އައިޓީއެފްސީން އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމަށާއި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށް ޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގްގެ ގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރު (231.30 މިލިއަން ރުފިޔާ)ގެ ލޯނެއް އެސްޓީއޯ އަށް ހަމަޖައްސައިދީފި އެވެ.

އެސްޓީއޯއިން ބުނީ މި ލޯނުގެ އިތުރުން ނޮވެލް ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އިމަޖަންސީ މެޑިކަލް އިކުވިޕްމަންޓް ހޯދުމަށް ވެސް އައިޓީއެފްސީއިން ރާއްޖެ އަށް ހިލޭ އެހީ (ގްރާންޓް) ފޯރުކޮށްދޭނެ ކަމަށެވެ.

އައިޓީއެފްސީގެ ފައިނޭންސް އަދި ގްރާންޓްގެ އެހީއާއެކު އެސްޓީއޯ އިން ކާޑާ ބޭހާ، އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕަރސަނަލް ޕްރޮޓެކްޓިވް އިކުވިޕްމަންޓްތައް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ހުސެން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، އައިޓީއެފްސީގެ އެހީގެ ސަބަބުން ދިވެހި ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

"އައިޓީއެފްސީއިން އެސްޓީއޯއަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން ރިސްކްތައް ދެނެގަތުމަށާއި ސްކްރީން ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ. މީގެ އިތުރުން މި ފަންޑިންގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ." އަމްރު ވިދާޅުވި އެވެ.

އައިޓީއެފްސީ އިން ދޭ މި ލޯނާއި ހިލޭ އެހީއަކީ އެ ކުންފުނިން ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އެ ކުންފުނީގެ މެމްބަރު ގައުމުތަކަށް އެހީވުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަމެކެވެ.

އައިޓީއެފްސީގެ ކޮވިޑް-19 ރެޕިޑް ރެސްޕޮންސް ފެސިލިޓީގެ 300 މިލިއަން އެމެރިކާ ޑޮލަރަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ 3އާރު (ރެސްޕޮންޑް، ރީސްޓޯ، ރީސްޓާޓް) ރެސްޕޮންސް ޕެކޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެކެވެ.

އައިޓީއެފްސީގެ ޕެކޭޖާ ބެހޭގޮތުން އައިޓީއެފްސީގެ ސީއީއޯ އެންޖިނިއަރު ހާނީ ސަލެމް ސޮންބޮލް، ވިދާޅުވީ މިފަދަ ދަތި ވަގުތެއްގައި އެ ކުންފުނީގެ މެމްބަރު ގައުމުތަކަށް ބޭނުންވާ މުހިންމު ކަންތައްތަކުގައި އެހީވުމަށް އެފަރާތްތަކާ އެކު ތިބުމަކީ ކުންފުނީގެ މެންޑޭޓެއް ކަމަށެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މެމްބަރެކެވެ. އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އޯއައިސީ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމާއެކު މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ އަދި އިގްތިސާދީ ކަންތައްތައްވެސް އިތުރަށް ކުރިއެރުވުމަށެވެ.

ޖެނުއަރީ 2008ގައި އައިޓީއެފްސީ އުފެއްދުމަށް ފަހު މިހާތަނަށް އައިއިރު އޯއައިސީ މެމްބަރު ގައުމުތަކަށް 51 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކަށް އެކުންފުނިން ވަނީ ފައިސާ ދޫކޮށްފަ އެވެ.

comment ކޮމެންޓް