ބަހުސެއް ނެތެވެ؛ ގާނޫނާ ހިލާފު މީހުން ފޮނުވާލާށެވެ.

މެއި 14، 2020: ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ފުޅާ ދާއިރާއެއްގައި ވަޑާމާއި ކޮންސްޓްރަކްޝަން އަދި ތަންތަން މަރާމާތް ކުރުމުގެ މަސައްކަތް ކުރާ، އަޅުގަނޑު ދަންނަ ބަނގުލާދޭޝް މީހަކު 2000 ޑޮލަރު ގަންނަން ލިބިދާނެތޯ މިދިޔަ ހަފުތާގައި ސުވާލުކުރުމުން އަޅުގަނޑަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަޅުގަނޑު އޭނާ ދަންނަތާ އެކި ދެތިން އަހަރު ވެދާނެ އެވެ. އަޅުގަނޑަށް އެނގިފައި އޮންނަނީ އޭނާ އަކީ ވޯކްޕާމިޓް ލިބިގެން އަދި ކޮންމެ ވެސް ދިވެއްސެއްގެ ނިވާފަތްގަނޑުގައި ހުރެ، އޭނާގެ އަމިއްލަ ވިޔަފާރި ކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާގެ ރަނގަޅު ތަންކޮޅަކީ އޭނާއަކީ ވިސާ ފީ ދައުލަތަށް ދައްކައިގެން، ރާއްޖޭގައި އުޅޭ މީހަކަށް ވުމެވެ. އެހެނަސް ރާއްޖޭގައި އޭނާގެ އަމިއްލަ ވިޔަފާރި، އެ ކުރާ ގޮތަށް، ބިދޭސީއަކަށް އެފަދަ މަސައްކަތެއް ކުރެވޭނެ، ދުނިޔޭގައި އޮންނާނީ ކިތައް ގައުމުތޯ މިއީ ސުވާލެވެ. އަޅުގަނޑު ދަތުރުކުރި ކޮންޓިނެންޓްތަކުގެ އަދަދު މަދެއް ނުވާނެ އެވެ. ހަމަ ޔަގީނުން ވެސް، ނަމެއްގައި ވިސާ ހޯދައިގެން ހުންނަ އެފަދަ މީހަކަށް، އެހާ ފާޅުކަން ބޮޑު ގޮތެއްގައި އަމިއްލަ ވިޔަފާރި ކުރެވޭނެ ދެ ވަނަ ގައުމެއް ދުނިޔޭގައި އޮންނާނެ ހެނެއް ހިޔެއް ނުވެ އެވެ. މަދު ތަނެއްގައި ނޫނީ ހަމަ ޔަގީނުން ވެސް އެކަން އެ ގޮތަކަށް ނުކުރެވޭނެ އެވެ.

ހުއްދަ ލިބިގެން އަދި ދިވެހި ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދުވެލި، ހިފެހެއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ވެސް ބިދޭސީ މަސައްކަތްތެރިން ބޭނުންވެ އެވެ. ހާއްސަކޮށް ރާއްޖޭގެ ލޭބާފޯސްގައި ހިމެނޭ 244،000 މީހުންގެ ތެރެއިން 87،000 ދިވެހިން މަސައްކަތަށް ނުނެރޭވެ ނަމަ، އެއީ އިތުރު ތަކުލީފެކެވެ. އެކަމަކު އެކޮނަމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ، ގަވާއިދާ ހިލާފަށް އުޅޭ 40،000 އަށް ވުރެ ގިނަ ބިދޭސީން، އަދި އިމިގްރޭޝަންގެ ހިސާބުތަކުން ދައްކާ، 63،000 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ދިވެހީންނަށް އެކަމުގެ މަންފާކޮށް، ނޫނީ ދިވެހި އިގްތިސާދަށް އެކަމުގެ ފައިދާ ކުރާ ބައެއްތޯ މިއީ ސުވާލެކެވެ. އެހެނީ އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ފާހަގަ ކުރި ފަދަ އަމިއްލަ އަށް އާމްދަނީ ހޯދުމަށް މަސައްކަތްކޮށް، އެ ހޯދާ ފައިސާ ޑޮލަރަށް ބަދަލުކޮށްގެން އެ މީހުންގެ ރަށަށް ފޮނުވާ މީހުންނަށް ވާތީ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް މާލެ އާއި އަދި އާބާދީ ބޮޑެތި ރަށްރަށުގައި ފިހާރަ، ކެފޭތައް ހިންގާ މީހުން ހިމެނެ އެވެ. އެއިން ތަނަކުން، މޫނުމަތީގައި ހުންނަ ދިވެހި މީހާ އަށް މަހަކު ދެނީ 10،000 ވަރަކަށް ރުފިޔާ ކަމަށްވެ އެވެ. ދެން މިލިއަނުން ފައިދާ ނެގިއަސް، އެއްކަލަ މޫނުމަތީގައި ހުންނަ ދިވެހި މީހާ އަށް ވަރިހަމަ އެވެ. އޭނާ އަށް މަހަކު ލިބޭ ފައިސާކޮޅު ލިބެނިކޮށް އޭނާ އަށް ނިމުނީ އެވެ. ބައެއް ދިވެހީން ހިސާބަށް ވުރެ ބޮޑަށް ކަންނެތީއޭ ވެސް ބުނެވިދާނެ އެވެ. އޭގެ އިތުރަށް އެ ބިދޭސީންގެ އަތުން ދައުލަތަށް އަހަރަކު ގެއްލޭ ވިސާ ފީއަކީ 189 މިލިއަން ރުފިޔާ އެވެ. މިއީ ކުޑަ އަދަދެެއްތޯ އެވެ؟

އަޅުގަނޑުގެ ސުވާލަކީ އެ ގޮތަށް އެ ވިޔަފާރި ކުރާ ތަންތަނަށް މީރާ އަށް ނުވަދެވެނީ ކީއްވެގެންތޯ އެވެ؟ މީރާ އިން ފަހާ ދުވަން ޖެހޭނީ، ހަމަ އެކަނި ދިވެހީން ކުރާ ވިޔަފާރިތަކުގެ ފަހަތުންތޯ އެވެ؟ ހަމަ ޔަގީނުން ވެސް ބިދޭސީން ހިންގާ ކަންމަތީ ފިހާރަތަކުގެ ވިކުރާ އަށް ޖަމާވާ ފައިސާ ވަންނަ ތަނެއް އޮންނާނެ ދެއްތޯ އެވެ. އަދި އަނެއް ސުވާލަކީ، ބިދޭސީން، ބޭރަށް ބޭރު ކުރާ ބޭރު ފައިސާ ބެލޭނެ ގޮތެއް ނޯވޭތޯ ކުރެވޭ ސުވާލެވެ. އެ މީހުން ބޭރަށް ފޮނުވާ ފައިސާއަކީ ވޯކްޕާމިޓްގެ ތެރެއިން އެ މީހުންނަށް ލިބޭ އާމްދަނީއާ އެއްވަރަށް ފޮނުވާ ފައިސާއަކަށް ވާކަށް ނުޖެހޭތޯ އެވެ؟

އެކަންކަން ނުބެލޭ ނަމަ ކީއްކުރާ އޮތޯރަޓީތަކެއްތޯ އެވެ؟ ގަވާއިދާ ހިލާފަށް ޕާކް ކުރާ ސައިކަލްތަކުގައި ސްޓިކާ ޖެހުމަށް ފުލުހުން ސަމާލުކަން ދޭވަރަށް، ވޯކްޕާމިޓް ނެތި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ފުލުހުން ސަމާލުކަން ނުދެނީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ.

ބިދޭސީން ރެގިއުލޭޓް ކުރުމަށް ހަވާލުވެފައިވާ ފަރާތްތަކުން އެ ބުނަނީ އަދި ވެސް ބިދޭސީން މަދު ކަމަށާއި ދެތިން ލައްކަ މީހުން އިތުރަށް ގެންނަން ޖެހޭ ވާހަކަ ވިއްޔާ އެވެ. އަދި ބުނާ ކަހަލަ އެވެ. އެމީހުންނާ ނުލައި ދިވެހިންނަށް ދިރިނޫޅެވޭނެ އެވެ. ތެދެކެވެ. އެކޮނަމީ ކުރިއަރުވަން އިތުރު މީހުން ބޭނުން ނަމަ ހަމަ ބިދޭސީން ގެންނަންވީ އެވެ. އެކަމަކު އެކޮނަމިކް މިނިސްޓްރީގެ ދައުރަކީ ހަމައެކަނި ހުއްދަދީ، ރަޖިސްޓްރީ އިޝޫކުރުމަށް ވުރެ، ފުޅާ ދައުރެއް އޮތްކަން ގަބޫލުކޮށް، އެ މަގަށް މަސައްކަތް ކުރާކަަށް ނުޖެހޭތޯ އެވެ؟

މި ނޯޓުގައި ވިސާ އާ ނުކޮށް އޮއްވައި ވިސާގެ މުއްތަދު ހަމަވުމުން މެލޭޝިޔާގައި ކަންކުރާ ގޮތް ހިއްސާކޮށްލާނަމެވެ. އެފަދަ ހާލަތެއްގައި އެ މީހަކު ޖެހޭނީ ޖަލަށްދާށެވެ. މުއްދަތު ހަމަވުމުން އެންމެ ދުވަހަކަށް ވިއަސް، އެކަން ހިނގާނީ އެ ބީދައިންނެވެ. މިކަން ތަޖުރިބާކޮށްފައިވާ އެތައް ދިވެހި ކިޔަވާ ކުދިންނެއް މެލޭޝިޔާގައި އުޅޭނެ އެވެ.

އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ހައްދެއް ނެތި، އަދި ހަމައެއް ލަމައެއް ނެތި، ވަކި ބަޔެއްގެ ފައިދާ އަށް ބިދޭސީން، ހާއްސަކޮށް ބަނގުލާދޭޝް މީހުން ރާއްޖެ އެތެރެ ކުރީ ކުރީގެ ސަރުކާރުތަކުންނެވެ. އަދި އެކަން ހައްދުން ނެއްޓީ އެންމެ ފަހުން ނިމުނު ސަރުކާރުގެ ފަހުކޮޅުގަ އެވެ. އެ ވަގުފާރިން މުއްސަނދިވި މީހުން އެެތިބީ ފެންނާށެވެ. އެކަމަކު އެއިން މީހަކާ ދެކޮޅަށް ކުރެވުނު ކަމެއް ވެސް ނެތެވެ. އަދި ކުރަން ބޭނުންވާ ހެން ވެސް ހިއެއް ނުވެ އެވެ. މައްސަލައެއް ނެތެވެ. ކުރީގެ ސަރުކާރުތަކުން "އެ ޖަރީމާ" އެގޮތަށް ހިންގީ އެވެ. އެކަމަކު ގަވާއިދާ ހިލާފަށް އުޅޭ މީހުން ބަންދުކޮށް ފޮނުވާލުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ނުފުދޭތޯ އެވެ؟ ސާޅީސް ހާސް މީހުން ގާނޫނީ އިމަށް ފައްތަން ކިތައް އަހަރު ނަގާނެތޯ އެވެ؟ ހަމަ ބަލަހައްޓައިގެން ތިބެވެންވީތޯ އެވެ؟ އެއިން ކޮންމެ މީހެއްގެ ނަމުގައި ނެގި ޑިޕޮސިޓް ފައިސާ ކޮބައިތޯ އެވެ؟ އެ ފައިސާ އިން އެ މީހުން ފޮނުވާނުލެވެންވީ ކީއްވެތޯ އެވެ؟ މި ދައްކަނީ ވޯރާ ވިޔަފާރިވެރިން ފޮނުވާލި ގޮތަށް އެ މީހުން ފޮނުވާލަން ބުނާ ވާހަކައެއް ވެސް ނޫނެވެ. އަދި އެ މީހުންގެ އިންސާނީ ކަރާމަތް ގެއްލުވާލާފައި އެކަން ކުރާށޭ ބުނަނީ އެއް ވެސް ނޫނެވެ. އެކަމަކު ގާނޫނާ ހިލާފަށް އުޅޭ ކޮންމެ މީހަކީ ޖަލުގެ ތޭރިތަކުން ނޫން ގޮތަކަށް ޖާގަ ލިބިގެން ވާނެ މީހެއް ނޫން ވާހަކަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް އެ މީހުން ކުރާ ވިޔަފާރިތައް ނުހުއްޓުވުމުގައި ބިދޭސީން އެތެރެވާ، މައިދޮރޯށީގެ ދޯދިޔާ ކަމާއި މުއައްސަސާތަކުން ޒިންމާއިން ރެކުން ހިމެނެ އެވެ. އަދި ރާއްޖެ އަށް ބިދޭސީން އެތެރެވާ، ދޮރު ފާރަވެރިންގެ ގޮތުގައި ހިމެނޭ ފަރާތްތަކާއި އިމިގްރޭޝަންގެ ކޮރަޕްޝަންގެ ވާހަކައަކީ ޒަމާނުއްސުރެ ދައްކަމުން އަންނަ ވާހަކަ އަކަށް ވިއަސް، ހައްލު ނުވި ކަމެކެވެ. ސުވާލަކީ މިހާތަނަށް އެއިން ތަނެއްގެ ވެރިއަކު، އަދި މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ކޮށްފައިވޭތޯ އެވެ؟

އެ ހުރިހާ ކަމެއް އެހެން ހުއްޓައި އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަ މަގަށް އެޅުވުމުގެ މަަސައްކަތް ފެއްޓިތާ ހައެއްކަ މަސް ފަހުން ރިހޭ ފައިމައްޗަށް ފޮއިވެޓުނީއޭ ބުނާ ގޮތަށް، ކޮވިޑާ ގުޅިގެން މި ވަނީ އެ މީހުންގެ ފަރާތުން އިތުރު ބުރައެއް އުފުލަން ޖެހިފަ އެވެ. އަހަރުންނަށް މި ޖެހެނީ ބަޖެޓްގައި ހުރި ފައިސާކޮޅުގެ ބޮޑު އަދަދެއް ހަރަދުކޮށްގެން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި ކަރަންޓީން ފެސިލިޓީތަކަށް ފޮނުވައިގެން ހަރަދު ކުރާށެވެ. އެއިރު ރާއްޖޭގައި ކޮވިޑް ޖެހުނު 1000 ވަރަކަށް މީހުންގެ ތެރެއިން މީހެއްގެ ބޮލަކަށް މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ޖެހުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް މި ހަރަދު ކުރަން ޖެހެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރާކަަށް ނޫންތޯ އެވެ؟ ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު ދިވެހީންނަށް އޮތީ ކޯއްޗެއްތޯ އެވެ؟ އެންމެ ކުޑަ މިނުން އެ މީހުންގެ ނަމުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން މަދު އެތިކޮޅެއް ދިނުމަށް ވެސް އެ ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ އިންސާފަކީ ކޮބާތޯ އެވެ؟

އަނެއްކާ ޕެންޝަން ފަންޑްގެ ހުރިހާ ފައިސާއެއް ޓީބިލްގެ ތެރެއަށް ވަދެ ހުސްވީތޯ އެވެ.

ތެދުފުޅެކެވެ. ބިދޭސީން ރާއްޖޭގައި މި ދުވަސްވަރު އުޅެނީ ވަރަށް ދަތި އަދި އުނދަގޫ ހާލުގަ އެވެ. އެ މީހުންނާ ދޭތެރޭ ހަމްދަރީވަމެވެ. އެކަމަކު އެ މީހުންނަށް ވެސް އަދި ރާއްޖެ އަށް ވެސް މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ މީހުން އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމެވެ. ނޫނީ އެ ދެވެނީ އެ މީހުންނަށް ވެސް އަދި ދިވެހިންނަށް ވެސް އަނިޔާއެކެވެ.

ކޮވިޑް-19 ނިމޭ އިރު ސަލާމަތް ވާނީ ކިތައް ވިޔަފާރި ކަމެއް އަދި ދިރި ތިބޭނީ ކިތައް މީހުންކަން ދެނެވޮޑިގެން ވަނީ މާތް ﷲ އެވެ. ﷲގެ ރަހުމަތްފުޅާ އެކު ލާހިކު ގޮތަކަށް މިކަމުން އަރައިގަނެވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އަޅުގަނޑުމެން އެންމެންގެ ދުއާއަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް މިހާދިސާ އަށް ފަހު، ދުނިޔޭގައި ތިބި ބަޔަކު ވަރަށް ސީރިއަސްކޮށް، ފިލާވަޅުތަކެއް ހޯދަން ޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރަން ޖެހެ އެވެ. އެ ގޮތުން ގައުމީ އުފެއްދުންތެރި ކަމަށް ހިއްސާ ނުކުރާ މީހަކު ނުހުންނާނެކަން ޔަގީން ކުރުން އެއީ އެއް ކަމެވެ. ހަމަ އެއާ އެކު ލޭބާފޯސްގައި ތިބި މީހުންގެ ތެރެއިން 36 ޕަސެންޓް ނޫނީ 87،000 މީހުންނަކީ ނިސްބަތުން ގިނަ ބައެއްކަން ގަބޫލުކޮށް އެކަމަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ގްރޭޑް ނުވައެއް އަދި 10 އަކަށްދާ ހިސާބުން މަސައްކަތުގެ ތެރެއަށް ކުދިން އަހުލުވެރިކޮށް ނެރެން ޖެހެ އެވެ. އުމުރުން 16 އަހަރާއި 18 އަހަރާ ދޭތެރޭ އެ ގެއްލޭ ދެ އަހަރު ނުގެއްލޭނެ ގޮތަކަށް ސިސްޓަމް ބަންޓަން ކުރަން ޖެހެ އެވެ. ދުނިޔޭގެ ތަޖުރިބާ އިން އިބުރަތް ލިބިގަންނަން ޖެހެ އެވެ.

ރާއްޖެ ފަދަ ކުޑަ އަދި ދެ ބިލިއަނެއްހާ ޑޮލަރުގެ ބަޖެޓަކުން އަހަރަކު ބިދޭސީން 300 މިލިއަން ޑޮލަރު ނޫނީ 4.6 ބިލިއަން ރުފިޔާ ބޭރަށް ފޮނުވާލަ ފޮނުވާލައި ތިބެވޭކަށް އަޅުގަނޑުމެންނަކަށް ނޯންނާނެ އެވެ. ސަރުކާރުތައް ބަދަލުކުރަނީ ބޯ ބަދަލު ކުރާ ކަމަކަށް ހަދައިގެން ނުވާނެ އެވެ. އެކަން ވާން ޖެހޭނީ ދައްކާ ވާހަކަ އަށް ވުރެ ބޮޑަށް ހާސިލުކޮށްދެވޭނެ މެނިފެސްޓޯއެއްގެ މައްޗަށް ކުރާ ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ކެރޭ، މެނިފެސްޓޯގައި އެކަން ކުރަން ބުނެ، ކުރާނެ ބަޔަކު ވެރިކަމަށް ގެންނަން ޖެހެ އެވެ. ގައުމުތަކުގެ ކޮރަޕްޝަންގެ މޫތައް އަށަގެންފައިވާ މުއައްސަސާތައް "ދޮވެ ސާފުކުރާ" ފަންނީ ކުންފުނިތައް މަދެއް ނޫނެވެ. އާންމުކޮށް އެފަދަ ފަރާތްތަކުން ފީ ނަގަނީ އެ ފަރާތްތަކުގެ މަސައްކަތުން ގެންނަ ސޭވިންގެ ޕަސެންޓެއް ލިބޭ އުސޫލުންނެވެ. ރާއްޖޭގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެ ފަދަ ވިސްނުމަކަށް ނުދާންވީ ސަބަބެއް ނެތެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކަ އެވެ. އަދި ދިވެހިންގެ މުސްތަގުބަލަށް ޓަކަ އެވެ.

comment ކޮމެންޓް