ކޮވިޑް-19 ވެކްސިން އާންމުކޮށް، ބަލި ފެތުރުނު ގޮތް ތަހުގީގުކުރާނަން: ޗައިނާގެ ރައީސް

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވޯލްޑް ހެލްތު އެސެމްބލީގައި ވާހަކަދައްކަވާތަން ޗައިނާގެ އާންމުންތަކެއް ބޮޑު ސްކްރީނުން ބަލަނީ --- ފޮޓޯ/ ސީއެންއެން

ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދިއްޖެނަމަ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އެ ވެކްސިން ފޯރުކޮށްދީ އެހީތެރިވާނެކަމަށް އަދި ބަލި އެންމެ ފުރަތަމަ ފެތުރެން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގަ އެވެ. އެ ބަލީގައި 315،000 އެއްހާ މީހުން މުޅި ދުނިޔެއިން މިހާތަނަށް މަރުވެފައިވާއިރު ޗައިނާއާ ދެކޮޅަށް އަންނަނީ މި ބަލީގެ ސަބަބުން ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންނެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ވާހަކަަދައްކަމުން ރައީސް ޒީ ވަނީ އެގައުމުން ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ގޮތް ތަހުގީގުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރައިސް ޝީ ވަނީ މިފަދަ ތަހުގީގެއް ކުރެވޭނީ ބަލި މުޅިން ކޮންޓްރޯލްކުރެވެމުންކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން މިފަދަ ތަހުގީގުތަކަށް ގޮވާލައި އެހެން ގައުމުތަކުން ކުރަމުންދިޔަ ފިއްތުންތަކަށް ޗައިނާއިން ވަނީ ބީރު ކަންފަތެއް ދީފަ އެވެ. މިފަދަ ތަހުގީގަކަށް ދެކޮޅު ހެދުމުން ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ޗައިނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ބަލި ކޮންޓްރޯލްކުރުމަށް ޗައިނާއިން އެޅި ފިޔަވަޅުތަކަށް އެންމެ ފުރަތަމަ ތައުރީފުގެ މޭރުމުން ވާހަކަދެއްކެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޗައިނާއިން މި ބަލި އުފައްދާފައި ވަނީ އެމެރިކާ އަދި ޔޫރަޕުގައި ފަތުރައި އެގައުމުތަކަށް ގެއްލުން ދިނުމަށްކަމަށް ތުހުމަތުކޮށް ބަސްމަގު ބަދަލުކޮށްފަ އެވެ.

މީގެ އިތުރުންވެސް ޔޫރަޕްގެ ބައެއް ގައުމުތައް އަދި އޮސްޓްރޭލިޔާއިންވެސް ވަނީ އެންމެ ފުރަތަމަ ބަލި ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ޗައިނާއިން އަޅާފައިނުވާކަމަށް ބުނެފަ އެވެ.

އެމެރިކާގެ ރައީސްއ ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޒީ ޖިންގްޕިންގްއާއިއެކު --

ބެލެވޭގޮތުގައި ޗައިނާގެ ރައީސް ހެލްތު އެސެމްބްލީގައި ދެއްކެވި ވާހަކަތަކަކީ އެގައުމަށް ކުރިމަތިވެފައިވާ މިފަދަ ފާޑުކިޔުންތައް އަދި ފިއްތުންތައް މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ބަޔެކެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ވަނީ އެގައުމުން ކުރިޔަށް އޮތް ދެ އަހަރު ތެރޭ ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ދެ ބިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދޭނޭކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ އެކު އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް އިތުރުކޮށް މިކަމުގައި ބައިނަލްއަގްވާމީ އެއްބައިވަންތަކަން އިތުރުކުރުމަށްވެސް ރައީސް ޝީ ވަނީ ގޮވާލައްވައިފައެވެ.

"ކޮވިޑް-19 އަށް ތައްޔާރުކުރެވޭ ވެކްސިން ޗައިނާއަށް ލިބުމާއިއެކު ބައިނަލްއަގްވާމީ އާންމު މުދަލަކަށް [އެ ވެކްސިން] ހަދައި ކުރިއަރަމުން އަންނަ ގައުމުތަކަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ ޗައިނާގެ ފަރާތުން ދެވޭ އެންމެ ބޮޑު އެއް އެހީއަށް ވެގެންދާނެ،" ރައީސް ޝީ ވިދާޅުވި އެވެ.

ޗައިނާގެ ރައީސްގެ މި ބަސްތަކަކީ ގައުމުތަކުގެ އިގްތިސާދުތައް އަލުން ހަރަކާތްތެރިކުރުވުމަށް އަމާޒުކުރެވިފައިވާ ބަސްތަކެއްކަމަށް ތަޖުރިބާކާރުން ވަނީ ބަލައިގަނެފަ އެވެ.

މީގެ ކުރިން ވަނީ މި ބައްޔަށް ވެކްސިންއެއް އުފެއްދިއްޖެނަމަ އޭގެ ނާޖާއިޒު ފައިދާ ނަގައި ގައުމުތަކުން އަމިއްލަ ގައުމަށް އިސްކަންދީ ނުވަތަ ބޮޑު އަގުގައި އެހެން ގައުމުތަކަށް ވިއްކަފާނޭކަމުގެ ބިރުތަކެއް ހީވެފަ އެވެ.

ކޮވިޑް-19 ހުއްޓުވުމަށް އިނގިރޭސިވިލާތުގައި ތަރައްގީ ކުރެވޭ ވެކްސިން އެއް -- ފޮޓޯ: ސްކައި ނިއުސް

އެތައް ވެކްސިންތަކެއް މި ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގައި ތަރައްގީކުރެވެމުންދާއިރު ޗައިނާގައި މިހާރު ދަނީ މިފަދަ ފަސް ވެކްސިންއެއް އިންސާނުންގެ ގައިގައި ޓެސްޓުކުރެވެމުންނެވެ. އިތުރު ވެކްސިންތަކެއްް މި އަންނަ މަސް ތެރޭގައި ޓެސްތުކުރެވެން ފަށާނެ އެވެ.

ރައީސް ޝީ ވަނީ ޗައިނާއިން އެންމެ ފުރަތަމަވެސް އަމަލުކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް ޒިންމާދާރުކަމާއެކުގައިކަމަށް އެގައުމުން ބުނާ ބުނުން އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ.

މުޅި ދުނިޔެއަށް ބަލާލާއިރު މިހާރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ހުރީ 4.71 މިލިއަނުގައެވެ. ބަލީގެ އެންމެ ގިނަ ކޭސްތައް މިހާރު ފެނިފައިވަނީ އެމެރިކާއިންނެވެ. އެގައުމުގައި އެކަނިވެސް 1.52 މިލިއަން ކޭސް ފެނިފައިވާއިރު 89،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި އެމެރިކާއިން އެކަނި މަރުވެފަ އެވެ.

ޗައިނާގައި މިހާރު މި ބަލި ކޮންޓްރޯލްކުރެވިފައިވާއިރު އެގައުމުން ވަނީ 82،000 އަށްވުރެ ގިނަ ކޭސް ޕޮޒިޓިވްވެފަ އެވެ. ބަލީގައި ޗައިނާއިން ވަނީ 4،600 އެއްހާ މީހުން މަރުވެފަ އެވެ.

comment ކޮމެންޓް