ސްޕެނިޝް ކުލަބުތަކަށް ޓީމް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދީފި

ބާސެލޯނާގެ ކުޅުންތެރިން ޕްރެކްޓިސް ކުރުމުގައި --- ފޮޓޯ/ ރަޔަން ބެންސަން

ސްޕެނިޝް "ލަ ލީގާ"ގެ ކުލަބުތަކަށް އެއްފަހަރާ 10 ކުޅުންތެރިންނާ އެކު ޓީމް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފި އެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުކުރަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

އެހެން ނަމަވެސް އިނގިރޭސި ލީގާއި، ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގުގެ އިތުރުން ޖަރުމަނުގެ ލީގުތައް ނިންމާ ނުލާ ކުރިއަށް ގެންދާނެކަން މީގެ ކުރިން ވެސް އެގައުމުތަކުން އިއުލާންކޮށްފައިވާ އިރު ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުން ރޭ ވަނީ ފަށައިފަ އެވެ. އަދި އެހެންމެ އިޓާލިއަން ލީގާއި ސްޕެނިޝް ލީގު ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޓީމް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ މިއަދު ވަނީ ދީފަ އެވެ.

އެހެން ނަމަވެސް އެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހާއްސަ ގައިޑްލައިންތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ސްޕެނިޝް ކުލަބުތަކަށް ޓްރެއިނިންގް ގްރައުންޑުގައި އެއްފަހަރާ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ 10 ކުޅުންތެރިންނަށެވެ. އަދި ޓްރެއިނިންގް ފެސިލިޓީގެ ޗޭންޖިންގް ރޫމްތައް ބޭނުން ކުރުން މަނާކޮށްފައިވާ އިރު ކުޅުންތެރިން ދަނޑަށް ހާޒިރުވުމާއި، އަނބުރާ ގެއަށް ދިއުމުގައި ވެސް ހާއްސަ ގަވާއިދުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން އެއްފަހަރާ 10 ކުޅުންތެރިން ޓްރެއިނިންގް ފެސިލިޓީތައް ބޭނުން ކުރުމަށްފަހު، (ހާއްސަކޮށް ޖިމް) ދެވަނަ ގްރޫޕް އައުމުގެ ކުރިން މުޅި ތަން ޑިސްއިންފެކްޓް ކުރުމަށް ކުލަބުތަކަށް ވަނީ އަންގާފަ އެވެ.

އެންމެ ފަހުން ކުރެވުނު މަޝްވަރާތަކާ އެކު ސްޕެނިޝް ލީގު އަލުން އަނބުރާ ފެށުމަށް މިހާރު ނިންމާފައިވާ ތާރީޙަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ.

comment ކޮމެންޓް