ގޯލް ސެލަބްރޭޓް ކުރުމުގައި ކައިރި ވުމަކީ މައްސަލައެއް ނޫން: ޖަރުމަނު

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ޓޮމް ވެބާ

ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރުމުގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާއި ކައިރި ވުމަކީ މައްސަލައެއް ނޫން ކަމަށް ޖަރުމަނުގެ ގައުމީ ލީގު (ބުންޑެސް ލީގާ) އިން ބުނެފި އެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެގޮތުން މިއަދު ވަނީ އެގައުމުގެ ބުންޑެސްލީގާގެ ހަ މެޗު ކުޅެފަ އެވެ.

ނަމަވެސް މެޗުތައް ކުޅެމުން ދިޔަ އިރު ކުރީގެ މެޗުތަކާއި ކިތަންމެހާ ވެސް ތަފާތެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން އޮގަސްޓުގެ ނިޔަލަށް ޖަރުމަނުގައި އެއްވެސް އާއްމު އެއްވުމެއް ނުބޭއްވޭނެކަން އެގައުމުގެ ސަރުކާރުން ވަނީ އަންގާފަ އެވެ. އެހެން ކަމުން ލީގުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

އަދި ކުޅުންތެރިން ބެންޗުގައި ވެސް ބައިތިއްބާފައި ތިބެނީ ދުރުދުރުގަ އެވެ. މީގެ އިތުރުން ދަނޑަށް އަރައި ދެ ޓީމުގެ ކުޅުންތެރިން ސަލާމް ކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. މިއާ އެކު ވެސް ގޯލުތައް ޖެހުމަށްފަހު އެ އަންނަ ފޯރިގަނޑުގައި ކުޅުންތެރިން ބޮނޑިވާތަން ފެނުނެވެ. އެހެން ކަމުން ބައެއް މީހުން އެކަމަށް ޖޯކު ވެސް ޖަހާ ހެދި އެވެ.

އެކަން ކަމަށް ރައްދު ދެމުން ބުންޑެސްލީގާގެ އޮފިޝަލަކު ބުނީ ގޯލް ސެލަބްރޭޝަންގައި ކުޅުންތެރިން ކައިރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ލީގަށް ގެނެވުނު ބަަދަލުތަކުގެ ގައިޑްލައިންގެ ތެރޭގައި އެކަން ނުހިމެނޭކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

"ފުޓުބޯޅައިގަ ސެލަބްރޭޓް ކުރުމަކީ މުހިއްމު ކަމެއް. ހުރިހާ ކުޅުންތެރިން ވެސް ދުވަހުން ދުވަހަށް މިދަނީ ޓެސްޓް ކުރަމުން. މިކަމުގެ ސަބަބުން ރިސްކެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. ސެލަބްރޭޓް ނުކުރެވޭ ނަމަ ފުޓުބޯޅަ އަލުން ފެށުމުގެ ބޭނުމެއް ނެތް." ބުންޑެސްލީގާގެ އޮފިޝަލް ބުންޏެވެ.

ޖަރުމަނުގެ ލީގުގެ ކުޅުން ރޭ އަލުން ފެށިއިރު ކޮންމެ މެޗެއްގައި ވެސް ފަސް ބަދަލު ކުރެވޭ ގޮތަށް ފީފާއިން ހުށައެޅި ގޮތަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

comment ކޮމެންޓް