ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް

ކޮރޯނާވައިރަސް "ކޮވިޑް-19" އަށް ވެކްސިން އުފެއްދުމުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައިނަލްއަގްވާމީ ނޫސްއެޖެންސީތަކުން ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭޝިއާއާއި ޔޫރަޕާއި އެފްރިކާގެ އެތައް ގައުމެއްގެ އިތުރުން އެމެރިކާއާއި އޮސްޓްރޭލިއާގެ ކުންފުނިތަކާއި ލެބޯޓްރީތަކުގެ މެދުގައި ވަނީ ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ.

ވެކްސިން އެއް އުފައްދަން 25 ގައުމަކުން ވާދަކުރޭ

މިގޮތުން ދުނިޔޭގެ 25 ގައުމަކުން ވެކްސިން އުފެއްދުމުގެ 100 އަށްވުރެ ގިނަ މަޝްރޫއު ކުރިޔަށް ގެންދާކަމަށާއި އޭގެތެރެއިން ކުރީގައި އުޅެނީ އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، އަދި ޗައިނާގެ މަޝްރޫއުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ ބުނާގޮތުން އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، އަދި ޗައިނާ އިން ގެންދަނީ ބައެއް ވެކްސިންތައް އުފައްދައި އޭގެ ކްލިނިކަލް ތަޖްރިބާތައްވެސް ކުރަމުންނެވެ.

ކޮވިޑް-19 އަށް ބޭހެއް އުފެއްދުމަށްޓަކައި 115 ރީސާޗެއް ޔޫރަޕުން ކުރިޔަށް ގެންދޭ

ޔޫރަޕިޔަން މެޑިސިން އެޖެންސީ (އީމާ) ބުނާގޮތުން އެއެޖެންސީގެ ސްޕަވިޝަންގެ ދަށުން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމުގެ އިތުރުން ބޭހެއް އީޖާދު ކުރުމަށްޓަކައިވެސް 115 ރިސާޗެއް ކުރިޔަށް އެބަގެންދެއެވެ. ނަމަވެސް ބޭހެއް އުފެއްދޭނީ ކޮން ތާރީޚެއްގައިކަން ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ. މީގެއިތުރުންވެސް ކޮވިޑް-19 އަށް ބޭސް އުފެއްދުމަށްޓަަކައި އެމެރިކާ، ޗައިނާ، ކެނެޑާ އިނގިރޭސިވިލާތް ޖަޕާން އަދި އިންޑިއާއިންވެސް ރީސާޗްތައް ކުރިޔަށް އެބަގެންދެއެވެ.

އޮސްކްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން ގެ ތަޖްރިބާގެ ނަތީޖާ ޖޫންމަހު

ވެކްސިންތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ އޮސްކްފޯޑް ޔުނިވާސިޓީން އީޖާދުކުރި ވެކްސިންވަނީ ކްލިނިކަލް ޓެސް ކުރުމަށްޓަކައި މީގެ 10 ވަރަކަށް ދުވަސްކުރިން އިންސާނުންގެ ގަޔަށް ޖަހާފައެވެ. ނަމަވެސް އެ ވެކްސިން ޖެހި ވޮލަންޓިއަރުންގެ ހަށިގަނޑުގައި ކޮވިޑް-19 އާ އިދިކޮޅު އެންޓިބޮޑީސް އުފެދޭނެކަން ނުވަތަ ނޫންކަން އެނގުމަށް ދޮޅުމަސް ނަގާނެކަމަށާއި ޖޫންމަހުގެ ފަހުކޮޅު ވާނުވާ އެނގޭނެކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. ނަމަވެސް އެއަށްފަހުވެސް އެވެކްސިންއަށް އިތުރު ތަޖްރިބާތައް ކުރާނެއެވެ.

ޗައިނާއިން ގިނަ ވެކްސިންތަކެއް އުފެއްދުމަށްފަހު ތަޖްރިބާ ކުރަނީ

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔިޒިން ވިދާޅުވިގޮތުގައި އެގައުމުން އުފެއްދި ފަސް ވެކްސިނެއް އިންސާނުން ގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާވަނީ ފަށާފައެވެ. އެ ވެކްސިން ދިން 2،575 ވޮލަންޓިއަރުންގެ ހަށިގަނޑުން ކަންބޮޑުވާފަދަ ރިއެކްޝަނެއް ފެނިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އުންމީދު އާވެފައިވާ ކަމަށް ޒެންގް ޔިޒިން ވިދާޅުވިއެވެ. ޖުލައި މަހު އޭގެ ނަތީޖާ ލިބޭނެކަމަށް ވެސް ޒެންގް ޔިޒިން ވިދާޅުވިއެވެ. އެއަށްފަހު އޭގެ ދެވަނަ މަރުހަލާގެ ތަޖްރިބާ ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް "ބެއިޖިން ސިނޯވެކް ބަޔޯޓެކް" ކުންފުނިން އުފެއްދި ވެކްސިންއެއް މިހަފްތާގައި ތަޖްރިބާ ކުރުމަށްޓަކައި އިންސާނުންގެ ގަޔަށް ޖަހާނެކަމަށް ޔިޒިން ވިދާޅުވިއެވެ. ބެއިޖިންގެ ސިނޯވެކް ބަޔޯޓެކް އަކީ ޗައިނާގައި ބޭހާއި ވެކްސިން އުފައްދާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް