މުސާރަ ކުޑަކުރަން އެދުނުލެއް ލަސްކަމުން މަޖިލީހުގެ ހިތްހަމަ ނުޖެހުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

ވަގުތުކުޑަތަން ވެފައިވަނިކޮށް މި މަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އެދުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިިފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

ރައްޔިތުންްގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރަށް ފޮނުއްވި ހަ ސިޓީއެއްގެ ޖަވާބުގައި، މުސާރަތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވަނީ ތަފްސީލްކޮށްދެއްވައިފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދައުލަތުގެ މަގާމުތަކުގެ މުސާރަތައް ފެނިވަޑައިގަންނަވާ ގޮތަކަށް ކަނޑައަޅައިދެއްވުން ވެސް ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ސިޓީއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް، ކޮމިޓީގެ ނިންމުން މިއަދު ހެނދުނު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި ދެން އޮންނަ ޖަލްސާއެއްގައި އެ ރިޕޯޓު އެޖެންޑާ ކުރެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް ދަންނަވާލަން ޖެހޭ ވާހަކައެއް އެބަ އޮތް. ފުރަތަމަ ނުކުތާއަކީ މޭ މަހުގެ މުސާރަ ކުޑަކުރަން މޭ މަހަކު ނޫން ބުނާނީ. އެއީ އަޅުގަނޑަށް ވަރަށް އުނދަގޫ ވާހަކައެއް ގޮސް މީހެއް ކައިރީގައި ބުނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި މަހުގެ މުސާރަ ކުޑަވާނެ ކަން، މި މަހުގެ ފަހުކޮޅުގައި އެންގުމުން، މުވަައްޒަފުންނަށް ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެހެންކަމުން މޭ މަހު އަންގާނީ، ޖޫން މަހުގެ މުސާރައަށް ބަދަލު އަންނަ ވާހަކަ ކަމަށާއިި، ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް މިފަދަ ކަންކަމަށް ތިން މަސް ދުވަހުގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ވަރަށް ދަތި، އިއްޔެގައި މިކަން އަޅުގަނޑުމެން ނިންމާލާފައި މާދަމާ އެ ބަދަލު އަޅުގަނޑުމެން ގެންނާން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ހެޔޮލަފާ ގޮތަކަށް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮމިޓީގެ ރިޕޯޓު ދެން އޮންނަ ޖަލްސާގައި އެޖެންޑާ ކުރެވުނު ނަމަވެސް، މިހާރުގެ ގަވާއިދުގައިވާ ގޮތުން އަދި އެ ރިޕޯޓުގެ ބަހުސް ނުފެށޭނެ ކަމަށެވެ.

ގަވާއިދު ބުނާގޮތުން ކޮމިޓީތަކުން ހުށަހަޅާ ކަންކަން ތަޅުމުގައި ކުރިއަށް ގެންދަން ޖެހޭނީ ހުށަހެޅި ތަރުތީބުންނެވެ. މިހާރު ވެސް މަޖިލީހުގައި ފަސް ކޮމިޓީ ރިޕޯޓެއްގެ މަސައްކަތް ކުރިއަށް އެބް ދެއެވެެ.

ނަޝީދު ވިދާޅުވީ މިހާރު ފިނޭންސް އިން ނިންމާފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ އަށް މުވައްޒަފެއްގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަތައް ކަނޑައަޅާނީ އާންމު ކޮމިޓީންނެވެ. މިއަދު އާންމު ކޮމިޓީއަށް އެ ސިޓީ ފޮނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރުގެ ސިޓީގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

https://sun.mv/136863

comment ކޮމެންޓް