ދެތިން ހަފްތާ ތެރޭ ކިޔެވުން ފެށޭތޯ އެބަ ބަލަން: ގައުމީ ޔުނިވާސިޓީ

ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ދެ ތިން ހަފްތާ ތެރޭ ގައުމީ ޔުނިވާސިޓީގެ ކިޔެވުން ފެށޭތޯ ބަލަމުންދާ ކަމަށް އެ ޔުނިވާސިޓީއިން ބުނެފި އެެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ ޔުނިވާސިޓީގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

އެމްއެންޔޫއިން ކިޔަވައިދިނުން ހުއްޓާލީ މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭގަ އެެވެ. އަދި ރާއްޖޭގެ އެތެރޭގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށުމުން ފުރަބަންދުކޮށްފައި ވާތީ، ކިޔެވުން މިހާތަނަށް ވެސް އޮތީ ނުފެށިފަ އެެވެ.

ގައުމީ ޔުނިވާސިޓީން މީގެ ކުރިން އެކުލަވާޅައިފަިއވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ ޖޫން މަހު އިމްތިހާންތައް ޖުލައި މަހު އާ ސެމިސްޓާ ފެށޭނެ އެވެ.

"މިހާރު މި ބަލަނީ ކިހިނެއްތޯ އިމްތިހާންތައް ކުރިއަށް ގެންދެވޭނީ. މިހާރު މިއޮތީ ހާލަތު ބަދަލުވެފައި. ކުރިން ކުދިން އެއްކޮށްލައިގެން ގެންދާނެގޮތަށް ނުގެންދެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

މިހާރުވެސް ހުއްޓުމެއް ނެތި ކޮރޯނާ ފެތުރޭތީ ފުރަބަންދު އުވާލާނެ ދުވަހެއް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މީގެ ކުރިންވެސް ފުރަބަންދު ވަނީ އެތައް ފަހަރެއްގެ ދިގު ދަންމާލައިފަ އެެވެ.

"ކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް އަދި ނޭނގޭ. ފޭސް ޓު ފޭސްކޮށް ކިޔަވައި ދެވޭނެ ހާާލަތެއް ނައިސް ފިއްޔާ ޖެހޭނީ އޮންލައިންކޮށް ކުރިއަށް ގެންދަން. ދެން ޔަގީންކަން އެބައޮތް ކިޔެވުން ފެށިއްޖެނަމަ ސިލަބަސް ނިންމާލެވޭނެ ކަމުގެ،" ޝަރީފް ވިދާޅުވި އެވެ.

އެމްއެންޔޫއިން އޮންލައިންކޮށް ކިޔަވައިދޭން މޫޑަލް އަދި ޕަވާކެމްޕަސް ފަދަ ވަސީލަތްތައް ބޭނުންކުރެ އެެވެ.

ކިޔެވުން މެދުކެނޑިފައިވާތީ ދަރިވަރުންނަށް ހަވާލުކޮށްފައިވާ އެސައިންޓްމަންޓްތަކަށް ލުއި ދީފައިވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް