ގެސްޓުހައުސްތައް ހުޅުވާލެވޭނީ އޮގަސްޓް މަހު ކަމަށް ލަފާކޮށްފި

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް19 ގެެ ހާލަތަށް ފަހު ރާއްޖޭގެެ ގެސްޓުހައުސްތައް ހުޅުވާލެވޭނީ މިއަހަރުގެ އޮގަސްޓުގައި ކަމަށް ލަފާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމް ގައިޑްލައިން ޑްރާފުޓު ބުނާ ގޮތުން މި އަހަރުގެ އޮގަސްޓު އެކަކަށް ގެސްޓުހައުސްތައް ހުޅުވާލެވޭނެ އެވެ.

ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނެވޭނީ ސޭފް ޓޫރިޒަމް ލައިސަންސެއް އޮވެގެންނެވެ. މި ލައިސަންސް ދޫކުރާނީ ކަނޑައެޅިފައިވާ މިންގަނޑުގެެ ތެރެއިން އެ ގެސްޓްހައުސްއެއް ހިންގާ ރަށެއްގެ ކައުންސިލުންނެވެ.

ގެސްޓުހައުސްތަކަށްް އަންނަ ޓޫރިސްޓުންނަށް، އެމީހަކު ބުކިން ހަދާފައިވާ ގެސްޓުހައުސްއަކަށް ދެވޭނީ އޮން އެރައިވަލް ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވްކޮށް ލިބުމުންނެވެ.

ގެސްޓްހައުސްތަކުން ހިދުމަތްދޭ އިރު ސަލާމަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް ގައިދުރުކަމަށް ސަމާލުކަން ދިނުމަށާއި ރަށުގެ ރައްޔިތުން ވެސް ފަތުރުވެރިންނާ ގައިދުރުކަން ބެހެއްޓުމަށް ވަނީ ބުނެފަ އެވެ.

ގައިޑްލައިންގައި ބުނާ ގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ މީހުންގެ ކޮންޓެކްޓް ލޮގެއް ބަލަހައްޓަންވާނެ އެވެ. ފަތުރުވެރިއެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެޗްޕީއޭ އަށް އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާ އިރު ރިސޯޓުތަކަށް ޖެޓުތަކާއި ސުޕަޔޮޓުތަކުގައި އަންނަ މީހުންނަށް ޖޫން އެކަކުން ފެށިގެން ވިސާ ދޫކުރަން ފެށޭނެ ކަމަށް ގައިޑްލައިންގައި ލަފާކޮށްފައިވެ އެވެ. ޗާޓަރު އަދި ކޮމާޝަލް ފްލައިޓުތަކަށް ޖުލައި މަހު ހުޅުވާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވާތީ، އަލުން ވިޔަފާރި ކޮޅަށް ޖަހަން ހައެއްކަ މަސް ހޭދަވާނެ ކަމަށާއި، އެ މުއްދަތުގައި އެކަނި ވެސް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކުރިއަށް ގެންދިޔަ ސާވޭ އަކުން ވަނީ ދައްކައިފަ އެވެ.

comment ކޮމެންޓް