އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ރަޖިސްޓްރީ ވާން ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރު ޚަދީޖާ އާދަމް --- ފޮޓޯ/ މަޖިލިސް

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި އެެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ދުނިޔޭގެ ކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި، މިނިސްޓްރީން އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެެވެ.އަދި އެކަންކަން އަވަހަށް ނިންމުމުގެ ހޮތުން ބޭރުގައި ތިބި ދަރިވަރުންނާ ބެހޭ މައުލޫމާތު މިނިސްޓްރީއަށް ވަރަށް މުހިންމު ކަމަށެެވެ.

އެހެންކަމުން، އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރުން މަތީތަޢްލީމަށް ކިޔަވާވިދާޅުވަމުން ގެންދަވާ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަންގެ މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓަރީ ވެވޭ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އަމިއްލަ ގޮތުން، ރާއްޖެއިން ބޭރުގައި މަތީތަޢުލީމު ހާޞިލްކުރައްވަމުންގެންދަވާ ހުރިހާ ދަރިވަރުން ވީހާވެސް އަވަސް ފުރުޞަތެއްގައި މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ކިޔަވާކުދިން ހާލުގައި ޖެހި ދަތިތަކާ ކުރިމަތިވުމުން މިނިސްޓްރީގެ ސަމާލުކަމަށް އަންނަ ކަމަށާއި ނަމަވެސް އަމިއްލަ ޚަރަދުގައި ބޭރު ތަންތާނގައި ކިޔަވަން ތިބޭ ކުދިންގެ މައުލޫމާތު މިނިސްޓްރީގައި ނުހުންނަ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އާ ހުރެ މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ފަރާތްތަކަށް އެހީ ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމައިފައެެވެ.

comment ކޮމެންޓް