ވިއްސާރައިގައި އައްޑޫގެ 161 ގެއަކަށް ގެއްލުންވި، އެންމެ ބޮޑު ގެއްލުމެއް ފޭދޫއަށް

އައްޑޫ ސިޓީގައި ފެންބޮޑުވެފައި ---

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީގެ ގުޅިފައިިވާ ރަށްތަކުން 161 ގެއަކަށް ފެން ވަދެ، ގެއްލުން ވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު ރޭ ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ސަދަން އޭރިއާގެ ސިފައިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އައްޑޫ އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ވަރަށް ބޯކޮށް ވިއްސާރަ ވެހި މަގުތަކުގައި ފެންބޮޑުވެ އަދި ބައެއް ގެތަކަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިިވާ ކަމަށެވެ.

އައްޑޫން މުޅި ޖުމްލަ 161 ގެއަކަށް ފެން ވަދެ ގެއްލުން ލިބިފައި ވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ފޭދޫ އަވަށަކަށް ކަމަށް ކާނަލް ވިދާޅުވިއެވެ.

އެގޮތުން ފޭދޫގެ 97 ގެއަކުން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވާއިރު، ހިތަދޫގެ 28 ގެއަކާއި މަރަދޫފޭދޫގެ 24 ގެއަކާއި މަރަދޫގެ 12 ގެއަކުންް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

"މި ހުރިހާ ގެތަކުން ގުޅި ނަމަވެސް އަޅުގަނޑުމެންނަށް މީގެ ތެރެއިން އެޓެންޑު ވެވިފައި ވަނީ ވަރަށް މަދު އަދަދެކޭ ދެންނެވޭނީ. އެއީ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީފަ ވާނީ، މަގުތަކުގައި ވަރަށް ބޮޑަށް ފެން ހެދިފައި ވާތީ އެ ފެންގަނޑު ހިންދުމަށް ކުރަން ޖެހުނު މަސައްކަތް ކުރަން،" ކާނަލް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ ހުރިިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އައްޑޫގެ އެކި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ބައެއް ގެތަކުގައި ވެލި ބަސްތާ ޖައްސައިދިނުމުގެ މަސައްކަތް ވެސް ސިފައިން ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ފޭދޫގެ 11 ގެއެއްގައި 58 ބަސްތާ، ހިތަދޫގެ ހަ ގެއެއްގައި 24 ބަސްތާ އަދި މަރަދޫފޭދޫގެ ގެއެއްގައިވެސް ބަސްތާ ޖަހާދީފައިވާނެ ކަމަށް ކާނަލް ވިދާޅުވިއެވެ.

ފޭދޫގެ ގެތަކަށް ފެން ވަނުމުގެ އިިތުރުން، ގޭގައި ހިފާ ގެންގުޅޭ ސާމާނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެން ވަނީ ރިޕޯޓުކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ގއ. އަދި ގދ. އަށް ވެސް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ. ވިއްސާރައިގައި ގދ. ތިނަދޫ، ރަތަފަންދޫ އަދި ގައްދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް