ފުޓުބޯޅައިގެ ނިއު ނޯމަލް: މެޗަށްފަހު ބޯޅަތައް ވެސް ޑިސްއިންފެކްޓް ކުރަނީ

ޖަރުމަނުގެ ބުރޯޝިއާ ޑޮޓްމަންޑުގެ ކުޅުންތެރިއަކު ބޯޅަ ހިފަހައްޓާލައިގެން ---

ފަސޭހަ ކަމާއި އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު އައިސްފައިވާ "ނިއު ނޯމަލް" ގެ ސަބަބުން މެޗުތައް ކުޅުމަށްފަހު ބޯޅަތައް އިންފެކްޓްކުރަން ފަށައިފި އެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެގޮތުން މިއަދު ވަނީ އެގައުމުގެ ބުންޑެސްލީގާގެ ހަ މެޗު ކުޅެފަ އެވެ.

އެކަމަކު މެޗު ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަކުރެވުނު އެތައް ކަމެއް އެބަހުއްޓެވެ. މުޅި ދަނޑު އޮތީ ފަޅަށެވެ. ކުޅުންތެރިން ބެންޗުގައި ވެސް ތިބީ ތިން ފޫޓު ދުރުގަ އެވެ. މެޗު ފެށީ ދެ ޓީމުގެ ދެމެދުގައި ސަލާމްކުރުމެއް ވެސް ނެތި އެވެ.

މެޗު ކުޅުމުގެ ހަފުތާއެއް ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ވަކިން ހޮޓަލެއްގައި ކަރަންޓީން ކޮށްފަ އެވެ. ދުވަހުން ދުވަހަށް ވައިރަހަށް ޓެސްޓް ކުރި އެވެ. އެއަށްފަހު މެޗަށް އައީ ވެސް ހަރުކަށި ފިޔަވަޅުތަކަކަށް ބޯލަނބައިގެން މަދު ކުޅުންތެރިންތަކެއް ކޮންމެ ބަހަކަށް އަރުވައިގެން ވަކި ވަކިންނެވެ.

މިވަރަކުން އަދި ނިމުނީއެއް ނޫނެވެ. ދަނޑުތަކުގެ ގަވާއިދުތައް އަދި މާ ހަރުކަށްޓެވެ. މެޗުގައި ބޭނުން ކުރަނީ އެންމެ 30 ބޯޅަ އެވެ. ހުރިހާ ބޯޅަތައް މެޗު ފެށުމުފެ ކުރިން ވަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ. އަދި މެޗު ނިންމާފަވެސް ދެވަނަ ފަހަރަށް ޑިސްއިންފެކްޓް ކުރެއެވެ.

މުޅި ދަނޑަށް ވެސް ވަދެވެނީ 213 މީހުންނަށެވެ. އޭގެ ތެރެއިން 98 މީހުންނަކީ ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުންގެ އިތުރުން ބޯޅަ ބޯއީސްއެވެ. ބާކީ 115 މީހުންނަކީ ސްޓޭންޑުތައް ބަލަހައްޓަން ތިބޭ ސެކިއުރިޓީ އޮފިޝަލުންނެވެ. ދަނޑަށް ކުޅެން ނުކުމެ ތިބި ކުޅުންތެރިން ފިޔަވާ ހަމައެކަނި މާސްކް އަޅަން ނުޖެހެނީ ރެފްރީންނާއި، ކޯޗެވެ. ބާކީ ތިބި އެންމެން ވެސް ތިބެނީ މާސްކް އަޅައިގެންނެވެ.

މީގެ އިތުރުން މެޗު ބަލަހައްޓާ ވީޑިއޯ އެސިސްޓެންޓް ރެފްރީންނާއި، ކޮމެންޓޭޓަރުން ވެސް ހަރަކާތްތެރިވާން ޖެހެނީ ދަނޑުން ބޭރުގަ އެވެ.

ނިއު ނޯމަލްއާ އެކު ފުޓުބޯޅައަށް މިގެނެސްފައިވާ ބަދަލުތަކާ އެކު ވެސް ކުލަބުތަކުން ލީގުތައް ފެށުމަށް ތައްޔާރުވަމުންދާ އިރު ފުޓުބޯޅަ ކުރިން އޮތް ހާލަތަށް ރުޖޫއަވާން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

comment ކޮމެންޓް