ވައިއާރްއެފްގެ ފިލްމުތައް އޮންލައިންކޮށް ރިލީޒެއްނުކުރާނެ

ޔަޝްރާޖް ފިލްމްސްގެ އެއްވެސް ފިލްމެއް ޑިޖިޓަލްކޮށް ރިލީޒެއް ނުކުރާނެ---

އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްވެސް ފިލްމެއް އަވަސްއަރުވާލައިގެން އޮންލައިންކޮށް ރިލީޒްނުކުރާނެކަމަށް ވައިއާރްއެފްގެ ޓީމުން ބުނެފިއެވެ.

އެ ޓީމުން ބުނީ ބޮޑު ސްކްރީނުގައި އެޅުވުމަށް ބުރަ މަސައްކަތުން ތައްޔާރުކުރާ ފިލްމެއް ޑިޖިޓަލްކޮށް ރިލީޒްކުރުމަކީ ފިލްމަށް ދެވޭ ނާއިންސާފެެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސިނަމާތަށް މުއްދަތެއް ނެތް ގޮތަކަށް ބަންދުކޮށްފައިވާތީ ބޮލީވުޑްގެ ފިލްމުތަކެއް އޮންލައިންކޮށް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ވައިއާރްއެފްގެ "ސަންދީޕް އޯރު ޕިންކީ ފެރާރް" ވެސް ޑިޖިޓަލްކޮށް ރިލީޒްކުރާނެކަމަށް މީގެ ކުރިން އަޑުފެތުރިގެން ދިޔަ ނަމަވެސް އެކަން ޔަޝްރާޖް ފިލްމްސްގެ ވައިސް ޕްރެޒިޑެންޓެއް ކަމަށްވާ ރޯހަން މަލްހަތްރާ ވަނީ ދޮގުކޮށްފައެވެ. ވައިއާރްއެފުން މީގެ ކުރިންވެސް ގެންގުޅޭނެ އުސޫލަކީ ފިލްމު ފުރަތަމަ ސިނަމާތަކުގައި ދެއްކުމަށްފަހު އެ ފިލްމުތައް ފަހުން ސްޓްރީމިންއަށް ދޫކޮށްލުމެވެ.

ވައިއާރްއެފް އިން މިއަހަރު ރިލީޒްކުރަން ތާވަލްކޮށްފައިވާ ފަސް ފިލްމެއް އެބައޮތެވެ. އެއީ ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާންގެ "ބަންޓީ އޯރް ބަބްލީ 2"، އަރުޖުން ކަޕޫރާއި ޕަރްނިތީ ޗޯޕްރާގެ "ސަންދީޕް އޯރު ޕިންކީ ފެރާރް"، އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ، ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖަޔޭޝްބާއީ ޖޯރްދާރް"ގެ އިތުރުން ރަންބީރު ކަޕޫރުގެ "ޝަމްޝޭރާ"އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ފިލްމު ކުންފުނި ޔަޝްރާޖް ފިލްމްސް އަށް މިއަހަރު 50 އަހަރު ފުރޭނެއެވެ.

comment ކޮމެންޓް