ކޮވިޑް19 ގެ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން މަސައްކަތް ކުރަނީ ކޮވިޑް19 އާ ގުޅިގެން ކުރާ ހުރިހާ ހޭދައެއް ވެސް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ކަމަށާއި، އެހެންކަމުން މިހާތަނަށް ކުރެވިފައިވާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ކުރެވޭ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރުމަށްޓަކައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އެދިވަޑައިގެންފައި ވާނެ ކަމަށާއި، އަދ މިހާރު ސްޓޭޓް އިންޓާނަލް އޮޑިޓު ކޮމިޓީން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޮޑިޓުގައި ބަލާނީ މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ޑިފެންސް، އިމިގްރޭޝަން، އެންޑީއެމްއޭ، ޕޮލިސް، ޓޫރިޒަމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އަދި ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ހަރަދުތައް ކަމަށެވެ.

މީގެ އިތުރުން ކޮވިޑަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެސްޓީއޯ މެދުވެރިކޮށް ކަމަށް ވާތީ، ސްޓޭޓް އިންޓާނަލް އޮޑިޓުންއެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޕީސީބީ މެދުވެރިކޮށް، އެސްޓީއޯގެ އިންޓާނަލް އޮޑިޓުން ވެސް ޕްރޮސެސް ހިނގަނީ ރަނގަޅަށްތޯ ބަލަން އަންގާފައިވާނެ ކަމަށެވެ.

މިހާތަނަށް ކޮވިޑް19 އާ ގުޅިގެން 814 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، އޭގެ ގާތްގަނޑަކަށް 72 ޕަސެންޓު ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.

"މިކަންތައްތައް މި ކުރެވެނީ އަޅުގަނޑުމެންނަށް ވީހާވެސް ރަނގަޅަށް ކަންކަން ކުރުމަށްޓަކައި. އޭގެ ތެރޭގައި އެއްވެސް ލީކެއް، އެއްވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރި ނަމަ ވީހާވެސް އަވަހަކަށް އެކަންތައްތައް ފާހަގަކޮށް އެ ޕްރޮސެސް ވީހާވެސް ހަރުދަނާ ކުރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުވެސް ފިނޭންސް މިނިސްޓްރީން އަންނަނީ ވީކްލީ ކޮވިޑް19 ސްޕެންޑިން ރިޕޯޓު ޝާއިއުކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ރިޕޯޓުތަކުގައި ވެސް ހުރިހާ މިނިސްޓްރީތަކުން ކުރެވޭ ހަރަދުތައް ތަފްސީލުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރަށް ޓްރާންސެކްޝަންތަކުގެ ތަފްސީލާއި ވެންޑަރުންގެ ތަފްސީލުތައް ވެސް މީޑިއާއިން އެނގެން ބޭނުންވާނެ ކަމަށާއި އެހެން ނަމަވެސް އެ ތަފްސީލުތައް ޕަބްލިޝް ކުރުމުގެ ވިސްނުން އަދި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ސިސްޓަމަށް ރާއްޖޭގެ މުއައްސަސާތަކަށް އެކްސެސް ދެވިފައި ވާނީ. އޭގެ ތެރޭގައި އޭސީސީ އަދި އެހެނިހެން މުއައްސަސާތަަކަށް ވެސް އަޅުގަނޑުމެންގެ ސިސްޓަމަށް ވަދެ ތަފްސީލު ހޯދޭނެ ގޮތަށް އަޅުގަނޑުމެން ވާނީ މަގުފަހިކޮށްދީފަ،" މިނިސްޓަރު ވިދާޅުވިއެވެ.

ހަރަދުތަކުގެ އޮޑިޓެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، ކޮވިޑް19 އިން އަރައިގަތުމަށް ދައުލަތުން ކުރާ ހަރަދުތަކާއި، އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާގޮތުގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވައިފައެވެ.

ކޮވިޑަށް ކުރާ ހަރަދުތައް އޮޑިޓު ކުރަން އީވާ ހުށަހެޅުއްވީ ރޯގާއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާއި އަދި މި ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށެވެ.

އީވާ ހުށަހަޅުއްވާފައި ވަނީ މިހާރު ސަރުުކާރުން ތައާރަފްކޮށްފައިވާ އިގްތިސޯދީ ޕެކޭޖާއި، މި ހާލަތުގައި ދައުލަތް ހިންގުމަށާއި، އެހީގެ ގޮތުގައި ލިބޭ ފައިސާ އާއި ދަރަނީގެ ފައިނޭންޝަލް އޮޑިޓެއް، ކޮންމެ ކުއާޓަރެއްގައި ހެދުމަށެވެ.

އަދި އެ ހަރަދުތައް ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށާއިި، ގާނޫނާ ހިލާފުވާނަމަ ހަރަދުތަކުގެ ރިޕޯޓެއް ތައްޔާރު ކުރުމަށް ވެސް އިސްލާހުގައިވެއެވެ.

އީވާ ވިދާޅުވެފައި ވަނީ ކާރިސާއެއްގެ ވަގުތުގައި ހާއްސަ އަހައްމިޔަތެއް ދީގެން ވަގުތުން އޮޑިޓު ކުރުމަކީ ބައިނަލްއަގުވާމީ އޮޑިޓު ނިޒާމުގައި ބާރުއަޅާ ކަމެއް ކަމަށެވެ.

އަދި ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމަކަށް ވާއިިރު، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ އޮޑިޓުކޮށް ކޮންމެ ކުއާޓަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން އޮޑިޓާ ޖެނެރަލަށް އަންގަން ވަނީ ހުށަހަޅުއްވައިފައެވެ.

comment ކޮމެންޓް