މެޑިކަލް ސާމާނު ހޯދުމަށް އުރީދޫއިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް

މީގެ ކުރިން ބޭއްވި އިވެންޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުރީދޫގެ ސީއީއޯ ނަޖީބް ޚާންއާ އެކު -- ފޮޓޯ/ އުރީދޫ މޯލްޑިވްސް

ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރަށް އެހީތެރިވުމަށް އުރީދޫ މޯލްޑިވްސްއިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

އުރީދޫއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އުރީދޫގެ އެމްޑީ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވަނީ އެ އެހީއަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫއިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

އުރީދޫއަކީ އަބަދުވެސް ދިވެހިންނާއި އެކު ތިބި ކުންފުންޏެއް ކަމަށް ވިދާޅުވެ، ކޮވިޑް-19އާ ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އެ ކުންފުނިން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ނަޖީބް ޚާން ދެއްވިއެވެ.

"އަޅުގަނޑުމެންގެ ދުއާއަކީ، އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާއިއެކު ސަރުކާރުން ކުރައްވާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބި، ކޮވިޑް-19 ޕެންޑެމިކްގެ އަސަރުކޮށްފައިވާ ރާއްޖޭގެ އެންމެހާ ފަރާތްތަކާއި ގައުމުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލެއް الله ސުބުހާނަހޫ ވަތައާލާ މިންވަރުކުރެއްވުން." ނަޖީބް ޚާން ވިދާޅުވިއެވެ.

ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ ޗެއާމަން، ހިޒް އެކްސެލެންސީ ޝައިޚް ފައިސަލް ބިން ޘާނީ އަލް ޘާނީ، އުރީދޫ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސާ، ހިޒް އެކްސެލެންސީ ސައުދް ބިން ނާސިރް އަލް ޘާނީ، އުރީދޫ ގްރޫޕްގެ ބޯޑް އޮފް ޑައިރެކްޓަރސް އަދި އުރީދޫ މޯލްޑިވްސްގެ ބޯޑް އޮފް ޑައިރެކްޓަރުންނަށް ނަޖީބް ޚާން ޝުކުރުއަދާކުރެއްވިއެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

comment ކޮމެންޓް