ސުނާމީއަށް ހަތް އަހަރު:
ވަގުތީ ހިޔާގައި އަދިވެސް 1600 މީހުން!

ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް ސުނާމީ އެރީ ހެނދުނު 9:20 ގައެވެ. ބޮޑު ބިޔަ ރާޅުގެ ތެރެއަށް ދިވެހި ރާއްޖެ ގަންބާލައި ރާއްޖެ ސުންނާފަތިކޮށްލިތާ މިއަދަށް ހަތް އަހަރު ވީ އެވެ. އެ ހާދިސާގައި ރާއްޖެއިން 82 މީހުން މަރުވެ، 26 މީހުން ގެއްލި އެތަކެއް ބަޔަކު ހާލުގައި ޖެހުނެވެ. ރާއްޖޭގެ ތަރައްގީގެ ދުވެލި އެތައް ތަނެއް ފަތަށް ސޮއްސައިލި އެވެ. އެ ދުވަސް ދިވެހިންގެ ހަނދާނުން ފިލައެއް ނުދާނެ އެވެ. އެދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިހާރު ދެކެވޭނެ ވާހަކައަކީ ސުނާމީގައި ހާލުގައި ޖެހުނު ވަރަށް ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ވިޔަސް މީގެ ހަތަރު އަހަރު ކުރިންސުރެ ސަރުކާރުން ބުނަމުން އައި އަދަދަށް ވަގުތީ ހިޔާތަކުގައި މީހުން ދިރިއުޅެމުންދާތީ އެވާހަކަ އެވެ. ހަތަރު އަހަރު ކުރިން ވެސް، މިދިއަ އަހަރު ވެސް ސަރުކާރުން ބުނެފައި ވަނީ އައިޑީޕީ ނުވަތަ ވަގުތީ ހިޔާގައި ތިބި މީހުންގެ ސްޓެޓަސް 1600 މީހުން ކަމަށެވެ. ސުނާމީއަށް މިއަދު ހަތް އަހަރުވީއިރު ވެސް އޮތީ އެ އަދަދަށް ބަދަލު އައިސް ނުވުމަކީ މީހުން މާޔޫސް ކުރުވާނެ ކަމެކެވެ.

ނޭޝަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރީގެ އައިޑީޕީ ސްޓެޓަސްއަށް އަދިވެސް ބަދަލެއް ނައިސް އޮތް ނަމަވެސް ފަށާ 2012 ވަނަ އަހަރުގެ ކުރީކޮޅު މިވަގުތު ވަގުތީ ހިޔާގައި ތިބި އެންމެނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިންމައިލެވޭނެ އެވެ.

"އެންމެ ބޮޑު މައްސަލަ ދިމާވީ މ. ކޮޅުފުށީގެ މައްސަލަ އެރަށުގައި ގެއަޅަން ފެށުނީ ވެސް ފަސް އަހަރަށް ފަހުގައި. ތަފާތު މައްސަލަތައް ދިމާވެ، ކޮންޓްރެކްޓަރުން ރަށުން ފޮނުވާލުމާ ފުރަތަމަ ޕާޓީގެ މޭޓީރިއަލްތައް ވީރާނާވެގެން ދިއުމާ މިކަހަލަ ބައިވަރު ސަބަބުތައް ކުރިމަތިވީ،" ސެންޓަރުގެ އެ އޮފިޝަލު ވިދާޅުވި އެވެ. ކޮޅުފުށި މި މައްސަލައިގެ ތެރޭ އޮއްވާ މީހުން ދިރިއުޅެމުން އައީ ވަގުތީ ހިޔާތަކުގައި ހުޅުރޯވެ އަނދައިގެން ދިއުމުގެ ސަބަބުން އަނެއްކާ ވެސް ވަނީ ފިޔަވަޅެއް ފަހަތަށް ޖެހިފަ އެވެ.

ސުނާމީ އަށް ހަތް އަހަރު ވެގެން ދިޔަ އިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބައެއް ފަރާތަކުން އަދި ސަރުކާރުން ވެސް ދެކޭ އެއް ސަބަބަކީ ރަށްރަށުގެ މީހުންގެ ފިކުރު ތަފާތުވެ ހަމަނުޖެހުން ގިނަ ވުމެވެ. ބައެއް ރަށްރަށުގެ ބައެއް ކޮމިއުނިޓީގެ ނަގާ ކިޔާ މީހުންގެ ބޯހަރު" ވުމެވެ. ބައެއް ރަށްތަކުގައި އަޅާ ގެތަކުގެ މައްސަލައިގައި ގިނަ ބަޔަކު ހަމަނުޖެހުން ހިންގާފައި ވެސް އެބަހުއްޓެވެ. އަދި ކޮންޓްރެކްޓަރުންނާއި ސަރުކާރާ ދެމެދު ވެސް ހިޔާލުތަފާތުވުން އުފެދުމުގެ މައްސަލަތައް ވެސް ވަނީ ނުކުމެފަ އެވެ.

ކުރިޔާ ހިލާފަށް ދާއިމީ ހިޔާވަހި، ނުވަތަ ގެ އެޅުމުގެ މަސައްކަތް ސްޓްރީމް ލައިން ކުރުމަށްފަހު މިހާރު އެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީންނެވެ. އެގޮތުން ކޮޅުފުށީގައި އަޅާ 178 ގޭގެ މަސައްކަތް 2012 ވަނަ އަހަރުގެ ކުރީ ކޮޅުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ސެންޓަރަށް ދީފައެވެ.

ކޮޅުފުއްޓާއެކު ވަގުތީ ހިޔާގައި މީހުން ތިބީ ތ. މަޑިފުއްޓާއި ގއ. ގެ ހަތަރު ރަށެއްގެ ބައެއް މީހުންނާއި ލ. ގެ ބައެއް ރަށްރަށުގަ އެވެ. އައިޑީޕީސްގެ ގޮތުގައި 1600 މީހުން ހަމަ ވަނީ އެ ރަށްތަކަކުން ކަމަށް ވިޔަސް ހަތް އަހަރު ވީއިރު އެ ސްޓެޓަސް ފިލުވައި ލެވިފައި ނުވާތީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ވެސް ޕްރޮގްރެސް "މާ ބޮޑަށް ލަސްވެއްޖެ" ކަމަށް ގަބޫލު ކުރެ އެވެ.

"ސުނާމީ ކާރިސާއަށް ފަހު މިހާ ދުވަސް ދިޔައިރު އަޅުގަނޑުމެން ސެންޓަރުން ވެސް ހިތްހަމައެެއް ނުޖެހޭ ޕްރޮގެރެސްއާ ދޭތެރޭއަކު މި ސަރުކާރު އައުމާއެކު އަޅުގަނޑުމެން ވެސް އިއުލާން ކުރީން އެއް އަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި ކޮޅުފުށީ މީހުނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް. އެކަމަކު އެ ޓާގެޓަކަށް ނުދެވުނު. އޭގައި ސަބަބުތައް ވެސް އަބަހުރި އެއް ކަމަކީ ކޮމިއުނިޓީއަށް ގޮތެއް ނުނިންމި ދިއުން ހާއްސަކޮށް ކޮޅުފުށީގައި. އެހެން ދިމަދިމާގައި މަސައްކަތްތައް ކުރެވުނު. އެކަމަކު ކޮޅުފުށީގައި އަތް ވެސް ނުލެވޭ. އެއީ އެންމެ ބޮޑަށް ހާލާކުވި އެއް ރަށް އެކަމަކު އެއްވެސް ގެއެއެއް ނޭޅި ދިޔައީ ފަސް އަހަރު،" ސެންޓަރުގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ވަގުތީ ހިޔަލުގައި ތިބި 1600 މީހުނަށް ކަރަންޓާއި ފެނާއި އިންސާނީ އެހީ އާއި އަދި ކުއްލިއަކަށް ދިމާވާ ހާދިސާތަކުގައި ދޭންޖެހޭ އެހީ މިހާރު ވެސް ފޮރުކޮށްދެމުން އަންނަ ކަމަށާއި އެ ފަރާތްތަކުގެ އައިޑީޕީ ސްޓެޓަސް ފިލަންދެން އެ ހިދުމަތްތައް ހުއްޓައި ނުލާނެ ކަމަށެވެ. އަދި ވަގުތީ ހިޔާ ކަމުނުދާތީ ސުނާމީގައި ވެއްޓިފައިވާ ގެތަކުގައި ދިރިއުޅޭ މީހުންނަށް ވެސް އެ އެހީ ފޮރުކޮށްދެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ހިދުމަތްތައް ދޭތީ އިންޓަނޭޝަނަލް ކޮމިއުނިޓީން ޕްރެޝަރު ކުރޭ. ސުވާލު ކުރޭ ކީއްވެގެންހޭ ކަރަންޓް ބިލާ ފެން ބިލު ދައްކަައިދޭނީ، އެމީހުން ބުނަނީ މިހާރު އެއީ ހަ އަހަރުވީ ކަމަކޭ. ތެދެއް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަލާއިރު މިހާރު ދޭކަށް ނުޖެހޭ. އެހެންނަމަވެސް މިހާ ދުވަސް ދިޔައަސް އެމީހުން އެތިބީ އެ ހާލަތުގައި އެހެންވީމާ ހާލަތު ބަދަލު ނުވަންޏާ ކިތަންމެ ދުވަހެއް ވިޔަސް އެހީ ކަނޑައެއް ނުލެވޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ކަނޑާލާކަށް ވެސް މުއްދަތެއް ނޫން މުހިންމީ، ހާލަތު މުހިންމީ،"
ގުޅޭ ޓެގު
comment ކޮމެންޓް