ނިއު ނޯމަލްއާ އެކު ކުޅިވަރުތަކަށް ވާނޭ ގޮތަކާ މެދު މަޝްވަރާ ކޮށްފި

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާ އެކު މިނިސްޓަރ މަހްލޫފް ރޭ ބޭއްވި ވީޑިއޯ ކޮންފަރެންސް ---

ފަސޭހަ ކަމާއި އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު ދިރިއުޅެން ފަށާއިރު ކުޅިވަރުތަކަށް ވާނޭ ގޮތަކާ މެދު މިނިސްޓަރު މަހްލޫފް، އެސޯސިއޭޝަންތަކާ އެކު މަޝްވަރާ ކޮށްފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ އެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓްގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަނާއި މަރުކަޒުތައް ބަންދުކުރީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

އެއަށްފަހު އަދިވެސް ކުޅިވަރުތައް ފެށޭނެ ތާރީހެއް ބުނަން ނޭންގޭ އިރު ބައެއް އެސޯސިއޭޝަން ތަކުން މިއަހަރަށް ތާވަލުކޮށްފައި ހުރި މުބާރާތްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އަދި އެހެންމެ ބައެއް އެސޯސިއޭޝަންތަކުން މިހާރު ވަނީ ބޮޑެތި މުބާރާތްތައް ވެސް ނުކުޅެ ކެންސަލް ކޮށްފަ އެވެ.

އެއާއެކު ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް ވެސް ވަނީ މެދުކެނޑުމަކަށް އައިސްފަ އެވެ. އަދި ޕްރެކްޓިސްތައް ކުރިއަށް ނުދާތީ ކުޅުންތެރިންނަށް ސަރުކާރުން ދޭ 5،000 ރުފިޔާގެ އެލަވަންސް ވެސް މި ދުވަސްވަރު ނުދޭން ވަނީ ނިންމާފަ އެވެ. އެއާ އެކު ކުޅިވަރު ހަރަކާތްތަކުން ދިރިއުޅުމަށް އާއްމުދަނީ ހޯދާ ބައެއް ކުޅުންތެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރޭގެ ވަގުތެއްގައި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވަނީ ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާ އެކު ވީޑިއޯ ކޮންފަރެންސެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަހްލޫފް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ޕްރޮޑަކްޓިވް ބައްދަލުވުމެއް ކަމަށާއި، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، ކުޅިވަރު އެކެޑެމީތަކަށް އެލަވަންސްތައް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ނިއު ނޯމަލްއާ އެކު ކުޅިވަރުތައް އަލުން ފަށާނެ ގައިޑްލައިނެއް އެކުލަވާލުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ގައުމުގައި އޮތް ލޮކްޑައުން އުވާލައި އާއްމު ހާލަތަށް ރުޖޫއަ ވެއްޖެ ނަމަ ސެޕްޓެމްބަރު ހިސާބުގައި ފުޓުބޯޅައިގެ ހަރަކާތްތައް އަލުން ފެށުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް