ފްރީލޭންސަރުންނަށް ދޭ ލޯނު 30،000އަށް ބޮޑުކޮށްފި

މާލޭ މަގުތަކުގައި ޓެކްސީ ކުރަނީ -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ފްރީލޭންސަރުންނަށް އެސްއެމްއީ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް ދޫކުރަން ނިންމި ލޯނު 30،000 ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް ބޮޑުކޮށްފި އެވެ.

ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސްކޮށް މަސައްކަތް ކުރާފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރަން އެންމެ ފުރަތަމަ ނިންމީ 18،000 ރުފިޔާއެވެ.

ނަމަވެސް، އެކަމާ ގުޅިގެން ފްރީލޭންސަރުން ކަންބޮޑުވުން ފާޅު ކުރުމުން އެ އަދަދު ބޮޑު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، ފްރީލޭންސަރުންނަށް ދޫކުރަން ނިންމާފައިވާ ލޯނުގެ އަދަދު ބޮޑު ކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ.

"އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން މީގެ ކުރިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000 ރުފިޔާގެ ލޯނު 30،000 ރުފިޔާއަށް އިތުރު ކުރުމަށް ވަނީ ނިންމާފައި. މީގެ ސަބަބުން ވިޔަފާރިތަކަށް ކުރިއަށް ވުރެ ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ،" އަމީރު ވިދާޅުވިއެވެ.

ފްރީލޭންސަރުންގެ ގޮތުގައި ބަލަނީ ވޭތުވެ ދިޔަ 12 މަހުގެ ތެރެއިން ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމަ އެވެ.

comment ކޮމެންޓް