ކޮވިޑުން ސަލާމަތްވެ ތޯރިގް ސާގެ ޝުކުރު ދިވެހީންނަށް

މުހައްމަދު ތޯރިގް: ސީއެޗްއެސްއީ އަދި ވިލާ ހައި ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި ---

ރާއްޖޭގެ ތައުލީމާ ދާއިރާއަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި، އެތައް ކުދިންނާ ބެލެނިވެރިންގެ ލޯބި ހޯދާފައިވާ، ޕާކިސްތާނު ޓީޗަރު މުހައްމަދު ތޯރިގު ދަރިވަރުންގެ ނަމުން ނަމަ، ތޯރިގު ސާ ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކުރި އިރު، އުންމީދުގެ ހުޅުކޮޅު ދިޔައީ ނިވެމުންނެވެ. ގަޔަކު ވަަރެއް ނެތެވެ. ކޮންމެ ނޭވާއެއް ލުމަށް ކުރަން ޖެހުނީ ބޮޑު ހަނގުރާމައެކެވެ. ނޭވާލާން އެހީ ބޭނުންވި އެވެ. ހަނގުރާމައިން ކުރި ހޯދައި، ވަރިހަރުގެ މައްޗަށް ގަދަވެވިދާނެ ކަމުގެ އޮތީ ވަރަށް ފަނޑު އުންމީދެކެވެ.

މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގައި އެންމެ ފުރަތަމަ އައީ މަޑު ހުމެކެވެ. އެއާއެކު ތޯރިގް ސާ ހާސްވާން ފެށި އެވެ. އަދި އަވަހަށް އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ. ނަމަވެސް މަޑު ހުމެއް ފިޔަވައި ބަލީގެ އިތުރު އަލާމާތެއް އޭރު ނެތެވެ. އޭޑީކޭ އެމަޖެންސީ އަށް ދެ ފަހަރު ދެއްކުމުން ވެސް ޑޮކްޓަރުން ނިންމީ މާބޮޑަށް ހާސްވަނީ ކަމަށެވެ.

ނަމަވެސް ހަފްތާއެއް ވީއިރުވެސް ހުން ނުފިލުމުން އިތުރަށް ހާސްވާން ފެށި އެވެ.

ކޮވިޑް-19 ޖެހި ހާލު ސީރިއަސްވި މުހައްމަދު ތޯރިގް: ސީއެޗްއެސްއީ އަދި ވިލާ ހައި ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި --

"ދެން ގުޅީ ޓްރީޓޮޕް އެމްބިއުލާންސަށް. ޓްރީޓޮޕުން ބަލާފަ ބުނީ ފުއްޕާމޭގައި ވަރަށް ބޮޑަށް ނިއުމޯނިއާގެ އަސަރު އެބަހުއްޓޭ. އެކަމުވެސް ޓްރީޓޮޕުން ބުނީ އެޗްޕީއޭ އަށް އަންގައިފީމޭ އެކަމަކު ވެސް ކޮވިޑަށް ނުވެދާނެތީ ޓެސްޓު ނުކޮށް ބޭސް ދީފަ ގެއަށް ފޮނުވާލީ،" ތޯރިގް ކިޔައިދިނެވެ.

ދެތިން ދުވަސް ވީއިރު ބޭހަށް ވެސް ނުގުޑައި، ހާލަތު އިތުރަށް ގޯސްވާން ފެށުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅީ އެވެ. ވަގުތުން ފްލޫ ކްލިނިކަށް ގެންގޮސް، ކޮވިޑް19 އަށް ޓެސްޓު ކުރުމަށްފަހު އޮބްޒަވޭޝަންގައި ބޭއްވީ އެވެ.

އޮބްޒަވޭޝަންގައި އޮންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޓެސްޓުގެ ނަތީޖާ އަންނާނެ ގޮތެއް ނޭނގެ އެވެ. ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބަކީ ކޮރޯނާވައިރަހަށް ވުމުގެ ބިރުވެރިކަން ހިތުގައި އޮތެވެ. އެ ބިރުވެރިކަމުގައި އޮއްވާ ޖެހިގެން އައި ދުވަހު އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު، ޑރ. މޫސާ ހުސައިން ވަޑައިގެން ދެއްވީ އެންމެ އަޑުއަހަން ބޭނުން ނުވި ޖަވާބެވެ.

މޭ 12، 2020: މަސްވެރިންގެ ޕާކް ސަރަހައްދުގައި އެމްބިއުލައިންސް ޕާކް ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޑރ. މޫސަ ވިދާޅުވީ ޓެސްޓުގެ ނަތީޖާ ލިބުނީ ޕޮޒިޓިވް ކަމަށޭ، ޓްރީޓޮޕްގެ ސްކޭންތަކަށް ބަލާފައި އައިސޫޔޫއަށް ވަރަށް އަވަހަށް ބަދަލުކުރަން ޖެހޭނެއޭ،" ތޯރިގް ސާ "ސަން"އަށް ކިޔައިދިނެވެ.

އުމުރުން 47 އަހަރުގެ ތޯރިގް ސާ އަކީ އެހެން ބައްޔެއްގައި އުޅެމުން ދިޔަ މީހެއް ނޫނެވެ. އުމުރާ ބަލާފައި ހުރީ ދުޅަހެޔޮކޮށެވެ. ނަމަވެސް ކޮރޯނާވައިރަސް ޖެހި ތޯރިގް ސާ ގެ ހަށިގަނޑު މުޅިން ބަލިކޮށްލި އެވެ. ހަށިގަނޑުގަައި އަޅަމުން ދިޔަ ވޭނާއި، ފުއްޕާމެއަށް ކުރަމުން ދިޔަ އުނދަގޫތަކަށް ފަރުވާ ހޯދަން 12 ދުވަސް ވަންދެން އައިސީޔޫގައި އޮންނަން ޖެހުނެވެ.

ނަމަވެސް މިހާރު ބަލިން ރަނގަޅުވެ، ތޯރިގް ސާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި މިހާރު ފަރުކޮޅު އައިސޮލޭޝަނަށް ވަނީ ބަދަލުކޮށްފަ އެވެ.

"ފުއްޕާމެއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރުމުން ހާލު ވަރަށް ގޯސްވި، އެހެން ނަމަވެސް ވަގުތުން އެންމެ ރަނގަޅު ފަރުވާ ލިބުމުން، ﷲގެ އިރާދަފުޅާއެކު މިހާރު ރަނގަޅު،" ސާ ބުންޏެވެ.

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޯރިގް ސާ ވަނީ ރާއްޖެއިން ލިބުނު ފަރުވާ އާއި ހިދުމަތަށް ފަށްފަށުން ޝުކުރުއަދާކޮށްފަ އެވެ. ހާއްސަކޮށް ޑރ. މޫސަ އާއި ޑރ. މުހައްމަދު އަލީ އަށް ޝުކުރުއަދާކުރި އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަގެ ނަރުހުންނާ މެޑިކަލް ސްޓާފުން ދިން ލޯތްބާއި އަޅާލުން ފާހަގަކުރި އެވެ.

ތޯރިގް ސާ ސިފަކުރި ގޮތުގައި، އޭނާ އަށް ލިބުނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެވެ. ﷲގެ އިރާދަފުޅާއެކު ފުރާނަ ސަލާމަތްވީ، ޑޮކްޓަރުންނާއި ނަރުހުން ވަރުބަލިކަމެއް ނެތި ކޮށްދެއްވި ހިދުމަތުންނެވެ.

މީގެ އިތުރުން ހުރިހާ ދިވެހީންނަށާއި ހާއްސަކޮށް ސާ ގެ ދަރިވަރުންގެ ފަރާތުން ލިބުނު ލޯތްބާއި ދުއާ އަށް ޝުކުރުއަދާކުރި އެވެ. އަދި ރާއްޖޭގައި ތިބި ޕާކިސްތާން ރައްޔިތުންނާއި ޕާކިސްތާން އެމްބަސީން ވެސް ގަވާއިދުން ހާލު ބަލައި ހިތްވަރު ދެމުން ގެންދިިޔަ ކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރި އެވެ.

"މި ހަނގުރާމައިިގައި ކުރި ލިބުނީ މަންމަ އާއި ހެޔޮ އެދޭ ހުރިހާ ފަރާތްތަކެއްގެ ހެޔޮ ދުއާއިން. އެފަރާތްތަކުން ހެޔޮ ދުއާއިން މިއަދު އާ ދިރިއުޅުމެއް ލިބުނު ފަދަ،" ސާ ބުންޏެވެ.

ކޮވިޑް-19 ޖެހި ހާލު ސީރިއަސްވި މުހައްމަދު ތޯރިގް: ސީއެޗްއެސްއީ އަދި ވިލާ ހައި ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި --

ވިހި އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ރާއްޖެއަށް ހިދުމަތް ކުރެއްވުމަށް ފަހު، މިހާރު މަސައްކަތް ކުރަމުން އަންނަނީ ފްރަންޓިއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ދިރިއުޅުމުގެ ބޮޑު ބައެއް ރާއްޖޭގައި ހޭދަކުރި އިރު، ތިން ކުދިން ވެސް ލިބުނީ ރާއްޖޭގައި ހުއްޓަ އެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވި، އިރު ރާއްޖެއިން ދިން ފުރިހަމަ ހިދުމަތުގެ ސަބަބުން ރާއްޖެއާ މެދު އޮތް ލޯބި އޭނާގެ މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

ސާގެ އިތުރުން، އެކުގައި ދިރިއުޅެމުން ދިޔަ ތިމާގެ ދެކުއްޖަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެން ނަމަވެސް އެ ދެކުދިން ވެސް މިހާރު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ.

"ބުނެލަން އޮތީ މިއީ ވަރަށް އަންޕްރެޑިކްޓަބަލް އަދި އެހާމެ ނުރައްކާތެރި ބައްޔެކޭ. ކިތަންމެ ދުޅަހެޔޮކޮށް ހުރި ނަމަވެސް މި ވައިރަހުގެ ސަބަބުން ބޮޑު ވޭނެއް އުފުލަން ޖެހިދާނެ. އެހެންވީމަ ހުރިހާ އެންމެން ވެސް މިކަން ސީރިއަސްކޮށް ނަގަން ޖެހޭ. ފުރާނައަށް ނުރައްކާވާ ފަދަ ވައިރަހެއް މީ. އަމިއްލައަށް ރައްކާތެރިވެ، އާއިލާއާ ލޯބިވާ މީހުން މި ބަލިން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކެން ވާނެ،" ތޯރިގް ސާ ބުންޏެވެ.

comment ކޮމެންޓް