ފްރަންޓްލައިން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ: އަމީރު

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަތައް އިތުރަށް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައިވީ ނަމަވެސް، ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުުން ނިންމާފައި ވަނީ 20،000 އަށް ވުރެ މަތިން މުސާރަ ލިބޭ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލީ ސާކިއުލާއެއް މިއަދު އާންމުކުރައްވާނެ ކަމަށެވެ.

މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމި ނަމަވެސް، ކޮވިޑް19 އާ ގުޅިގެން އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތައް އިސްތިސްނާ ކުރުމަށް ނިންމާފައިިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

މުސާރަ ކުޑަ ކުރާ ފަރާތްތަކުގެ ތެރެއިން އިސްތިސްނާ ވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންްނާއި، އެޗްޕީއޭގެ މުވައްޒަފުންނާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން، އެ މުވައްޒަފަކު ނިސްބަތްވާ އިދާރާއަކުން އައްޔަންކުރުމުގެ ސަބަބުން އެ ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރަށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

"ފްރޮންޓްލައިން އެލަވަންސް" ދޭން ނިންމާފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ އެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ޑެޕިޔުޓީ މިނިސްޓަރުން ފެންވަރުން ފެށިގެން މަތީގެ މުސާރަލިބޭ ފަރާތްތަކުގެ އިތުރުން މި ހާލަތުގައި އިތުރު އެލަވެންސެއް ލިބޭ ފަރާތްތަކަށް އެ އެލަވެންސް ނުލިބޭނެއެވެ.

މީގެކުރިން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އެހެން ނަމަވެސް 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކްް މުސާރައިން 20 ޕަސެންޓު އުނިކުރާނެ އެވެ.

މީގެ އިތުރުން 25،000 އާއި 60،000 އާއި ދެމެދުގެ މުސާރައެއް ލިބޭ ފަރާތްތަކުގެ އަސާސީ މުސާރައިން 30 ޕަސެންޓް އަދި 60،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން 35 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންގެ ލެވެލް އިން ފެށިގެމް މަތީ މަގާމުތަކުގެ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ވަނީ އުނިކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ މުސާރަ ކެޕް ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ނިންމަން ޖެހެނީ، މިނިސްޓަރު ވިދާޅުވީ ކޭޝްފްލޯ މެނޭޖު ކުރުމަށް ހަރަދު ކުޑަކުރަން ޖެހޭތީ ކަމަށެވެ.

comment ކޮމެންޓް