ލޯނާއި ހިލޭއެހީގެ ގޮތުގައި 290 މިލިއަން ޑޮލަރު ކަށަވަރުވެއްޖެ

މީގެ ކުރިން އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި މިހާތަނަށް 290 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި މިހާރު ވެސް ބޭރުގެ ފަރާތްތަކުން ފައިސާގެ އެހީތެރިކަން ހޯދަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ވޯލްޑް ބޭންކުގެ އިންކަމް ސަޕޯޓު ޕްރޮޖެކްޓްގެ މަސައްކަތްތަކެއް އެބަ ކުރަން އޭއައިއޭބީއާ އެއްކޮށް. އީއައިބީގެ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއެކު ވެސް މަސައްކަތްތަކެއް އެބަ ކުރެވޭ. އޮފިޑުން މިހާރުވެސް 20 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ހަމަޖެހިފައިވަނީ. މިހާތަނަށް ގާތްގަނޑަކަށް 290 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ކޮންސެޝަނަލް އަދި ނޮން ކޮންސެޝަނަލް ލޯނު ގާތްގަނޑަކަށް މިހިރީ ކަށަވަރުވެފައި." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކޮވިޑް19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެ، ބަޖެޓު ޑެފިސިޓް އިތުރުވަމުންދާއިރު، މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅިގެން އަންނަ "ފައިނޭންޝަލް ގެޕް" ހަމައަކަށް އަޅުވައި، ކޭޝްފްލޯ ހަމަޖައްސަން 13 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

"އެބަ ފެނޭ ނޫންތޯ 13 ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް. އެ ފައިސާ ހޯދަން މަސައްކަތްތަކެއް އެބަ ކުރަން. އެއީ ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެން ކުރާ މަސައްކަތެއް. ކޮވިޑް19ގެ ހާލަތު ނޫން، އާންމު ހާލަތުގައި ވެސް ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އަބަދުވެސް ފައިނޭންސިން، ޕޮޓެންޝަލް ފައިނޭންސިން ހޯދާނެ ގޮތްތަކަކަށް އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ. މި ހާލަތާ ގުޅިގެން އެ މަސައްކަތް އިތުރަށް އެބަ ކުރިއަށް ގެންދަން. އެ ފައިނޭންސިން ހަމަޖެހޭނެ ކަމާ މެދު ޝައްކެއް ނުކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

ބޭރުގެ އެހީ ހޯދަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާއިރު، އެހީ ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ސަބަބަކީ ކޮވިޑް19ގެ މި ހާލަތަކީ ބޭރުގެ މާލީ އިދާރާތަކުން ވެސް ތައްޔާރުނުވެ އޮތް ހާލަތަކަށް ވުމާއެކު އެ އިދާރާތަކުގެ ފައިނޭންޝަލް ޕެކޭޖުތައް ވެސް ފަރުމާކޮށްފައި ހުރީ މި ހާލަތާ ގުޅޭ ގޮތަކަށް ނުވުމުންނެވެ.

comment ކޮމެންޓް