މަސް ދުވަހުގެ ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން އެޗްއާރްސީއެމްއަށް އެންގި

މޭ، 17، 2020: ކޮވިޑް-19 ވައިރަސްއާ ގުޅިގެން ފުރަބަންދުގައި އޮތް ށ. ނަރުދޫ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެއް މަސްދުވަހަށް ބޭނުންވާ ވަރަށްވެސް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮއްވާ އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނުގެ މަސައްކަތްތަކުން ހޯދިފައިވާ ބައެއް މައުލޫމާތު މިއަދު އާންމުކޮށްފަ އެވެ. އެ މައުލޫމާތަކީ، ކޮވިޑް-19އާ ގުޅިގެން އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އެޗްއާރްސީއެމްއިން ކުރި މަސައްކަތްތަކުގެ ތެރެއިން މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 27 ރަށު ކައުންސިލަކުން އެ ކޮމިޝަނަށް ފޯރުކޮށްދިން މައުލޫމާތުތަކެވެ. އޭރު ހަތް ރަށެއް ކަރަންޓީނުގައި އޮތް އިރު ނުވަ ރަށެއްގައި ހޯމް އައިސޮލޭޝަންގެ ކަންކަން ކުރިއަށް ދިޔަ އެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ކޮމިޝަނަށް މައުލޫމާތު ދިން ރަށްރަށުގެ ތެރެއިން ދެ ރަށަކުން ކާބޯތަކެތި ނުލިބޭކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ނެތް ކަމަށް ނުވަ ރަށަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. ކާބޯތަކެތީގެ އަގު މައްޗަށް ދިޔަ ކަމަށް ހަ ރަށަކުން މައުލޫމާތު ދިން އިރު އޭގެ ތެރެއިން ދެ ރަށުގައި އަގު އުފުލުނީ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މައްޗަށެވެ.

އެޗްއާރްސީއެމްއަށް މައުލޫމާތު ލިބުނު ގޮތުގައި، މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގިނަ ރަށްރަށުން ފެން ރައްކާކޮށްފައި ހުއްޓެވެ. ނަމަވެސް ހަތަރު ރަށެއްގައި ފެން ރައްކާކޮށްފައި ނުވެއެވެ. އަދި ފިހާރަތަކުގައި ހުރި ފެނުގެ އަގު މައްޗަށް ދިޔަކަން ރަށަކުން ފާހަގަކޮށްފައިވެއެވެ.

ގޭގައި ތިބެގެން ތައުލީމު އުނގެނުމަށް ހަމަ ޖެހިފައިވާ އިންތިޒާމުތަކުގައި ކިޔަވާ ކުދިންނަށް ފުރިހަމައަށް ބައިވެރި ނުވެވޭކަމަށް ހަތަރު ރަށަކުން ފާހަގަކޮށްފައިވާއިރު، އިންޓަނެޓު ނުލިބުުމުގެ ދަތިކަން ދިމާވާ ކަމަށް ތިން ރަށަކުން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ރަށުގެ ރައްޔިތެއްގެ ވަޒީފާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް 14 ރަށަކުން މައުލޫމާތު ދީފައިވާއިރު، އޭގެ ތެރޭގައި ޖުމްލަ 334 މީހުން ހިމެނޭކަމަށް އެ ރަށްތަކުން އެޗްއާރްސީއެމްއަށް މައުލޫމާތު ދީފައިވެއެވެ.

ކާބޯތަކެތި ލިބުން ދަތިވި އާއިލާއެއް އުޅޭ ކަމަށް ރަށަކުން ފާހަގަކުރި އިރު ތިން ރަށެއްގައި ބިދޭސީ މަސައްކަތްތެރީންނަށް ކާބޯތަކެތި ލިބުން ދަތިވެގެން އުޅުނު ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ. އަދި ކައްކަން ބޭނުންވާ ގޭސް ރަށުން ލިބޭނެ ގޮތް ހަމަޖެހިފައި ނުވާ ކަމަށް ތިން ރަށަކުން މައުލޫމާތު ދީފައިވެއެވެ.

ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ކަރަންޓީނު ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވިފައިވާކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތްކަމަށް 23 ރަށަކުން ފާހަގަކުރި އެވެ.

ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

މިއަދު އެޗްއާރްސީއެމްގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށް، މެމްބަރުން ވަކި ކުރުމުުގެ މައްސަލަ ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

comment ކޮމެންޓް