"ތަލައިވީ"ގެ ކާސްޓާ ބަގިޔާޝްރީ ގުޅިއްޖެ

ބަތަލާ ބަގިޔާޝްރީ---

ނަވާރަސަތޭކަ އަށްޑިހަ ނުވަނަ އަހަރު ނުކުތް ފިލްމު "މޭނޭ ޕިޔާރު ކިޔާ" އިން މަޝްހޫރުވި ބޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ބަގިޔާޝްރީ ފިލްމު "ތަލައިވީ"ގެ ކާސްޓާ ގުޅިއްޖެއެވެ.

ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ކާސްޓާ ގުޅުމަށް ފަހު އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބަގިޔާޝްރީ ބުނީ ފިލްމުގައި އޭނާ ގުޅެނީ ވަރަށް މުހިއްމު ރޯލެއް ކަމަށާއި އަދި މި ފިލްމުގައި ކަންގަނާ އާއެކު ވެސް ފުދޭވަރަކަށް ގިނަ ސީންތަކެއް ހުންނާނެކަމަށެވެ. އޭނާ ބުނީ ތަލައިވީ ކަހަލަ ވަރުގަދަ ފިލްމަކުން ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމެއްކަމަށާއި ހަމައެއާއެކު ހުނަރުވެރި ބަތަލާ ކަންގަނާ އާއެކު މަސައްކަތްކޮށްލަން ލިބުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. ބަގިޔާޝްރީ ބުނީ އެ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާއަކީ ފިލްމުގެ ޓާނިންޕޮއިންޓް ކަމަށެވެ.

ތަލައިވީ އަންނަ މަހުގެ 26 ގައި ރިލީޒްކުރަން ނިންމި ނަމަވެސް ކޮރޯނާވައިރަހާ ގުޅިގެން އިންޑިއާ ސިނަމާތައް ބަންދުކޮށްފައިވާތީ އެ ތާރީޚުގައި ފިލްމު އެޅުވޭނެ ކަމަކަށް ނުބެލެވެއެވެ. އަންނަ މަހު ފިލްމު ރިލީޒްކުރަން ތާވަލްކުރި ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކޮށެއްވެސް ނުނިމެއެވެ.

ޕްރޮޑިއުސަރު ޝާއިލޭޝް ސިންގް ބުނީ ލޮކްޑައުންގެ ސަބަބުން މަސައްކަތްތައް ހުއްޓިފައިވާއިރު ހައިދަރުއާބާދުގެ ޝޫޓިން އަށް ހެދި ސެޓް ވެސް ބޭނުންނުކުރެވި ހުއްޓައި ހަލާކުވެދާނެކަމަށެވެ. އަދި ބާކީ ހުރި މަންޒަރުތައް ޝޫޓް ކުރަން ނުފެށި ގިނަ ދުވަސްވެފައިވާތީ ފިލްމަށް ފަސް ކުރޯޑްގެ ގެއްލުމެއް ލިބިފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

comment ކޮމެންޓް