު މި ފުމެނީ،" އުމުރުން 58 އަހަރުގެ މަޖީބެ ބުންޏެވެ.

އިރުއޮއްސުނު ކަން އަންގައި ދިނުމަށް އޮމަދޫގައި ސަންގު ފުމެނީ --- ފޮޓޯ: ގައްސާން ހުސައިން

މަޖީބެގެ ވެސް އެންމެ ބޮޑު ކަންބޮޑު ވުމަކީ އޭނާ ނެތް ދުވަހަކުން އެކަން ކުރާނެ މީހަކު ނެތިދާނެ ކަމުގެ ބިރެވެ. އެކަން ދަސް ކުރުމަށް ދެތިން ޒުވާނުންނަށް ދައުވަތި ދިން ނަމަވެސް އެކަމަށް އެ ކުދިން އެހާބޮޑު ފަރުވާލެއް ނުބަހައްޓާ ކަން މަޖީބެ ފާހަގަކުރި އެވެ. އަދި އެކަން ދަސް ކުރަން ބޭނުން ކޮންމެ މީހަކަށް ވެސް ކިޔައިދޭން ތައްޔާރު ކަމަށް ވެސް މަޖީބެ ބުންޏެވެ.

ރައްޔިތުން ތިބެނީ 'ހައްގޮއްވާ' އަޑަށް ކަންފަތް ދީގެން!

ގޭގެ އެންމެ އެތެރެއަށް ސަންގު ފުމޭ އަޑު ނުއިވުނު ނަމަވެސް ދޮރު މައްޗަށް ނިކުމެލުމުން ސާފުކޮށް "ހައްގޮއްވާ" އަޑު އިވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މެދު އުމުރުގެ މީހަކު ބުންޏެވެ. އިރު އޮއްސިއްޖެ ކަން އަންގައި ދިނުމުގެ ގޮތުން ބަންގި ގޮވުމުގެ ކުރިން އެ ރަށުގައި ސަންގު ފުމޭއިރު އެ އަޑު އަހަން ވެސް ވަރަށް ގިނަ މީހުން ނިކުމެ ތިބޭ ކަން އެ ރަށުން ވާހަކަ ދެއްކި މީހަކު ފާހަގަކުރި އެވެ.

"އެގަޑީގައި އާންމުކޮށް މިގޭ ކުޑަ ކުދިންތައް ވެސް ނިކުންނާނެ ބޭރަށް. ހައްގޮއްވައިފިއޭ ކިޔާ ދުވެފައި ވަންނާނެ ގޭ ތެރެއަށް. އެކުން ދެން މާ ގަޔާވާ ކަމަކަށް ވެފައި އޮންނަނީ. އޭރު ދެން ޓީވީން ބަންގި ވެސް ގޮވާނެ،" އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

އިރުއޮއްސިއްޖެ ކަން އަންގައި ދިނުމުގެ ގޮތުން ސަންގު ފުމެނީ އެ ރަށުގެ ކުޑަ މިސްކިތް ކުރިމަތީގަ އެވެ. އެ މިސްކިތް ހުންނަނީ ރަށުގެ މެދެއްހާ ހިސާބުގަ އެވެ. އެހެން ކަމުން އެ ސަރަހައްދުގެ ގެ ތަކަށް ސަންގު ފުމޭ އަޑު ސާފުކޮށް އިވޭއިރު އެންމެ ދުރުގައި ހުންނަ ގޭގެ ދޮރު މައްޗަށް އެ އަޑު ދާ ކަމަށް އެ ރަށު ޒުވާނާކު ކިޔައިދިނެވެ.

އިހު ޒަމާނުގައި ސަންގު ފުމުން

މީގެ 40 އަށް އަހަރު ކުރިޔަށް ބަލާއިރު، އެޒަމާނުގައި ރޭޑިޔޯއެއް ހުންނާނީވެސް މަދު ގެއެއްގަ އެވެ. އާންމުކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި ގަޑިއެއްވެސް ހުންނަނީ މިސްކިތްތަކާއި، ރަށު އޮފީހުގަ އެވެ. ޓީވީ، އޭރު އަދި ގިނަ ދިވެހިން ހަމަ ލޮލުންވެސް ނުދެކޭނެ އެވެ. އެހެންކަމުން، ރޯދަ ވީއްލަންވެއްޖެކަން އަންގަނީ ރަށު އޮފީހުންނެވެ.

ކޮންމެ ދުވަހަކު، އިރު އޮއްސެން ކައިރިވީމާ، ރަށުގެ މެދުތެރޭގައި ހުންނަ އެންމެ ދިގު ރުކަށް ރަށު އޮފީހުގެ ޕިޔޯނު ސަންގެއް ހިފައިގެން އަރާނެ އެވެ. އޭނާގެ ކަމަކީ އިރު ފެނުޖެހޭތޯ ބެލުމެވެ. އިރު އޮއްސިއްޖެކަން މުޅިން އޭނާއަށް ޔަގީންވުމުން، ރުކުކުރީގައި އޮވެފައި އޭނާ ފަސް ފަހަރު ސަންގުފުމެ އެވެ. އެހިސާބުން ރަށު އެންމެން ރޯދަވީއްލާނެ އެވެ.

އޮމަދޫއިން މި އިއާދަ ކުރަނީ އެ ތާރީހެވެ. އޮމަދުއަށް ރޯދަ މަހެއް އައިކަމަށް ވަނީ ސަންގު ފުމުނީމަ އެވެ.

comment ކޮމެންޓް