ޑިސެންބަރު މަހުގެ ސުނާމީ އާއި ދިވެހީން

ދިވެހިރާއްޖޭގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ މުސީބާތަކީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ އަށް ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ އެވެ.

މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ. އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީގެ ސަބަބުން ދިވެހިރާއްޖޭގެ އެތައް ބަޔަކު ހާލުގައި ޖެހުނު އިރު، އެ ފަރާތްތަކަށް އެހީވުމުގައި ދިވެހީން ދައްކާފައި ވަނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ މަތިވެރި ރޫހުގައި ތިބިކަމެވެ.

މިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވަން 16 ޖަނަވަރީ 2005ގައި ވަޒީރުންގެ މަޖިލީހުން ނިންމެވި އެވެ. ހަމަ މި ޖަލްސާގައި ވަޒީރުންގެ މަޖިލީހުން ވަނީ ސުނާމީ ކާރިސާއާ ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން ދިވެހި ގައުމުގެ ދިދަ، 30 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ނިންމަވައިފަ އެވެ.

ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކުރީ 26 ޑިސެންބަރު 2005 ވީ ހޯމަ ދުވަހު އެވެ. އެއީ މީގެ ހަ އަހަރު ކުރިންނެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް ފެށިފައި ވަނީ 2005 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ ފަތިސް ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރި ހާއްސަ ދުއާއަކަށް ފަހު އެވެ. އަދި ރާއްޖެ އަށް ސުނާމީ އެރި ވަގުތުކަމަށް ރެކޯޑު ކުރެވިފައިވާ ވަގުތު ކަމުގައިވާ 9 ގަޑި 20 މިނެޓުގައި ސުނާމީގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ކާރިސާގެ ހަނދާން އައު ކުރުމުގެ ގޮތުން އެއް މިނެޓުގެ ސުކޫތެއް ގެނެވުނެވެ. މި ދުވަހުގައި ރާއްޖޭގެ ހުރިހައި ހިސާބެއްގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށް ގެންދެވިފައިވެ އެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ލޮނު ޒިޔާރަތްކޮޅުގެ އިރުދެކުނު ކަނާ ދިމާލުން ތޮށިގަނޑުން ބޭރުގައި ބިނާ ކުރެވުނު ސުނާމީ ބިނާގެ ބިންގައު އެޅުމުގެ ރަސްމިއްޔާތެވެ. މާފަންނު ތިލާކޮޅު އިބްރާހީމް ނީޝާމް ފަރުމާކުރި މި ބިނާގެ ބިންގައު އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސުނާމީއާ ގުޅިގެން ވަގުތީ ގޮތުން އުފެއްދެވި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަކީ ދާއިމީ ތަނެއްގެ ގޮތުގައި ހަމަ ޖެއެްސުމަށް ސަރުކާރުން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި، ޕްލޭނިން މިނިސްޓްރީ އާއި ޔޫއެންޑީޕީ އަދި ސުނާމީގެ ކަންތަކާ ގުޅިގެން އެހީތެރިވުމުގެ ގޮތުން ހަރަކާތްތެރިވި އެތައް ފަރާތެއް ގުޅިގެން ސުނާމީއާ ގުޅޭ ގޮތުން ތައްޔާރު ކުރި ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވުމާއި، ސުނާމީގެ ހަނދާންތައް އައުކޮށްދޭ ކުރެހުންތަކެއް ހިމަނައިގެން ޣިޔާޘުއްދީނު ސްކޫލުގައި ކުރެހުމުގެ މައުރަޒު ހިމެނެއެވެ. މި މައުރަޒުގައި ގާތްގަނޑަކަށް 250 ކުރެހުން ބައިވެރިކޮށްފައިވެއެވެ.

ސުނާމީއަށް ފަހު އަނެއްކާ ވެސް މިއަދު އައު އަހަރެއް ގުނިގެންދަނީ އެވެ. ސުނާމީގެ ސަބަބުން މުޅީން އަލަށް ތަޖްރިބާ ކުރެވުނު އެތައް ކަމެއް މާޒީގެ ހިރަފުހުގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ އިރު، ކޮންމެހެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ޒިކުރާ އައު ކުރުމަކީ މުހިންމު ކަމެކެވެ. އަދި ހަމަ އެހެންމެ ސުނާމީގައި ލިބުނު ބައެއް ގެއްލުންތައް އަދިވެސް ވަނީ ފޫނުބެދިފަ އެވެ.

ސުނާމީގެ ސަބަބުން ރާއްޖޭގެ ތިން ރަށެއް މުޅީން ފަޅުވި އެވެ. އެއީ ރ. ކަނދޮޅުދޫ އާއި މ. މަޑިފުށްޓާއި ދ. ގެމެންދޫ އެވެ. އަދި ހަމަ އެހެންމެ ކުރީން ފަޅު ރަށެއްގެ ގޮތުގައި އޮތް ރ. ދުވާފަރު، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަ ޖެހިގެން ދިޔަ އެވެ. އެއީ ސުނާމީގެ ސަބަބުން މީހުން ބަދަލު ކުރަން ޖެހުނު ރ. ކަނދޮޅުދޫ މީހުން އާބާދު ކުރުމަށެވެ. މ. މަޑިފުށީ މީހުން އދ. މާމިގިލީގައި ވަޒަންވެރި ކުރެވުނު އިރު ދ. ގެމެންދޫ މީހުން ވަޒަންވެރި ކުރެވުނީ އެ އަތޮޅު ކުޑަހުވަދޫގަ އެވެ. މި ގޮތުން ސުނާމީގައި ގެއްލުން ލިބުނު ބައެއް ރައްޔިތުން މިހާރު އުފަލާ އެކު ދިރިއުޅެމުން ދިޔަ ނަމަވެސް މީގެ ހަތް އަހަރު ކުރީން ކުރިމަތިވި ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ބައެއް ރައްޔިތުން އަދިވެސް ތިބީ ވަގުތީ ހިޔަލުގައިކަން ފާހަގަކޮށްލަން ޖެހެ އެވެ.

މި ގޮތުން މ. ކޮޅުފުށީގެ އެތައް ބަޔަކު ދިރިއުޅެމުން ދަނީ އަދިވެސް ވަގުތީ ހިޔަލުގައެވެ. މި ޑިސެންބަރު މަހުގެ ރެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަގުތީ ހިޔަލުގެ ބައެއްގައި ރޯވެ އަނދައި ހުލިވުމުން 100 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ. ކުޅުފުށީގެ ރައްޔިތުންނަށް ދާއިމީ ހިޔަލެއް ނުލިބި ލަސްވުމުގައި އެތައް ސަބަބެއްވެއެވެ. މިގޮތުން ކޮޅުފުށީގައި ގެތައް އިމާރާތް ކުރުމަށް ބްރިޓިޝް ރެޑް ކްރޮސްއިން 2006 ގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓް ހުއްޓާލީ އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ގޮތަކާމެދު ރައްޔިތުންނަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ. އޭގެ ފަހުން ސަރުކާރުން އަޅަން މަސައްކަތްކުރި ގެތަކުގެ މަސައްކަތް ވެސް ފުރިހަމަ ގޮތުގައި ކުރިޔަށް ނުގެންދެވުނީ ރައްޔިތުންގެ ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.

ބައެއް ރައްޔިތުން މި ގޮތަށް ވަގުތީ ހިޔަލުގައި ދުވަސްތައް ވޭތުކުރަމުންދާއިރު، ލ. އަތޮޅުގައި އިމާރާތް ކުރި ބައެއް ގެތައް އެއްވެސް ބަޔަކާ ހަވާލު ނުކުރެވި ހަލާކުވަމުންދާކަން ވެސް ހިތާމައާއެކު ފާހަގަކުރަން ޖެހެއެވެ. ސުނާމީގައި ހާލުގައިޖެހުނު ލ. މުންޑޫ އާއި ލ. ކަޅައިދޫ މީހުންނަށް ފްރެންޗް ރެޑް ކްރޮސް އިން ގަމުގައި އަޅައިދިން ގެތަކާއި ސަރުކާރުން އެޅި ގެތަކުގެ ތެރެއިން ބަޔަކާ ހަވާލު ނުކުރެވި ބާކީ ހުރި 17 ގެ ވިއްކުމަށް ސަރުކާރުން ހަވާލުކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެވެ. 15 އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކު 2500ރ. ދައްކައި ހަލާސްކުރާ ގޮތަށް، އެޗްޑީސީން އެ ގެތައް ވިއްކުމަށް ގަސްތުކޮށްފައި އޮތީ ލ. އަތޮޅާއި ތ. އަތޮޅުގެ ރައްޔިތުންގެ ތެރެއިން އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށެވެ. 4000 އަކަފޫޓޫގެ ގޯތިތަކުގައި ބިނާ ކުރެވިފައިވާ މި ގެތަކަކީ ތިން ކޮޓަރީގެ ގެތަކެވެ. އެޗްޑީސީން މި ގެތައް ވިއްކަން އުޅުމުން، ކައުންސިލުން ފާސްކުރި ގަރާރަކާ ގުޅިގެން އެ ގެތައް ވިއްކުމުގެ ކަންތައް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ. މިހާރު އެ ގެތައް ދަނީ ބޭނުމެއް ނުހިފި ވީރާނާ ވަމުންނެވެ. އެ ގެތަކުގައި ހުރި ފަރުނީޗަރާއި ބޯފެން ނެގުމަށް ބެހެއްޓި ކަޅުހަންތައް ވެސް މިހާރަކު ފެންނާކަށް ނެތެވެ.

ސުނާމީގެ ސަބަބުން ކުރިމަތި ކަންތައްތަކުގެ ތެރެއިން މިހާތަނަށް ހައްލު ނުކުރެވި ހުރި ކަންތައް ހައްލު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސުނާމީ ކޮމިޓީން ވަނީ މަޖިލީހަށް ކަންތައްތަކެއް ހުށަހަޅާފައެވެ. މި ގޮތުން ރ. ދުވާފަރާއި ތ. ވިލުފުށީގެ ކޮންމެ ގެއަކަށް 25000ރ. އާއި 50000ރ. ދެމެދުގެ އަދަދަކަށް ފައިސާ ދިނުމަށްޓަކައި އެކަން 2012 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށާއި ސުނާމީގައި ހާލުގައި ޖެހުނު މ. ކޮޅުފުއްޓާއި ތ. މަޑިފުއްޓާއި ގއ. ވިލިގިލި، ދާންދޫ، މާމެންދޫ އަދި ފ. ނިލަންދޫގައި ބިނާކޮށްފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ 14 ބިލިއަން ރުފިޔާގެ ބަޖެޓުގައި ފައިސާ ހިމެނުމަށް ވެސް ސުނާމީ ކޮމިޓީން ވަނީ އެދިފައެވެ. ސުނާމީ ކޮމިޓީގެ ސިޓީ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީ އަށް މިހާރު ފޮނުވިފައިވާއިރު، ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކުން ހޭދަ ކުރަމުންދާ ހިތްދަތި ދުވަސްތަކަށް އަވަސް ނިމުމެއް އައުމަކީ މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ދެކެން ބޭނުންވާ މަންޒަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް