ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އެބަ އޮތްކަމަށް ބުނެ އިނގިރޭސިވިލާތުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފި އެވެ.
ސްރީލަންކާގައި ހުންނަ ބްރިޓިޝް ފޮރިން ކޮމަންވެލްތު އޮފީހުން މިއަދު ނެރުނު ބަޔާނުގައި އޮތް ކަމަށް ސްރީލަންކާގެ "ސްރީލަންކާ ގާޑިއަން"ގައި ބުނަނީ ދިވެހި ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އެބަ އޮތް ކަމަށާއި އާއްމުކޮށް ޓޫރިސްޓުން ޒިޔާރަތްކުރާ ތަން ތަނަށް ވެސް ތަފާތު ކުރުމެއް ނެތި ޓެރަރިސްޓް ހަމަލާއެއް އަމާޒުވުމުގެ ބިރު އެބަ އޮތް ކަމަށެވެ.
އަދި އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވާ ކަމަށާއި މުޒާހަރާތައް ކުރިއަށް ދާ ކަމަށެވެ. އަދި އެފަދަ މުޒާހަރާތައް ހިނގާ ތަންތަނަށް ނުދިއުމަށް ރާއްޖޭގައި ތިބި އިނގިރޭސި ޓޫރިސްޓުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި 2009 ވަނަ އަހަރު ރާއްޖޭގައި އިނގިރޭސި ޓޫރިސްޓުންނަށް ދިމާވި ކަންތައްތަކަކީ އަގުބޮޑު ތަކެތި ވަގަށް ނެގުން ފަދަ ކަންތައްތައް ކަމަށާއި އެފަދަ ކަންތައްތަކަށް ރައްކާތެރިވާން ވާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.