ލަންކާގެ ދެމަފިރިއަކު ކައިވެނި ޕާޓީ ކެންސަލްކޮށް، ބަދަލުގައި ފަގީރުންނަށް އެހީވެއްޖެ

ދަރުޝަނަ އާއި ޕަވާނީގެ ކައިވެންޏަށް ފަހު ދެމަފިރިން އަވަސްވެގަތީ ހަދިޔާ ބަހަން -- ފޮޓޯ: އޭޕީ

ދުނިޔޭގެ ގިނަ ލޯބިވެރިން ފަދައިން، ލަންކާގެ ދަރުޝަނަ ކުމާރަ ވިޖެނަރަޔަނަ އާއި ޕަވާނީ ރަސަންގަ ފުރަތަމަ ބޭނުންވީ އެ ދެ މީހުންގެ ކައިވެނީގެ ގުޅުން ފާހަގަ ކުރުމަށް މިއަހަރު ބޮޑު ހަފްލާއެއް ބޭއްވުމަށެވެ. ނަމަވެސް އެއީ ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރި، ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުމަށް ހުރަސް އެޅިގެން ދިޔުމުގެ ކުރިންނެވެ.

އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން ދަރުޝަނަ ބުނި ގޮތުގައި ލަންކާގައި ބަލިމަޑުކަން ފެތުރި، ފުރަބަންދު ކުރި އިރު އޭނާ އާއި ޕަވާނީ ތިބީ މިދިޔަ މަހުގެ 27ގައި ބާއްވަން އޮތް ކައިވެންޏަށް ހުރިހާ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.

"އޭރު އަޅުގަނޑުމެން ވަނީ ހުރިހާ ތައްޔާރީތަކެއް ވެފަ. ހެދުމާއި އަނގޮޓި އާއި ކޭކު ވަނީ އޯޑަރުކޮށްފަ. ހަފްލާ ބާއްވާނެ ތަނެއް ވަނީ ބުކްކޮށްފަ. އަޅުގަނޑުމެން އުޅުނީ ޕާޓީއަށް 250 މީހުންނަށް ދައުވަތު ދޭން،" ދަރުޝަނަ ބުންޏެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން 100 މޭލު ދުރުގައި އޮންނަ މަލިމްބަދައިގައި ދިރިއުޅޭ ދަރުޝަނަ ބުނި ގޮތުގައި ފުރަބަންދުގެ ސަބަބުން އޭނާގެ އާއިލާ އާއި އެކުވެރިން ލަފާ ދިނީ ކައިވެނި ފަސް ކުރާށެވެ. ނަމަވެސް އޭނާ އާއި ޕަވާނީ ނިންމީ ކައިވެނިކޮށް، ތަފާތު ގޮތަކަށް އެ ގުޅުން ފާހަގަ ކުރާށެވެ.

ދަރުޝަނަ އާއި ޕަވާނީ ވަނީ ކުޑަކުދިންގެ ބޮލުގައި އަޅާ ބޭންޑާއި ކުޅޭ ތަކެތި ހަދިޔާކޮށްފަ -- ފޮޓޯ: އޭޕީ

އެގޮތުން ކައިވެނި ބާއްވަން އޮތް ދުވަހު އާއިލާގެ ބައެއް މެމްބަރުންނާއި އެންމެ ގާތް އެކުވެރިންގެ ކުރިމަތީގައި އެ ދެ މީހުން ކައިވެނި ރެޖިސްޓާ ކުރި އެވެ. އެއަށް ފަހު ދެމަފިރިން އަވަސްވެގަތީ ފުރަބަންދުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނާއި ފަގީރުންނަށް ކާނާ އާއި އެކި ބާވަތުގެ ހަދިޔާ ބެހުމަށެވެ.

އެ ދެމަފިރިން ކައިވެނީގެ ހެދުމުގައި ތިބެ ހަދިޔާތައް ބަހަމުން ދިޔަ އިރު، ހަދިޔާ ލިބުނު ފަރާތްތަކުގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެންނަ މަންޒަރު ފޮޓޯތަކުން ފެނިގެންދެ އެވެ. އެދެމަފިރިން ވަނީ އާއިލާތަކަށް ކާބޯތަކެތި ބެހުމުގެ އިތުރުން ކުޑަކުދިންނަށް ބޮލުގައި އަޅާ ބޭންޑާއި ކުޅޭ ތަކެތި ދީފަ އެވެ.

ދަރުޝަނަ ކުޑަ ފިހާރައެއް ހިންގާ އިރު ޕަވާނީ އަކީ ސްކޫލެއްގެ ލެބް އެސިސްޓެންޓެކެވެ. އަދި އެ ދެމަފިރިންގެ ދީލަތިކަމަށް ތައުރީފުކޮށް ޝުކުރު އަދާ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން އެ ދެމަފިރިންނަށް ގުޅާ، ފިހާރައަށް ޒިޔާރަތް ކުރާ ކަމަށް ދަރުޝަނަ ބުންޏެވެ.

"[އެހީ ފޯރުކޮށްދިނުމަކީ] އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއް. އެމީހުންގެ މޫނުމަތިން، ހާއްސަކޮށް ކުޑަކުދިންގެ މޫނުމަތިން އެ އުފާވެރިކަން ފެނުމުން... އަޅުގަނޑުމެންނަށް ލިބޭ އުފާވެރިކަން ބަޔާންކޮށްދޭންވެސް ނޭނގެ،" ދަރުޝަނަ ބުންޏެވެ.

ލަންކާއިން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެއީ އެގައުމަށް ދިޔަ ޗައިނާގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އަދި ލަންކާގެ މީހަކު ވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ މާޗް 11އިގަ އެވެ. އޭގެ ފަހުން އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ގިނަ ވިޔަފާރިތައް ބަންދުކޮށްފަ އެވެ. ނަމަވެސް މިމަހު އެގައުމުން ވަނީ ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ. އަދި އާދިއްތަ ދުވަހު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބަލި ކޮންޓުރޯލްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް