އިންޑިއާގެ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރުމަށް ނިންމައިފި

އިންޑިއާގައި ލޮކްޑައުންއަށް އަމަލު ކުރުމުގެ ގޮތުން ގިނަ ބަސްތަކާއި ރޭލުގެ ހިދުމަތް ވަނީ މެދުކަނޑާލާފަ -- ފޮޓޯ: ގެޓީ

ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި އިއުލާންކުރެވިފައިވާ ލޮކްޑައުންގެ މުއްދަތު ދެ ހަފްތާއަށް އިތުރު ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90،000އަށް ވުރެ މަތީގައި އުޅޭއިރު ބަލީގެ ސަބަބުން އެގައުމުގައި 2،869 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ލޮކްޑައުންގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރެވިފައިވަނީ މާޗް 24 ވަނަ ދުވަހު އެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ކުރި އިއުލާނުގައި އެގައުމުގެ ޑިޒާސްޓާ ރެސްޕޮންސް އޮތޯރިޓީއިން ވަނީ ނިންމުމާއެކު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ މުހިންމުކަމަށް ވިސްނައި އާ ގައިޑްލައިންތަކެއް އެގައުމުގައި ޝާއިއުކުރާނެ ކަމަށް ބުނެފައެވެ.

ބައެއް ކަހަލަ ޚިދުމަތްތައް ވަކި ސަރަހައްދުތަކެއްގައި ދިނުމަށް މިހާރު އިންޑިޔާގެ ސަރުކާރުން ލުއިތަކެއް ދީފައިވީނަމަވެސް އަދިވެސް ގިނަ އިގްތިސާދީ ހަރަކާތްތަކާއި އާންމު ދިރިއުޅުމުގެ ކަންކަން އެގައުމުގައި އޮތީ މަޑުޖައްސާލެވިފަ އެވެ.

އިންޑިއާގައި ބައެއްގެ ޓެމްޕަރޭޗާ ބަލަނީ--

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ސަރަހައްދުތަކުގައި މިފަދަ ލުއިތައް އަދި ދެވިފައިނުވާ އިރު މި ސަރަހައްދުތަކުގެ ތެރޭގައި އެގައުމުގެ އެންމެ ބޮޑެތި އަދި މައި ސިޓީތައް ހިމެނެއެވެ.

ސަރުކާރުން ދޫ ދީފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ރެސްޓޯރެންޓް އަދި ކެފޭތަކުން ޓެކްއަވޭ ޚިދުމަތް، އަމިއްލަ އުޅަނދުތަކުގައި ދަތުރުކުރުން އަދި ކުލީ އުޅަނދުފަހަރު އޮޕަރޭޓްކުރުމަށް އެގައުމުގައި ވަނީ ހުއްދަ ދެވިފަ އެވެ.

މީގެ އިތުރުންވެސް ކުޅިވަރުގެ ހަރަކާތްތައް ސަޕޯޓަރުން ނުވައްދައި ކުރިޔަށް ގެންދިޔުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. ދަނޑުވެރިކަމުގެ މަަސައްކަތް އަދި އެ ދާއިރާއާއި ގުޅުންހުރި ވިޔަފާރިތައް އޮޕަރޭޓްކުރުމުގައިވެސް އެގައުމުގެ ސަރުކާރުން ވަނީ ލުއިތަކެއް ދީފަ އެވެ.

އެހެންނަމަވެސް ފްލައިޓް، ރޭލުގެ ޚިދުމަތް އޮޕަރޭޓްކުރުމުގެ އިތުރުން ރެސްޓޯރެންޓް، ކެފޭ، ސިނަމާ އަދި ޝޮޕިންގް ކޮމްޕްލެކްސްތައް ހުޅުވުމަށް ސަރުކާރުން އަދި ހުއްދަ ދީފައެއް ނުވެ އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިޔާގައި މިއީ ލޮކްޑައުންގެ މުހުލަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ލޮކްޑައުންގެ ސަބަބުން އިންޑިއާގައި އިގްތިސާދީ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާއިރު ބަލީގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންގެ އަދަދު ވަނީ 120 މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ.

comment ކޮމެންޓް