އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަައްސަލަ ކޮމިޓީއަށް ފޮނުވައިފި

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާނުކޮށްފައި ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދިފައިވާތީ އެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން، ދައުލަތުގެ މަގާމެއްގައި ހުންނަ ފަރާތެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާން ކުރުމަށް ފަހު އެވެ. އެއަށް ފަހު އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވާނެ އެވެ.

ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވާ އެހެން މުއައްސަސާތަކުން ވަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެޗްއާރުސީއެމްއާ ގުޅޭ މައްސަލަތައް:

  • މަޖިލީހުން މައުލޫމާތު ސާފު ކުރުމަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައި ނުވުން.

  • އާންމު އުސޫލުން ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އަދި އެޗްއާރުސީއެމްއަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައިނުވުން.

  • އިގްތިސާދީ ލޮޅުންތަކާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާގެ ހައްގު ކުއްލިއަކަށް ގެއްލި އާމްދަނީ ލިބުމުން މަހުރޫމުވެގެން ދިޔައިރުވެސް މިކަމުގައި ކޮމިޝަނުން ދެކޭގޮތް އަދި އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައި ނުވުން.

  • ހިއުމަން ރައިސްޓް ކޮމިޝަނުގެ 20 ވަނަ މާއްދާގެ ދަށުން އިންސާނީ ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ލަފާ ސަރުކާރަށް ދިނުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއް ނަމަވެސް އެފަދަ ލަފައެއް އަދި އިރުޝާދެއްވެސް ދީފައި ނުވުން.

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަން ޖެހޭނީ އެޗްއާރުސީއެމްކަން ކޮމިޓީއިން ފާހަގަ ކުރަމުން ރިޕޯޓްގައި ބުނެފައި ވަނީ، އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ގެއްލި އިޖުތިމާއީ ރައްކާތެރިކަން ނުރައްކަލަކަށް ހުށަހެޅިފައިވާ މިދަނޑިވަޅުގައި ފާރަވެރިވުމުގެ ދައުރު އެޗްއާރުސީއެމްއިން އަވަސް ކުރަން ޖެހޭ ކަމަށެވެ.

އެ ރިޕޯޓްގެ އިތުރަށް އެޗްއާރުސީއެމްއިން ޒިންމާ އަދާނުކުރުމާއި ވަކިވަކި ބައެއް މެންބަރުންނާ ގުޅޭ މައްސަލަތަކެއް ކޮމިޓީއިން މީގެ ކުރިން ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އެތަނުގެ މުވައްޒަފުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލައެއް އެކަށީގެންވާ ގޮތެއްގައި ބަލައި އެޗްއާރުސީއެމްއިން ފިޔަވަޅު ނޭޅި މައްސަލަ އާއި ގާނޫނުން ލިބިދޭ ހައްގުތަކަކުން ސިޔާސީ އެތައް ފަރާތްތަކެއް މަހުރޫމްކޮށް ސިޔާސީ ހަރަކާތްތައް ބޭއްވުން މިދިޔަ ސަރުކާރުގައި ހަނިކުރަމުން ދިޔައިރު އެޗްއާރުސީއެމްއިން އެކަމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެ ކޮމިޝަންގެ މެންބަރަކަށް މޫސާ އަލީ ކަލޭފާނުގެ ނަން މަޖިލީހުން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން މައްސަލައެއްގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި އޮއްވާކަން ވެސް މީގެ ކުރިން މަޖިލީހުގެ އެކި މެންބަރުން ފާހަގަ ކުރައްވާފައިވެ އެވެ.

އެޗްއާރުސީއެމްގެ ރައީސްއަކީ، އައިމިނަތު އީނާސް އެވެ. އަދި ނައިބަކީ، މުހައްމަދު ޒާހިދެވެ. ދެން މެންބަރުންގެ ގޮތުގައި ތިއްބަވަނީ މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އާއި އައިޝަތު އަފިރީން މުހައްމަދެވެ.

comment ކޮމެންޓް