ރަމަޟާން މަސް ނިމި، މި އަންނަ ފިތުރު އީދުގެ ނަމާދު ޖަމާއަތުގައި ނުކުރުމަށާއި މިފަހަރު އީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
މިފަހަރު ފިތުރު އީދު ދުވަސްކަމުގައި ކަލަންޑަރުގައި ކަނޑައަޅާފައި ވަނީ މި މަހުގެ 24ވާ އާދިއްތަ ދުވަހެވެ.
އީދު ނަމާދާ ގުޅޭ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، އީދު ނަމާދު ޖަމާއަތުގައި ކުރުމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ޝިއާރެއް ކަމަށާއި ނަމަވެސް މިފަހަރު އީދު ކުރިމަތި މިވަނީ ނުރައްކާތެރި ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްތަންވެ އުޅުން މަނާވެ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓި، އާންމުން ގޭގައި މަޑުކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައިވެސް ގޭގައި ތިބެ ފަރުދީގޮތުން އީދު ނަމާދު ކުރުން އިސްލާމް ދީނުގައި ހުއްދަ ވެގެންވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއުމް ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ފަރުދީގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމްކުރުން ޝަރުއުވެގެންވެ އެވެ. އެގޮތުން ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި އަހުލުވެރިންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާފައިވާކަން ސައްހަ ރިވާޔަތްތަކުން ވާރުދުވެފައިވޭ،" އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ސޮއިކުރައްވާ ނެރުނު ނޫސްބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނީ މިފަދަ ހާލަތެއްގައި ގޭގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް އީދު ނަމާދު ކުރާ ފަދައިން ކަމަށެވެ. ނަމަވެސް ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށާއި އެއީ ހުތުބާއަކީ، ހާކިމާގެ އަމުރަށް ޖަމާއަތުގައި ނަމާދު ކުރާއިރު ކިޔުމަށް އޮންނަ ސުންނަތެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
"އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާނުލައެވެ. ގޭގައި އީދު ނަމާދު އެކަނިވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގައި އަހުލުވެރިންނާއެކު ޖަމާތުގައި ކުރުން އައުލާކަން ބޮޑު،" ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައްވެސް ދީފަ އެވެ.
ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރާނެ ގޮތް:
- އީދު ނަމާދަށް ނިޔަތްގަނެ ހަރަންބަތް ތަކްބީރު ކިޔައި، ހަށަންބަނދެ، ދުއާއުލް އިސްތިތިފްތާހު ކިޔުން
- ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކުބީރު ކިޔުން. ކޮންމެ ތަކުބީތެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން
- އެއަށްފަހު، ފާތިހާ ސޫރަތް ކިޔަވައި، ސޫރަތުލް އަޢުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
- އެއަށްފަހު، އެހެން ނަމާދުތަކޭ އެއްފަަދައިން ފުރަތަމަ ރަކްއަތް ފުރިހަމަކުރުމަށްފަހު ދެވަނަ ރަކްއަތައް ތެދުވުން.
- ދެވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.
- ދެވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި، ސޫރަތުލް ޣާޝިޔާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
- ދެވަނަ ރަކްއަތް ފުރިހަމަކޮށް، އައްތަހިޔާތު ކިޔުމަށްފަހު ސަލާމް ދިނުން.
"އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އިޑު ނަމާދު ކުރުމަށާއި ގިނަގިނައިން ތަކުބީރު ކިޔައި، ދުއާކޮށް، ޝަރުއި ހަމަތަކުގެ މަތިން ރައްކާތެރިކަމާއެކު ގޭގެ އަހުލުވެރިންނާއެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސީއަތް ކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން މިިމަހު 28 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ