18، 20 އަދި 26ވަނަ ދުވަހު ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރެއިން 18، 20 އަދި 26ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މި ދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން 12:00 އަށް ބޭންކު ހުޅުވާފައި ހުންނަ ވަގުތުތަކުގައި ކަނޑައަޅާފައިވާ އަސާސީ ބައެއް ހިދުމަތްތައް ބީއެމްއެލްއިން ދޭނެ އެވެ. އެހެން ނަމަވެސް އެއްވެސް ބްރާންޗަކުން ނަގުދު ފައިސާގެ މުއާމަލާތެއް ނުކުރާނެ އެވެ.

ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

ބޭންކް ހުޅުވާފައި ހުންނައިރު ހަަތަރު ހިދުމަތެއް ދޭ ގޮތަށް ވަނީ ނިންމައިފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފައިސާާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދިވެރިކޮށް ފޮނުވޭނެ އެވެ. އަދި އިންޓަރނެޓް ބޭންކިން މެދުވެރިކޮށްވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭއިރު، ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ..

ޕޭރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ހިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަތުމަށްވަނީ ހަމަޖެހިފަ އެވެ. އެ ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

ތިންވަނަ ހިދުމަތަކީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ޗެކްތައް ޕްރޮސެސް ކުރުމެވެ. މި ޗެކުތައް ޕްރޮސެސް ކުރާނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތްތަކަށް ބަލާއިރު، ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފަރ ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އަދި ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އަދި ހެނދުނު 11.30 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފަރ ރިކުއެސްޓް ވެސް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް