2،5 ބިލިއަން ރުފިޔާގެ އާމްދަނީއާއެކު އެސްޓީއޯއަށް ތިޔާގި ކުއާޓަރެއް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ ވިޔަފާރި ރަނގަޅުވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ލިބިއްޖެ އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 141 މިލިއަން ރުފިޔާ ނުވަތަ ހަ ޕަސެންޓު އިތުރު އަދަދެކެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ މާލީ އުސްއަލިތަކަށް ބަލާއިރު، އެކުންފުންޏަށް ޖުމުލަ ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 28 މިލިއަން ރުފިޔާ ނުވަތަ ނުވަ ޕަސެންޓު އިތުރުވުމެކެވެ.

ޖުމުލަ ފައިދާއާއެކު ކުންފުނީގެ ސާފު ފައިދާ ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މި ކުއާޓަރުގައި އެ އަދަދު ވަނީ 114 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އެސްޓީއޯގެ އާމްދަނީއާއި ފައިދާއަށް މި ކުއާޓަރުގައި އިތުރުވުމެއް އައިއިރު، ކުންފުނީގެ ހަރަދުތައް މި ކުއާޓަރުގައި 37 މިލިއަން ރުފިޔާ ދަށްކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހަރަދުތަކަށް 248 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި ކުއާޓަރުގައި ހަރަދުތަކަށް ހިނގާފައިވަނީ 211 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން ވަނީ އެކުންފުނީގެ 99.99 ޕަސެންޓުގެ ހިއްސާއާއެކު މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީގެ ނަމުގައި ޝިޕިން ވިޔަފާރީގެ ތެރެއަށް ވެސް ވަދެފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް މާލީ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ކުއާޓަރު ނިންމާލީ ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން އިގްތިސާދު ހީނަރުވާން ފެށި ދުވަސްވަރުގަ އެވެ.

އެއާއެކު އެސްޓީއޯގެ ވަސީލަތްތައް މިކަމާ ގުޅުން ހުރި ކަންކަމަށާއި އާންމުންގެ ބޭނުންތަކަށް ހާއްސަކޮށް، ކާޑުގެ ބާވަތްތަކާއި ތެލާއި ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް