ފުރަބަންދު އުވާލާނީ ކޭސްތައް މަދުވަމުންދާނަމަ: ޑރ. އަފްޒަލް

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެންއީއޯސީ

މާލޭ ސަރަހައްދުގެ ފުރަބަންދު އުވާލާނީ އެއްކުރަމުންދާ މައުލޫމާތަށް ބަލާފައި، ފެންނަމުންދާ ކޭސްތަކުގެ އަދަދު މަދުވާކަމަށްވާނަމަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދު ނަގަން ނިންމާނީ ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް މަދުވާ ކަމަށްވާނަމަ ކަމަށެވެ.

"ޑެއިލީކޮށް އަޅުގަނޑުމެންނަށް ފެންނަ ނަމްބަރ އޮފް ކޭސެސް މަދުވަމުންދާކަމަށް ވިއްޔާ އޭގެއިން އަޅުގަނޑުމެންނަށް ނެގިދާނެ އެކައްޗަކީ އަޅުގަނޑުމެންގެ ކޮންޓެއިންމެންޓް މެޝާސްގެ އިފެކްޓިވްނެސް އެބަ ރަނގަޅުވޭ. މާނައަކީ ހުރިހާ ދިމާލަކުން ހަރަކާތްތެރިވާ މީހުންތައް މި ނަގާ ފިޔަވަޅުތައް އިފެކްޓިވްކޮށް އަޅުގަނޑުމެން ދޭ އިރުޝާދަށް އަމަލުކުރަން ފަށައިފިއޭ. އެހެން އަޅުގަނޑުމެންނަށް ފެންނަ ކަމަށްވިއްޔާ ދެން އެންއީއޯސީ ލެވެލްގައި ހައި ލެވެލްއެއްގައި ނިމިގެންދާނެ ޑިސިޝަނެއްތިއީ ލޮކްޑައުން ބަހައްްޓާނެތޯ ނޫނީ ހުޅުވާނީތޯ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިހާރު މި އޮތް 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ނިމިގެންދާއިރު، އެއްކުރެވިފައިވާ މައުލޫމާތުން ހާލަތު އަންދާޒާ ކުރަން ފަސޭހަވާނެ ކަމަށެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުމެން ޕްރިޑިކްޓު ކުރި ސާޖް އެއަށް ދެވިއްޖެ ކަމަށްވެއްޖެއްޔާ ދެން އެއާ ވިދިގެން ލޮކްޑައުންގެ މުއްދަތު އިތުރުވެސް ވެދާނެ. އެހެންނަމަވެސް، އެ ކޮންޓްރޯލްކޮށް އައިސްފި ކަމަށްވަންޏާ ނޫނީ އަޅުގަނޑުމެންގެ ޑޭޓާތަކުން ލިބޭ މިންވަރަކަށް ބަލާފައި އަޅުގަނޑުމެންގެ ޕްރޮޖެކްޝަންސް އަނެއްކާވެސް ރިވައިސް ކުރުންވެސް އެކަށީގެންވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ލޮކްޑައުން ނިންމާލާއިރު، ލޮކްޑައުންގެ ފަހަަށް ކުރަން ޖެހޭ ކަންކަމަށް އެންއީއޯސީއާއި އާންމުން ތައްޔާރަށް ތިބުމުގެ މުހިންމުކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި ލޮކްޑައުންއަށް ލުޔެއް ދޭނީ އެއްފަހަރާތޯ ނޫނީ ވަކި މަރުހަލާތަކަކަށް ބަހާލައިގެންތޯވެސް މަޝްވަރާ ކުރުމަށް ފަހު އެންއީއޯސީއިން ނިންމަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި 10 ދުވަހުގެ ކޭސްތަކަށް ބަލާއިރު، ކޭސްތައް ފެންނަމުން ދަނީ އެކި ވަރުވަރަށެވެ.

  1. 8 މެއި: 45 ކޭސް
  2. 9 މެއި: 47 ކޭސް
  3. 10 މެއި: 69 ކޭސް
  4. 11 މެއި: 37 ކޭސް
  5. 12 މެއި: 17 ކޭސް
  6. 13 މެއި: 55 ކޭސް
  7. 14 މެއި 25 ކޭސް
  8. 15 މެއި: 60 ކޭސް
  9. 16 މެއި: 23
  10. 17 މެއި: 12

މިހާރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1090 އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 562 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 384 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 104 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.

comment ކޮމެންޓް