ހިންމަފުށީ ރިހެބުން ޕޮޒިޓިވްވި އެކަކީ މާލެއިން ފެނުނު ކޭސްއެއްގެ ކޮންޓެކްޓެއް: ޑރ. ނަޒްލާ

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު: އެތަނުގައި ހުރި ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ---

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ)އިން ފެނުނު އެއް ކޭސްއަކީ މާލެއިން މިއަދު ފެނުނު ކޭސްއެއްގެ ކޮންޓެކްޓެއް ކަމަށާއި އެ ސެންޓަރަށް ބަލި ދަތުރުކުރި ގޮތަކީ މިއީ ކަމަށް އެންއީއޯސީން ލަފާކޮށްފި އެވެ.

އެކި ތަންތަނުގައި ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި އެކްޓިވް ސަވެއިލަންސްގެ ދަށުން ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން އިއްޔެ ހިންމަފުށީ ޑީޓީއާރުސީއިން ނެގި ތިން ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ތިން މީހުންނަކީ ވެސް އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސްފައިވާ ތިން މީހުންނެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުން ޑީޓީއާރުސީއަށް މީހުން ގޮސްފައިވާނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން ޑރ. ނަޒްލާ ރަފީގު- ސަން ފޮޓޯ

"އެންމެ ފަހުން ޑީޓީއާރުސީއަށް ކްލައިންޓުން ގޮސްފައިވަނީ 13 އޭޕްރީލްގައި. އެ ދުވަހު ހަތަރު ކްލައިންޓުން ގޮސްފައިވޭ. އޭގެ ކުރިން އޭޕްރީލް އަށްވަނަ ދުވަހު ދެ މީހުން، ނުވަވަނަ ދުވަހު އެކަކު އަދި 12 ވަނަ ދުވަހު ހަތަރު މީހުން ގޮސްފައިވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑީޓީއާރުސީން ޕޮޒިޓިވްވި ތިން ސާމްޕަލްގެ ތެރޭގައި އެންމެ ފަހުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ސާމްޕަލް ވެސް ހިމެނޭ ކަމަށެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކު މިހާރު ހުރީ އާއިލާ މެމްބަރަކަށް ދިމާވި ކަމަކާ ގުޅިގެން މާލެ އައުމަށްފަހު އާއިލާއާ އެކުގަ އެވެ. ތިންވަނަ މީހާ ވެސް އެތަނަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"13ވަނަ ދުވަހު ދިޔަ ހަތަރުވަނަ މީހާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން މާލޭގައި އުޅުނުއިރު ގޮސްފައި ހުރި ތަންތަން ބަލައިލިއިރު، އޭނާ ދިޔަ އެއް ގެއަކުން މިއަދު ޕޮޒިޓިވްވި ބޭރު މީހެއް ވަނީ އައިޑެންޓިފައި ކުރެވިފައި. މިއީ އެތަނަށް [ޑީޓީއާރުސީއަށް] ބަލި ދިއުމުގެ ޕޮސިބަލް ރޫޓަށް ވެދާނެ ކަމަށް ލަފާކުރެވޭ، ޔަގީންކޮށް މިވަގުތު އެހެން ދަންނަވަން ނޭނގުނު ނަމަވެސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހިންމަފުށީ ޑީޓީއާރުސީ ލޮކްޑައުންކޮށް، އެތަނުން މީހުން ވަދެ ނިކުތުން ހުއްޓުވާފައިވަނީ އޭޕްރީލް 22 ވަނަ ދުވަހުގަ އެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހިންމަފުށްޓަށް ނިސްބަތްވާ ބައެއް މުވައްޒަފުން ވަގަށް ރަށު ތެރެއަށް ނިކުމެ އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ކޮންބައެއްކަން ހޯދިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ކޮންމެވެސް ވަރަކަށް ހެލްތު ސެންޓަރަށް ބަލިވެގެން ދައްކަން ދެ މީހަކު ގޮސްފައިވޭ. އެކަކު ރެގިއުލާކޮށް ބޭސްއަޅަން ސެންޓަރަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ. އެތަން ލޮކްޑައުން ކުރި ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް މުވައްޒަފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި، އެ ރަށުގެ މީހުން އެ ރަށު ތެރެއަށް ގޮސްފައިވާ ކަން އަދި ރަށު ތެރޭގައި އުޅެފައިވާ ކަން ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

comment ކޮމެންޓް