ކަރަންޓީނުގެ ނިޒާމު ފީކަޅާ! މީހުން ގޮތް ހުސްވަނީ!

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ލޮކްޑައުން ކުރިއިރު، އެކި ބޭނުންތަކަށް މާލެ އައިސް ތާށިވެފައި ތިބި މީހުން ރަށްރަށަށް އަނބުރާ ގެންދިޔުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް، ރަށްރަށަށް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް އެޗްޕީއޭއިން މަޖުބޫރުކޮށްފައި ވަނީ، ރަށްރަށަށް ދާން ބޭނުން މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނުކޮށް އެ މުއްދަތު ނިމުމުން ރަށްރަށަށް ފޮނުވާށެވެ. މިއީ ހަމަ އެންމެ ރަނގަޅު ބަރާބަރު އުސޫލެކެވެ.

އެކި ސަބަބުތަކާ ހުރެ މާލޭގައި ތިބި މީހުންގެ ތެރެއިން މިވަގުތު ރަށްރަށަށް އެނބުރިދާން ބޭނުންވާ މީހުންގެ ލިސްޓް 5،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އެކަމަކު، އެ ހުރިހާ މީހުން އެއް ފަހަރާ އެއްވަގުތެއްގައި ކަރަންޓީނު ކުރުމުގެ ނިޒާމެއް އަދި ނެތެވެ. އަދި އެއީ ކޮންމެ ނިޒާމެއް ގާއިމް ކުރިއަސް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ކަރަންޓީނު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ރިސޯޓްތައް ކުއްޔަށް ނަގައިގެން ކަމަށްވެފައި އެ ތަންތަނުގައި މިވަގުތު ވެސް އެ ވަރަށް ޖާގައެއް ނެތެވެ. ޖާގަ ހުރި ގޮތުން މިހާތަނަށް އަދި ކަރަންޓީނަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތީ، 500 ވަރަކަށް މީހުންނެވެ.

ސުވާލަކީ މިހާރު އޮތް ނިޒާމުގެ ތެރެއިން، ރަށްރަށަށް ދާން ބޭނުންވެފައި ތިބި މީހުން އަނބުރާ ރަށްރަށަށް ގެންދެވޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ޔަގީންވާ ކަމަކީ ރަށަށް ނުދެވި މާލޭގައި ގަނަތެޅެންޖެހިފައިވާ މީހުންނަށް ރަށަށް ދެވޭނެ ދުވަހެއް ވެސް އަދި ނޭނގުމެވެ. އެ މީހުންނަށް އަދި އޮތީ ކަރަންޓީނަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބުމެވެ. އެމީހުންގެ އޮތީ އެންމެ ސުވާލެކެވެ؛ ރަށަށް ދެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

ސަރުކާރުން ބުނެފައިވަނީ އިސްކަންދެނީ އެންމެ ހާލުގައި އުޅޭ މީހުން ބަލައިގެން ކަމަށެވެ. އެ އުސޫލަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން 500 މީހުންގެ ލިސްޓެއް ނިމިދިޔަ ހަފްތާގައި ތައްޔާރު ކުރި އެވެ. އަދި އެމީހުންނަކީ އެންމެ ކުރިން ކަރަންޓީނަށް ގެންދާ މީހުން ކަމަށް ބުންޏެވެ. އެ ލިސްޓުގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. އެކަމަކު އަނެއް ހަފްތާ ފެށުނުއިރުވެސް އެ ލިސްޓުގައި ތިބި މީހުން އަދިވެސް ކަރަންޓީނަކަށް ނުގެންދެވެ އެވެ.

"އެ ލިސްޓުގައި ނަން އޮތީމަ ކަރަންޓީނަށް އަވަހަށް ގެންދާނެ ކަމަށް ހީކުރީ. އެކަމަކު ގުޅީމަ އެލްޖީއޭއިން ބުނީ އަދި ލިސްޓުގައި އޮތީކީ ރޫމް ހަމަޖެހިގެނެއް ނޫނޭ." އެ ލިސްޓުގައި ނަން އޮތް މީހަކު ޝަކުވާކުރި އެވެ.

އެ ލިސްޓުގައި ގިނައީ، މާލެއަށް ބޭސްފަރުވާއަށް އައިސް ރަށަށް ނުދެވިފައި ތިބި މީހުންނެވެ. އެ ލިސްޓްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ގާއިމް ކުރާ ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނު ކުރުމަށް މިވަގުތަށް ލިބިފައިވަނީ 500 ކޮޓަރި ކަމަށެވެ. ރަށްރަށަށް ފޮނުވުމަށް ލިސްޓު ތަރުތީބު ކުރި އިރު އިސްކަން ދީފައިވާނީ އެންމެ ހާލުގައި އުޅޭ މީހުން ބަލައިގެން ކަމަށްވެސް ބުނެފައިވެ އެވެ.

އެކަމަކު، ސުވާލަކީ އެންމެ ފުރަތަމަ ތައްޔާރު ކުރި 500 މީހުންގެ ލިސްޓުގައި ހިމެނޭ މީހުން ކަރަންޓީނަށް ގެންދެވޭނީ ކޮންއިރަކުން ހެއްޔެވެ؟ އަދި އެމީހުން ނިމިގެން ދެން ތިބި މީހުން ކަރަންޓީނަށް ގެންދެވޭނީ ކޮންދުވަހަކުން ހެއްޔެވެ؟ މިހާރު އޮތް ކަރަންޓީނުގެ ނިޒާމު އަމާން އޮމާންކޮށް މަސައްކަތް ކުރާނެ ކަމާ މެދު ޝައްކު އުފެދުމުގެ ޖާގަ ވަރަށް ބޮޑެވެ. ސަބަބަކަށް ވަނީ، ރަށަށް ދާން ބޭނުންވާ މީހުންގެ ނަމްބަރު މަތިކަމުން އެ އެންމެން ކަރަންޓީނު ކުރެވޭނެ ދުވަހެއް ވެސް ނޭނގުމެވެ. މާލޭގައި ތާށިވި މީހުން މިހާރުވެސް ތިބީ އަތްމަތި ހުސްވެ ގޮތް ހުސްވެފަ އެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއް މިހާރު ހުސްވެ ސަލާންޖަހާ ހާލަތަށް ގޮސްފައި ތިބި މީހުން ގިނަ އެވެ.

ކަރަންޓީނުކުރުން މަރުކަޒީވެ، މެމްބަރުންގެ ނުރުހުން

މީހުން ކަރަންޓީނު ކުރަން ސަރުކާރުން ގެންގުޅޭ އުސޫލު ކަމުނުގޮސްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

މެންބަރުންގެ ނަޒަރުގައި ފުރަތަމަ ކަމަކަށް ކަރަންޓީނު ކުރުމަށް މިހާރު ގެންގުޅޭ އުސޫލު ތަންކޮޅެއް ހަރަދު ބޮޑެވެ. އެހެން ދިމާވަނީ މެންބަރުންގެ ނަޒަރުގައި، ލާމަރުކަޒީ އުސޫލާ ހިލާފަށް މަރުކަޒީ ގޮތެއްގައި ކަރަންޓީނުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވެސް ލާމަރުކަޒީ އުސޫލުން ކަންކަންކުރަން ބުނެފައި އޮއްވާ އެ ގާނޫނާ ހިލާފަށް ކަރަންޓީނުގެ ކަންކަން ކުރިއަށް ގެންދާތީ ރައީސް ނަޝީދު ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ހަރަދަށް ބަލާއިރު ހަރަދު ބޮޑެވެ. ހާއްސަކޮށް އިގްތިސާދީ ގޮތުން ދަތި މި ދަނޑުވަޅުގައި މީހުން ކަރަންޓީނު ކުރުމަށް އެކަނި ނުބައްދަލު ހަރަދެއް ހިނގާނަމަ އެއީ މައްސަލައެއް ނޫން ހެއްޔެވެ؟

ސަރުކާރުން ބުނެފައިވަނީ ކޮޓަރިއަކަށް ދުވާލަކަށް ނަގާނީ 750 ރުފިޔާ ކަމަށެވެ. އެ ރޭޓުން ބަލާއިރު ކޮޓަރިއަކަށް ދެމީހުން ލައިގެންވެސް 500 މީހުންނަށް 2.6 މިލިއަން ރުފިޔާ 14 ދުވަހަށް އެބަ އަރަ އެވެ. އަދި 5،000 މީހުން ކަރަންޓީނު ކުރުމަށް ކޮޓަރިއަކަށް ދެމީހުންގެ ނިސްބަތުން ބަހާލިޔަސް 26 މިލިއަން ރުފިޔާއަށްވެރެ ގިނައިން އެބަ ހަރަދުވެ އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 700 ރުފިޔާ ހަރަދުކޮށްގެން ރިސޯޓުތަކުގައި މީހުން ކަރަންޓީނު ކުރުމުން ދައުލަތުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވަމުންދާ ކަމަށެވެ. ރަށްރަށުގައި މީހުން ކަރަންޓީނު ކުރާ ނަމަ އެއަށްވުރެ ހަރަދު ކުޑަވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

"މިއަދުން މިއަދަށްވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އެބަ ޖެހޭ ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހޯދައި އެ ފެސިލިޓީތައް ގާއިމްކޮށް، އެކަން އަވަހަށް އިންތިޒާމުވެގެން ދިޔުމަކީ އަޅުގަނޑުމެންނަށް މި ބަލީގައި ދެންމެވެސް ރައީސް ވިދާޅުވި ގޮތަށް އިތުރަށް ފަރުވާ ކުރެވޭނެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭނެ ގޮތެއް،" މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ.

މެމްބަރުން ވިދާޅުވާ ގޮތުން ރަށްރަށުގެ ސުކޫލުތަކުގައި ކަރަންޓީނު ކުރުމަށް އެނދު ތައްޔާރުކޮށްލަން އެހާ ފައިސާއެއް ހަރަދެއް ނުވާނެ އެވެ. އަދި އެއީ ކަރަންޓީނު ކުރާ މީހުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. އެއީ އެ މީހުންގެ ރަށުގައި ތިބެގެން އާއިލާތަކާ މިިހާރަށް ވުރެ ކައިިރިން ކަރަންޓީނުވުމުގެ ފުރުސަތު ލިބުމުން އޮންނަ ހިތްހަމަ ޖެހުމެވެ.

އަނެއް ކަންބޮޑުވުމަކީ ރަށްރަށުގައި ބަލި ފެތުރޭނެ ކަމަށް މިހާރު ލަފާވާއިރު ހުރިހާ ރަށެއްގެ ކައިރިން ކަރަންޓީނު މަރުކަޒު ހަދަން ރިސޯޓްތައް ނުލިބުމެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ޓޫރިޒަމް ފަށަން ތައްޔާރުވާއިރު، ރިސޯޓްތައް ވެސް ކަރަންޓީނަށް ދޫކުރަން ބޭނުން ނުވުމަކީ މުސްތަގުބަލުގައި ދިމާވާނެ މައްސަލައެކެވެ. އަދި ބަލިޖެހޭ އެންމެން ރިސޯޓުގައި ކަރަންޓީނު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ، ލޮޖިސްޓިކްގެ ގޮތުން ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. އެހެންވީމާ ކަރަންޓީނު ކުރެވޭނެ އިންތިޒާމް ރަށްރަށުގައި ގާއިމްކުރުން ސަރުކާރަށް ލާޒިމެވެ. އަދި އެތަންތަން ބެލެހެއްޓޭނެ ލާމަރުކަޒީ އުސޫލެއް ގާއިމްކުރަން ވެސް ޖެހެ އެވެ.

މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި އެ ރޯގާއަށް ފަރުވާ ލިބޭނެ ގޮތް އިންތިޒާމު ކުރަން ޖެހެ އެވެ. ހާއްސަކޮށް ހެލްތް ސެންޓަރުތަކުން ކޮވިޑަށް ފަރުވާ ދެވޭ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަބަބަކަށް ވަނީ، އެ ވައިރަސް ރަށްތަކަށް ނުދާން ފިޔަވަޅު އެޅި ނަމަވެސް، ވައިރަސް ރަށްތަކަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންތައް ކުރިއަށް ގެންދަން ގާނޫނުން ވެސް ލާޒިމް ކުރާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ލާމަރުކަޒީ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް އެކަށައަޅަން ޖެހެ އެވެ. ނަމަވެސް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެ އުސޫލު އެކުލަވާ ނުލައްވާތީ ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ނުވަނީ ކީއްވެތޯ އާއި، ރައްޔިތުންނަށް އެއަށް ވުރެ ދަތި ގޮތަކަށް އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ކީއްވެތޯ ބަލަން ޖެހޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރަށްރަށުގައި ކަރަންޓީނު ނުކުރެވެންވީ ކީއްވެ؟

ބޮޑު ހަރަދެއް ކޮށްގެން ރިސޯޓުތަކުގައި މީހުން ކަރަންޓީނު ކުރާއިރު، ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަނުޖައްސައި ހުރީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. ރަށްރަށުގައި މީހުން ކަރަންޓީނު ކުރާ ވާހަކަ އެހާ ބޮޑަކަށް ނުދައްކަ އެވެ. އަދި އެކަމަށް މަގުފަހިވާނެ ގޮތަކަށް މާ ފުޅާ މަޝްވަރާ ކުރިކަމެއްވެސް ނޭނގެ އެވެ.

ބައެއް ކައުންސިލަރުން ވިދާޅުވާ ގޮތުން ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭނެ އެވެ. އަދި އެމަގަށް މަސައްކަތް ކުރަން ސަރުކާރުން އެދޭނަމަ އެގޮތަށް އެކަން ކުރަން ކައުންސިލުތައް ތިބީ ތައްޔާރަށެވެ. އަދި ބައެއް ރަށްރަށުގައި އެކަންކަން ކައުންސިލްތަކުން އަމިއްލައަށް ވެސް ކޮށްފައި އެބަ ހުއްޓެވެ.

"މިރަށުގައި މިހާރުވެސް އަމިއްލަޔަށް އިސް ނަގައިގެން ނުވަ ކޮޓަރީގެ ތަނެއް ތައްޔާރުކޮށްފިން. ވިޔަފާރިވެރިންގެ އެހީގައި ގޮދަޑިއާ ތަކެތި ލިބިފައި ހުރީ. މިހާރު ކަރަންޓީނު ކުރަން ބޭނުން ވިޔަސް ކުރެވޭނެ." ކައުންސިލަރަކު ބުންޏެވެ.

ދެންއޮތް އަނެއްކަމަކީ އާންމު ސިއްހަތުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންކަން ރަށްރަށުގައި ކުރިއަށް ނުގެންދެވިގެން އުޅޭ ސަބަބެވެ. އެކަމަށް ހުރަސްތަކެއް އޮތް ނަމަ ސަރުކާރުން އެކަން ހައްލު ކުރަން މިހާރު މާ ލަސްވެސް އެބަވެ އެވެ.

އެންއޯއީސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވާ ގޮތުގައި، ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް، ކަރަންޓީނުގެ އުސޫލުތައް ރަށްރަށުގައި ކަރަންޓީނު ނުކުރެވުމުގެ މައްސަލަ ބޮޑެވެ. އޭގެ ސަބަބުން، ރަށްރަށް ވައިރަހުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން ސަރުކާރުން އެ ރިސްކް ނަގަން ބޭނުން ނުވަނީ އެވެ. އެކަމަކު އެފަދަ ކަންކަމަކީ، ތަމްރީނުތައް ދީ، މީހުން ހޭލުންތެރި ކުރުވައިގެން ހައްލު ކުރެވޭނެ ކަންކަމެއް ނޫން ހެއްޔެވެ؟ ސަރުކާރެއްގައި ވަސީލަތާއި ބާރު ހުރެ އެކަމަށް ފޯމިއުލާއެއް ނުހޯދޭ ނަމަ، އެއީ މައްސަލަ އެކެވެ. ކޮންމެވެސް ހިސާބެއްގައި ބާގަނޑެއް ވަނީ ހެދިފަ އެވެ.

ރަށްރަށުން މާލެ އައިސް ތާށިވެފައި ތިބި މީހުން ތިބީ ވަރަށް ހާލުގަ އެވެ. އެ މީހުންގެ ޝަކުވާ އާއި ހާސްކަން ބޮޑެވެ. ކަރަންޓީނު ކުރާނެ މަގެއް ނުހޯދި، އެ މީހުން ރަށަށް ފޮނުވާ ނުލެވި ގިނަ ދުވަސް ދާނަ، އެ މީހުން އިތުރަށް ހާލުގައި ޖެހޭނެ އެވެ.

ކަރަންޓީނަށް ގެންދަން މިހާރު ލިސްޓްކޮށްފައިވާ 500 މީހުން 14 ދުވަހުގެ ކަރަންޓީނު ނިންމައި އަަނެއް 500 މީހުންނާ ޖެހެންވާއިރަށް ދެން ތިބޭ މީހުން ތިބޭނީ މުޅިން ބިކަވެ ހާލުގައި ޖެހިފަ އެވެ. އަދި ކަރަންޓީނު ނިންމާ އެ މީހުން ރަށަރަށަށް ފޮނުވަން ސަރުކާރުން ކުރަން ޖެހޭ ހަރަދު އެއީ އަދި އަހަރުމެންނަށް ވިސްނިފައިވެސް ނެތް ހަރަދެކެވެ.

ކަރަންޓީނުގެ މި ނިޒާމަށް ހަރަދު ކުޑަ، ޕްރެކްޓިކަލް ގޮތެއް ހޯދަން ޖެހެ އެވެ. މިހާރުގެ ކަރަންޓީނު ސިޔާސަތަކީ ޕްރެކްޓިކަލް ކަމަކަށް ވޭ ހެއްޔެވެ؟ މިހާރުގެ ތަރުތީބުތަކަށް ބަލާއިރު ރަށްރަށަށް ދާން ބޭނުންވާ މީހުން، ކަރަންޓީނު ނިންމާ ރަށްރަށަށް ފޮނުވާލަން، އެންމެ މަދުވެގެން ތިން މަހެއްހާ ދުވަސް ނެގުމުގެ ފުރުސަތު އެބަ އޮތެވެ. އެ ހުރިހާ ދުވަހު މާލޭގައި އެ މީހުން ބައިތިއްބައިގެން އެންމެންގެ ޒިންމާ ސަރުކާރަށް ނެނގޭނެ ހެއްޔެވެ؟ ކަރަންޓީނު ކުރަން ޖެހެ އެވެ! އެކަމަކު އެކަން ކުރަންވާނީ ޕްރެކްޓިކަލްކޮށް ހަރަދާއި ތަކުލީފު ކުޑަ ގޮތަކަށެވެ.

comment ކޮމެންޓް