ކޮރޯނާވައިރަސް: މިސްރުގައި އަޅާފައިވާ ފިޔަވަޅުތައް އީދުގައި ހަރުކަށި ކުރަނީ

މިސްރުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އީދުގައި ލުއި ކުރަން ވަނީ ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ގާހިރާ (މެއި 18): މިސްރުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އީދު ޗުއްޓީ ތެރޭ ހަރުކަށި ކުރާނެ ކަމަށް އެގައުމުން ބުނެފި އެވެ.

މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދުބޫލީ ވިދާޅުވި ގޮތުގައި އެގައުމުގައި މިހާރު ކާފިއު ހިންގަނީ ރޭގަނޑު 9:00އިން ފަތިހު 6:00އަށް ކަމަށްވީ ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަ ދުވަސް ވަންދެން ކާފިއު ފެށޭނީ ހަވީރު 5:00ގަ އެވެ. އަދި ނިމޭނީ ހަމަ ފަތިހު 6:00ގަ އެވެ. އެ ހަ ދުވަހު އާއްމު ދަތުރުފަތުރުގެ ހިދުމަތް އޮންނާނީ ހުއްޓުމަކަށް ގެނެސްފައި ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ޕާކުތަކާއި ބީޗުތައް ވެސް މި ޗުއްޓީ ތެރޭ އޮންނާނީ ބަންދުކޮށްފައިކަން ބޮޑުވަޒީރު ފާހަގަ ކުރެއްވި އެވެ.

މަދުލޫބީ ވިދާޅުވި ގޮތުގައި އީދަށް ފަހު ދެ ހަފްތާ ވަންދެން އެގައުމުގައި އަނެއްކާ ވެސް އަމަލު ކުރާނީ މި ރޯދަ މަހު އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށެވެ. ނަމަވެސް އޭރުން ކާފިއު ގަޑި ފެށޭނީ ރޭގަނޑު 8:00ގަ އެވެ. އަދި ފިހާރަތަކާއި ޝޮޕިން މޯލްތައް ހުޅުވަން ހުއްދަދީ، ރެސްޓޯރެންޓުތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

މިސްރުގެ ސަރުކާރުން ވަނީ އަންނަ މަހުގެ މެދުތެރޭގައި ފިޔަވަޅުތައް ލުއިކޮށް، ކުޅިވަރު މައިދާންތަކާއި ރެސްޓޯރެންޓުތަކާއި މިސްކިތްތައް ވެސް އަލުން ހުޅުވޭ ވަރު ވެދާނެ ކަމަށް ބުނެފަ އެވެ. އެގައުމުން މިސްކިތްތަކާއި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދު ކުރީ މިދިޔަ މާޗް މަހުގަ އެވެ.

މިސްރުގައި މިހާތަނަށް 12،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 630 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް