ވައިރަސް ރިހެބަށް ވަނުން، ހައިރާންކަމާއި އެތައް ސުވާލެއް!

ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ނައިބު ރައީސް މީގެ ކުރިން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން އެތަނުގައި ފަރުވާ ހޯދާ ކުދިންނާ ބައްދަލުކޮށްލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރަށުން ބޭރުން މީހަކު ނުވަންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިިވާ ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރުމުން އެތައް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ނުކުރި ނަމަވެސް ހިންމަފުށީ ރިހެބުން ތިން މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަން އެ ތަނުންނާއި އެ ރަށު ކައުންސިލުން އިއްޔެ ޔަގީންކޮށްދިނެވެ. އެ އިދާރާތަކަށް އެކަން އެންގީ އެޗްޕީއޭ އިންނެވެ.

އެއާއި އެކު ރިހެބްގައި ހަރަކާތްތެރިވާ މީހުންނާއި އެ ރަށުގެ ރައްޔިތުން ވެސް ތިބީ ބޮޑު ޝޮކެއްގަ އެވެ. ސަބަބަކީ މާލެ އިން ކޮވިޑް-19ގެ ޕޭޝެންޓެއް ފެނުމާއި އެކު މުޅި ރާއްޖެ ލޮކްޑައުންއަކަށް ގެނެސްފައި އޮތް އިރު އެ ރަށަށް ވެސް އިތުރު ބަޔަކު އައިސްފައި ނުވާތީ އެވެ.

ހިންމަފުށީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރިހެބުން ވާހަކަ ދެއްކި އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ވިދާޅުވީ، އެތަނުގެ މުވައްޒަފުންނާއި އެކު 35 މީހެއްގެ ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އެ ތިން މީހުންނަކީ ވެސް އެތަނުގައި ފަރުވާ ހޯދާ ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އެއް އަންހެނެކެވެ. ވައިރަސް ޖެހުނު ތިން މީހުންނާއި އެ ތަނުގައި ޖުމްލަ އުޅޭ 129 މީހުންގެ ތެރެއިން އެކަކުގެ ފުށުން ވެސް ކޮވިޑް-19އަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް މި ފަހުން ފެނިފައި ނުވާކަން އޮފިޝަލު ފާހަގަ ކުރެއްވި އެވެ.

ކ.ހިންމަފުށި: އެ ރަށުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި --ސަން ފައިލް ފޮޓޯ/ އަހްމަދު ހަސަން

އެ ތަނުން ފަރުވާ ހޯދާ މީހުންނަކީ، މީގެ ކުރިން ކޮމިއުނިޓީ މަސައްކަތް ފަދަ ކަންކަމަށް އެތަނުން ބޭރަށް ރަށު ތެރެއަށް ގޮސްއުޅޭ ބައެކެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށި ރަށްތައް ވެސް ލޮކްޑައުން ކުރި ފަހުން އެއްވެސް މީހަކު އެތަނުން ބޭރަށް ގޮސްފައި ނުވާކަން އޮފިޝަލް ފާހަގަކުރެއްވި އެވެ. އަދި ރަށުން ބޭރުން އެތަނަށް ގެނެސްފައި ވަނީ ހަމަ އެކަނި ފަރުވާއަށް ބޭނުންވާ ބޭސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ އެއްގޮތަކަށް ވެސް ބުނަން ކީއްކުރަން ހީކޮށްލާފައި ބުނާކަށް ވެސް ނޭނގެ މިތަނުން ބަޔަކު ޕޮޒިޓިވް ވާންވީ ސަބަބެއް. ވަރަށް ބޮޑަށް ހައިރާން ވެފައި މި ތިބެނީ،" ރިހެބުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި އެވެ.

އެތަނުގެ ފަރުވާއަށް އެންމެ ފަހުން މީހަކު އައިސްފައިވަނީ މާލެ ލޮކްޑައުން ކުރުމުގެ ދެ ދުވަސް ކުރިން ކަން އޭނާ ފަހަގަ ކުރެއްވި އެވެ. އެއީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ. އޭގެ ފަހުން ވެސް މިހާރު މި ވަނީ މަހަކަށް ވުރެން ގިނަ ދުވަސް ވެފަ އެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން -- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު ލޮކްޑައުން ކުރިފަހުން އާއިލާ މީހަކު މަރުވުމުން އެތަނުގައި ފަރުވާހޯދަމުން ދިޔަ މީހަކު މާލެ ގެނައިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެމީހާ ވެސް އަނބުރާ ހިއްމަފުއްޓަށް ގެނެސްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖަލު ތަކާއި ހިލާފަށް ރިހެބުގައިި ތިބޭ ފަރާތްތަކަށް ހުންނާނީ އެތަނުގެ ތެރެއަށް ދޫކޮށްލާފަ އެވެ. އެހެން ކަމުން ކޮޓެރިއެއްގައި ވެސް ގިނަ މީހުން އެކުގައި ތިބެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް އެކަކު އަނެކަކާ ކައިރިން ބައްދަލުވެ އެވެ.

ހިއްމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް "ސަން" އަށް ވިދާޅުވީ، ރިހެބުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭ އިން އެންގުމުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.

"ރައްޔިތުން ތިބީ ޕެނިކެއްގައި އެކަކަށް ވެސް ބުނަން ނޭންގެ ވައިރަސް އައި ގޮތެއް،" ޝާން ވިދާޅުވި އެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19 މީހަކަށް ޖެހެނީ އެ ބަލި ޖެހިފައިވާ މީހެއް، ކެއްސާ ކިނބިހި އަޅާ އިރު އެ ނިކުންނަ ތިކިތައް ކައިރީގައި ހުރި މީހެއްގެ އަނގައަށް، ނޭފަތަށް ނުވަތަ ލޮލަށް ދިއުމުންނެވެ. އަދި ކޮވިޑް-19ގެ ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ މޫނުގައި އަތްލުމުގެ ސަބަބުން ވެސް އެ ބަލި އެހެން މީހަކަށް ޖެހެ އެވެ.

އެ ވައިރަސް ޕްލާސްޓިކް ނުވަތަ ދަގަނޑުގައި ދެ ދުވަސް އަދި ލަކުޑި ފިލާގައި އެއް ދުވަސްވަރު ހުންނަ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން ހަށިގަނޑަށް ވައިރަސް ވަންނަތާ 10 ދުވަސްތެރޭ ނުވަތަ ތިން ހަފްތާއަށް ވެސް އެ ވައިރަސް ނުފިލާ ހުރެ އެވެ.

ކ. ހިންމަފުށި --

ކަން އެހެން ހުރިއިރު ފުލް ލޮކްޑައުނެއްގައި އޮތް ހިންމަފުށީގެ ހާއްސަ ރައްކާތެރިކަމެއްގައި ހުރި ރިހެބިލިޓޭޝަން ސެންޓަރަކުން އެ ވައިރަސް ފެނުމުން އެ ރަށުގައި ތިބި މީހުންގެ އިތުރުން ވެސް ގިނަ ދިވަހިންނަށް މި ވަނީ ހައިރާންކަމެއް ލިބިފަ އެވެ.

ދެން އޮތީ އެ ނަތީޖާ އަކީ، ނުބައިކޮށް ދެއްކި ނަތީޖާއެއް ނުވަތަ ފޯލްސް ޕޮޒިޓިވްއަކަށް ވުމެވެ. އެކަން ކަށަވަރުވެގެންދާނީ ދެވަނަ ސާމްޕަލް ނަގައި ޓެސްޓް ހެދުމުންނެވެ. އެ މަސައްކަތް ދަނީ މިހާރު ކުރިއަށެވެ.

comment ކޮމެންޓް