މާލެއަށް އުދަ އެރުމާއެކު، ވާރޭ ވެހި މަގުތަކުގައި ފެންބޮވެއްޖެ

މާލޭގައި ފެންބޮޑުވެ ކުނިތައް މައްޗަށް އަރާފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ ތިން ގަޑިއިރު ތެރޭގައި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މިރޭ ވެތުވެދިޔަ ތިން ގަޑިއިރު 48 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. ލަފާ ކުރެވޭގޮތުން މާލޭގައި ފެންބޮޑުވީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެހާ ބޯކޮށް ވާރޭ ވެހުނީމަ އެވެ. ފެންބޮޑުވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ހުރި ކުނިތައް ވަނީ މައްޗަށް އަރާފަ އެވެ.

ބައެއް ސަރަހައްދު ތަކުގެ ޖަންގްޝަން ތަކުން ނަޖިސް ބޭރުވަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ. އަދި ދިިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ މާލެ ސިޓީގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ޓީމު ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

"އަދި މިރޭ 18:36 އެހައިކަންހާއިރު އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ފެންބޮޑުވުމާ ގުޅިގެން ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުހެ މަސައްކަތް ދަނީ ކުރަމުން." އެމްއެންޑީއެފުން ބުންޏެވެ.

މިވަގުތު ޕަމްޕް ބޭނުންކޮށްގެން މާލޭގެ ތިން ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް ކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ ވެސްޓް ޕާކު ކައިރި އާއި އައިޖީއެމްއެޗް އަދި ދުވާ ޓްރެކް ކައިރި އެވެ.

މާލޭގެ އިތުރުން މުޅި ރާއްޖެއަށްވެސް ދަނީ ގަދަވަޔާއެކު ވިއްސާރަކުރަމުންނެވެ. އަދި ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވެސް ދަނީ ލިބެމުންނެވެ. މިއަދު މެންދުރާ ހަމައަށް އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތަކުގެ ތެރޭގައި ގދ. ފަރެސްމާތޮޑާ އާއި އައްޑޫ ސިޓީ ހިމެނެ އެވެ. ފަރެސް މާތޮޑާއަށް 93 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް 91 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް