އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސުން: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީ -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އަކީ ކެޓަގަރީ އޭގެ ކުންފުންޏަކަށްވުމާއެކު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކަކީ އެ ކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތައް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި ގުޅިގެން މީޑިއާގައި އާންމުވެފައިވާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކާއި ބެހޭގޮތުން އެކި ގޮތްގޮތަށް ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ ކަމަށް ފެންނަ ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނީ މި ސަރުކާރު އައުމުގެ ކުރިން އެ ކުންފުނީގެ އެމްޑީންގެ މުސާރަތައް ކަނޑައަޅަމުން ގޮސްފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

ނަމަވެސް މި ސަރުކާރު އައުމަށްފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިފިޔަވަޅުތަކާއެކު މިހާރު ކުންފުނީގެ އެމްޑީންގެ މުސާރަ ކަނޑައަޅަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ކުންފުނިތައް ގިންތި ކޮށް މުސާރަތައް ކަނޑައަޅާފައިވާގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މުސާރައާއި އިނާޔަތްތައް ބިނާވެގެންވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާފޯމެންސް ލަނޑުދަނޑުތަކާއި، އަދި ކީ ޕާފޯރމެންސް އިންޑިކޭޓާރސް (ކޭޕީއައި) ހާސިލް ކުރާ މިންވަރުގެ މައްޗަށެެވެ. އަދި މި ކުންފުނި ގިންތި ކުރެވިގެންދަނީ ”A“ ކެޓަގަރީގައި ކަމަށްވާއިރު، އެ މުސާރައާއި އިނާޔަތްތަކަކީ މިކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްޓެލްކޯގެ ބަޔާނުގައި ބުނީ ކުންފުނިން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި، ކުރަމުންދާ މަސައްކަތްތައް އާންމުންނާއި ހަމަޔަށް މީޑިއާއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް ކުންފުނި ހަދާފައިވާނެ ކަމަށެވެ.

ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް މައުލޫމާތެއް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ޖެހިލުމެއްނެތި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެމުންގެންދާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނާއި، ރައްޔިތުންނަށް ދޭކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެެ.

ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް، ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވި ސިޓީއެއް ލީކްވި މައްސަލަ ބަލައި ދިނުމަށް ސްޓެލްކޯއިން ވަނީ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް