އިޓަލީން އަންނަ މަހު ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ

އިޓަލީއަށް އަރާ ފޭބުން އަންނަ މަހު ހުއްދަ ކުރާނެ -- ފޮޓޯ: ގެޓީ

ރޯމް (މެއި 16): އިޓަލީން އަންނަ މަހުގެ ތިނެކުން ފެށިގެން ބައިނަލްއަގުވާމީ ދަތުރުތައް ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އިޓަލީގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާ ގުޅިގެން ޖެހިގެން އައި މަހު މުޅި އެގައުމު ބަންދުކޮށް، ޒަރޫރީ ނޫން ހުރިހާ ހިދުމަތްތައް ހުއްޓުމަކަށް ގެނަ އެވެ. ނަމަވެސް މިހާރު އެގައުމުން ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މަދުވަމުންދާ އިރު އިޓަލީން ވަނީ ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ.

އެގޮތުން އެގައުމުގެ ފެކްޓަރީތަކާއި ޕާކުތައް ހުޅުވަން މިމަހުގެ ހަތަރެއްގައި ވަނީ ހުއްދަ ދީފަ އެވެ. އަދި ޖިސްމާނީ ގައިދުރުކަން ބަހައްޓާ ނަމަ، ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި އަޅުކަން ކުރާ ތަންތަން ހޯމަ ދުވަހު ހުޅުވޭނެ އެވެ.

މީގެ އިތުރުން އަންނަ މަހުގެ ތިނެކުން ފެށިގެން އިޓަލީގެ އެތެރޭގެ ދަތުރުތަކާއި ގައުމަށް އަރާ ފޭބުން ހުއްދަ ވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖުސެޕީ ކޮންޓޭ މިއަދު ނެރުއްވި އަމުރެއްގައިވެ އެވެ.

އިޓަލީގެ ސަރުކާރުންް ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމުން އިގިތިސާދަށާއި މީހުންނަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް 59 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލާފަ އެވެ.

އިޓަލީގައި މިހާތަނަށް 223،800އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 72،000 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުގައި ބަލި ޖެހިގެން 31،610 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް