ގިނަ ވަޒީރުންތަކެއް ވީހާ އަވަހަކަށް މަގާމުން ދުރުކުރަން ޖެހޭ: ހަލީމް

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވާހަކަފުޅު ދައްކަވަނީ --

ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ނޫން ބައެއް ކަމަށާއި، ވަރަށް އަވަހަށް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންގޮސް، ވަޒީރުން ވަކިކޮށް، މުޅިން އާ ވަޒީރުން ހަމަޖައްސަން ޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، މި ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް ނަމަވެސް، މި ސަރުކާރުގެ ގިނަ ވަޒީރުންނަކީ ގާބިލު ވަޒީރުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ، މިހާރު މި އޮތް ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއް އެހެންނަމަވެސް ސަރުކާރުގެ ވުޒާރާތަކުގައި ތިބި، ވުޒާރާތައް ހިންގަވަން ތިބި ގިނަ ބޭފުޅުންނަކީ އެންމެ ގާބިލު ބޭފުޅުން ކަމަށް އަޅުނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހަލީމް ވިދާޅުވި އެވެ.

ކޮވިޑްއިން ވެސް އަރައިގަނެވޭނީ، ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނެސް، ވީހާވެސް އަވަހަށް މިހާރު ތިބި ވަޒީރުންގެ އިތުބާރު ނެތްކަމަށް ނިންމައި، އާ ވަޒީރުން އައްޔަންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވީހާވެސް އަވަހަށް އަޅުގަނޑުމެން ކޮވިޑް ކަންކަމުން އަރައިގަނެވެން މި އޮތީ ވީހާވެސް އަވަހަށް އަޅުގަނޑުމެން ސަރުކާރުގެ ވުޒާރާތައް އޯވަހޯލް ކުރަން އެބަ ޖެހޭ. ވަރަށް ގިނަ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އަޅުގަނޑުމެން މުޅިން އާ ވަޒީރުން، ދިވެހިރާއްޖޭގައި ވަރަށް ގާބިލު ބޭފުޅުން އެބަ ތިބި. ވަރަށް ގާބިލު ބޭފުޅުން އެބަ ތިބި މި ކަންކަމުގައި ތަޖުރިބާ ހުރި ބޭފުޅުން އެބަ ތިއްބެވި،" ހަލީމް ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް، ހޯމް މިނިސްޓްރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް ވީހާވެސް އަވަހަށް ނިންމަން ޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.

"ހާއްސަކޮށް، މި ދަނޑިވަޅަކީ އަޅުގަނޑު ދެކޭ ގޮތުގައި ހޯމް މިނިސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ ވީހާވެސް އަވަހަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާވެސް އަވަހަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ހަލީމް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން ސަރުކާރުން މައުލޫމާތު ފޯރުކޮށްދޭ ގޮތަށްވެސް ހަލީމް ފާޑުވިދާޅުވި އެވެ. ހަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަމުން ދަނީ އެ ގައުމުތަކުގެ ވެރިންގެ ފެންވަރުގައި އަދި ހެލްތު މިނިސްޓަރުންގެ ފެންވަރުގައި ކޮވިޑް-19އާ ގުޅޭ މައުލޫމާތުތައް ދެމުންދާތަން ކަމަށެވެ. ނަމަވެސް، ރާއްޖެއިން ފެންނަނީ "ދެ ޑޮކްޓަރަކާ އެކު މަބްރޫކު ކިޔާ ޅަ ކުއްޖަކު" އަރުވައިގެން މައުލޫމާތު ދޭތަން ކަމަށް ހަލީމް ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މާލެ ލޮކްޑައުންކުރުމުގެ ސަބަބުން ރަށްރަށަށް ނުދެވިފައި ތިބި މީހުން އަނބުރާ ފޮނުވާލުމުގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުން އެކަމުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

comment ކޮމެންޓް