ކޮވިޑް ވިލެޖަށް ބޭނުންވާ ބައެއް ސާމާނު ބަންގްލަދޭޝްގެ ފްލައިޓެއްގައި ގެނެސްފި

ބިމަން އެއާލައިންސްގެ މަތިންދާބޯޓެއްގައި ރާއްޖެ ގެނައި ސާމާނު ބާލަނީ -- ފޮޓޯ/ މޯލްޑިވިއަން

ހުޅުމާލޭގައި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ތަރައްގީ ކުރަމުންދާ ކޮވިޑް ވިލެޖްއަށް ބޭނުންވާ ބައެއް އާލާތްތައް ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމަން އެއާލައިންގެ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްފި އެވެ.

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްގީ ކުރާ ކޮވިޑް ވިލެޖަކީ ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ހާލަތުގައި ފަރުވާދޭން ބޭނުން ކުރަން ތަރައްގީ ކުރާ ތަނެކެވެ. އެތަނުގައި 300 އެނދު ބަހައްޓާނެއެވެ.

ރޭގެ ވަގުތެއްގައި ބިމަން އެއާލައިންސްގެ މަތިންދާބޯޓެއްގައި ކޮވިޑް ވިލެޖަށް ބޭނުންވާ ބައެއް ތަކެތި ވަނީ ރާއްޖެ ގެނެސްފައެވެ. އެ ތަކެތީގެ އިތުރުން އެހެނިހެން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ސާމާނުވެސް އެ މަތިންދާބޯޓުގައި ގެނައެވެ.

ކޮވިޑް ވިލެޖު ފެސިލިޓީއަށް ހަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ އާލާތްތަކަށް ހުރާ ހަރަދެވެ. ބާކީ 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ.

އެންމެ ފުރަތަމަ ކޮވިޑް ވިލެޖުގެ މަސައްކަތް ނިންމަން ރޭވީ މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް، އެތަނުގެ މަސައްކަތް ލަސްވެ މިހާރު ލަފާކޮށްފައި އޮތީ މި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ކޮވިޑް ވިލެޖު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކު ޕޮޒިޓިވްވުމުންވެސް އެ ތަނުގެ މަސައްކަތް ލަސްވިއެވެ.

comment ކޮމެންޓް