ކެނެޑާއިން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ އެހީއެއް ދީފި

ކެނެޑާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ފޮރިން މިނިސްޓްރީ

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން ކެނެޑާގެ ސަރުކާރުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

މިއަދު މެންދުރު ކުރިއަށް ގެންދިޔަ ވާޗުއަލް ރަސްމިއްޔާތެއްގައި ދެގައުމުގެ ދެމުގައި ވަނީ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެގޮތުން ކެނެޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެގައުމުން ރާއްޖެއަށް ހަމަޖައްސަވާފައިވާ ހައި ކޮމިޝަނާ ޑޭވިޑް މެކީނަން އެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ހާލުގައި ޖެހިފައި ނުވަތަ ކޮވިޑް-19 އާ ގުޅިގެން މަގުމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން ވަގުތީ ހިޔާ ގާއިމުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ހާލުގައި ޖެހިފައިވާ 400 ވަރަކަށް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކެނެޑާއިން ރާއްޖެއަށް މި ހާލަތުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކެނެޑާއިންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނާ މެކީނަން ވަނީ ދިވެހި ސަރުކާރުން ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.

comment ކޮމެންޓް