ނިއު ނޯމަލްއަށް މާލޭ ސިޓީ ފައްކާ ކުރަނީ

މާލޭ ސިޓީގެ ފިހާރައެއް ކައިރީގައި ދުރު ދުރުގައި މީހުން ތިބުމަށް ބާރު އެޅުމުގެ ގޮތުން ބޮޅު އަޅާފައި --- ފޮޓޯ: ސިޓީ ކައުންސިލް

ނުރައްކާތެރި ކޮވިޑް-19 މާލޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން 'ނިއު ނޯމްލް' ގައި މީހުން އުޅުން ބައްޓަން ކުރާނެ ގޮތަކަށް މާލެ ސިޓީ ފައްކާ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވޭނެ ނަވަތަ އެބަލިން ރައްކާތެރިވެވޭނެ އެންމެ މޮޅު ގޮތަކީ ގައިދުރުކަން ބަހައްޓައި ގިނަ ގިނައިން އަތް ދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން މާރުކޭޓް ސަރަހައްދުގައި އަތް ދޮވެވޭނެ އިންތިޒާމްތަކެއް ވެސް ހަމަޖެއްސި އެވެ. އަދި މިހާރު މާލެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށިފައިވާއިރު ސިޓީ ކައުންސިލުން މިވަނީ 'ނިއު ނޯމްލަ' ގައި ރައްޔިތުންގެ ގައިދުރުކޮށްގެން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފިހާރަތައް ކައިރީގައި މީހުން ތިބޭނެ ދުރުމިން އަންގައިދޭން ފަށާފަ އެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު 'ސަން' އަށް ވިދާޅުވީ، ފިހާރަތައް ކުރިމަތީގައި މީހުން ތިބެންވީ ދުރުމިން އަންގައި ދިނުމުގެ ގޮތުން ކުރަހަން ފަށާފައިވާނެ ކަމަށާއި ފުރަތަމަ ކުރިއަށް ގެންދާނީ ބޮޑެތި މަގުތަކުގައި ހުރި ފިހާރަތައް ކަމަށެވެ.

"ދެން މާރުކޭޓް ސަރަަހައްދަށް ވެސް އަޅުގަނޑުމެން އެކަން ކުރާނަން. ދެން ކުރިއަށް އޮތް ތަނުގައި މާރުކޭޓަކީ މީހުން މަސް ގަންނަން ދާ ތަނެއްގެ ގޮތުގައެއް ނޫން މިހާރު ދެން ފަރުމާ ކުރެވޭނީ. އެތަނަކީ މަސް ކަނޑައިގެން މަސް ޑެލިވާ ކޮށްދޭ ތަނެއްގެ ގޮތުގައި ބަދަލުކުރާނީ،" ޝިފާ ވިދާޅުވި އެވެ.

ލޮކްޑައުން ކޮށްފައި މި ދުވަސްވަރުގައި އެއްވެސް މީހަކު މާރުކޭޓަށް މަސް ގަންނަން ދާން ނުޖެހޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން މޭޔަރު ޝިފާ ފާހަކަ ކުރެއްވި އެވެ. އެގޮތުން ފުލުހުންގެ ފަރާތުން ޑެލިވަރީ ހުއްދަ ލިބުނުހާ އަވަހަކަށް މަސް ކަނޑައިގެން މަސް ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

comment ކޮމެންޓް