ގަވައިދާ ހިލާފަށް އުޅޭ 353 ބަންގްލަދޭޝް މީހުން ފޮނުވާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ބަޔަކު ފުރުން ގޮސް: ގަވާއިދާއި ހިލާފަށް އުޅޭ 353 ބިދޭސީއަކު މިއަދު ވަނީ އަނބުރާ ގައުމަށް ބަންގްލަދޭޝްއަށް ފޮނުވާލާފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 353 ބަންގްލަދޭޝް ރައްޔިތުން މިއަދު އެގައުމަށް އަނބުރާ ފޮނުވާލައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ 353 މީހުން އަނބުރާ ފޮނުވާލީ ރާއްޖެއަށް މެޑިކަލް ސާމާނު ރާއްޖެއަށް ރޭ ގެނެސްދިން ބިމަން ބަންގްލަދޭޝް އެއާލައިންސްގެ ޗާޓަރު ފްލައިޓުގައެވެ.

އެ ފްލައިޓު ރޭ ރާއްޖެ އައީ ހުޅުމާލޭގައި ތަރައްގީކުރާ ކޮވިޑް ވިލެޖަށް ބޭނުންވާ މުހިންމު ބައެއް ތަކެތި ހިފައިގެންނެވެ.

ބިމަން ބަންގްލަދޭޝް އެއާވޭސްގެ ފަލްއިޓްގެ އިތުރުން ބަންގަލްދޭޝް އިން މިއަދު އެހީ ހިފައިގެން އައި އެ ގައުމުގެ އެއާ ފޯސް ފްލައިޓުވެސް ރާއްޖެއިން ފުރާއިރު، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ އެގައުމުގެ 70 މީހުން އަނބުރާ ފޮނުވާލަން ހަމަޖެހިފައިވާކަން ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1،500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ކުރީ ކޮޅުގައި ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި ފަހުން މިއީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލު ފުރަތަމަ ފަހަރެވެ. ނަަމަވެސް ކޮވިޑް-19ގެ ނުރައްކާ އެ ބިދޭސީންނަށް ބޮޑުވެފައިވާރު ރައީސް އެހެން ވިދާޅުވުމުގެ ކުރިން ވެސް ވަނީ ބައެއް ބިދޭސީން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފަ އެވެ.

comment ކޮމެންޓް