ރުވަންޑާގެ ގަތުލުއާންމުގައި އިސް ދައުރެއް އަދާ ކުރި ވިޔަފާރިވެރިޔާ ހައްޔަރުކޮށްފި

ރުވަންޑާގެ ގަތުލުއާންމުގައި އިސް ދައުރެއް އަދާ ކުރި ވިޔަފާރިވެރިޔާ ފެލީސިއަން ކަބޫގާ ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އީޕީއޭ

ކިގާލީ (މެއި 17): ރުވަންޑާގައި 1994 ވަނަ އަހަރު ކުރިއަށްގެންދިޔަ ގަތުލުއާންމުގައި އިސް ދައުރެއް އަދާ ކުރި ވިޔަފާރިވެރިޔާ ފެލީސިއަން ކަބޫގާ ފްރާންސުގައި ހުއްޓާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ފްރާންސުގެ ޖަސްޓިސް މިނިސްޓްރީން ބުނި ގޮތުގައި 84 އަހަރުގެ ކަބޫގާ ހައްޔަރު ކުރީ އެގައުމުގެ ވެރިރަށް ޕެރިސް ކައިރީ، ތަފާތު ނަމެއްގައި ދިރިއުޅެމުން ދަނިކޮށެވެ. އަދި އޭނާ އެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ދަރިންގެ އެހީއާއެކުގަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ކަބޫގާ ހައްޔަރު ކުރީ ބެލްޖިއަމް އާއި އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދިޔަ ދިގު ތަހުގީގަަކަށް ފަހުގަ އެވެ.

ރުވަންޑާގައި 1994 ވަނަ އަހަރުގެ އޭޕްރިލް ހަތެކާއި ޖުލައި 15އާ ދެމެދު ކުރިއަށްގެންދިޔަ ގަތުލްއާންމުގައި އެގައުމުގެ ހޫޓޫ ނަސްލުގެ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ހޫޓޫ ނަސްލުގެ އެހެން މީހުންނާއި މައިނޯރިޓީ ނަސްލެއް ކަމަށްޓާ ޓޫޓްސީ މީހުންގެ 800،000 ވުރެ ގިނަ މީހުން މަރާފަ އެވެ.

ހޫޓޫ ނަސްލުގެ މީހެއް ކަމަށްވާ ކަބޫގާ ވަނީ އެ ގަތުލްއާންމު ހިންގުމަށް ހިތްވަރުދިން ރޭޑިއޯ ސްޓޭޝަނެއް ހުޅުވާ، އެއަށް ހަރަދުކޮށްފަ އެވެ. އަދި އެ ގަތުލުއާންމު ހިންގުމަށް ބޭނުން ކުރި ބޮޑެތި ވަޅިތައް އޭރު ކަބޫގާގެ ކުންފުނިތައް މެދުވެރިކޮށް އޭނާ ގިނަ އަދަދަކަށް އެތެރެ ކުރި ކަމަށް ރުވަންޑާގެ ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.

އެ މައްސަލައިގައި، އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯ ރުވަންޑާއިން ވަނީ ކަބޫގާގެ މައްޗަށް ގަތުލުއާންމާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގުމުގެ އަށް ދައުވާއެއްކޮށްފަ އެވެ. އަދި އިންސާފަށް ފިލައިގެން އުޅެމުން އޭނާ ވަނީ ކެންޔާ އާއި ސުވިޒަލޭންޑާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި ދިރިއުޅެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކަބޫގާގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް ފްރާންސުން އޭނާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާ ހަވާލު ކުރާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް